• އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 58 ކޮންޓެކްޓުން ހިމެނޭ
  • މ. ކޮޅުފުށި މޮނިޓަރިންއަށް
  • އެކްޓިވް ކޭސްގެ އަދަދު 1،086 އަށް މައްޗަށް

ރާއްޖެއިން އިތުރު 108 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 3،256 ސާމްޕަލް ކަމަށެވެ. އޭގެތެރެއިން 108 ސާމްޕަލްއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 79 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 5 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭ ރަށްތަކަށެވެ. 23 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ. ކަނޑުމަތީގެ އުޅަނދަކުން އެކަކު ޕޮޒިޓިވްވެފައި ވެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި، ކުރިން ޕޮޒިޓިވްވެފައިވާ މީހުންގެ 58 ކޮންޓެކްޓުން ހިމެނޭ ކަމަށެވެ.

މީގެއިތުރުން، އެކްޓިވް ސާވެއލެންސްގެ ތެރެއިން ފެނުނު ކޭސްތަކާއި، އަލާމާތް ހުރެގެން ޓެސްޓްކުރުމުން ފެނުނު ކޭސްތަކާއި އަދި ރިސޯޓްތަކުގެ ޑިޕާޗަރއިން ފެނުނު ޕޮޒިޓިވް ކޭސްތައްވެސް ހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކީ މ. ކޮޅުފުށިން މާލެ ގެނައި ބަލިމީހެއް ކަމަށާއި، އެމީހާ ޕޮޒިޓިވްވުމާ ގުޅިގެން ކޮޅުފުށި މިވަގުތު އޮތީ މޮނިޓަރިންގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދު ރާއްޖެއިން ޕޮޒިޓިވްވި 108 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 14،993 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 36 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 13،849 އަށް އަރާފައެވެ.

މިވަގުތު އެކްޓިވް ކޭސަސްގެ ގޮތުގައި ތިބީ 1،086 މީހުންނެވެ. މީގެތެރެއިން 80 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.