މިއީ ފަޅުރަށަކަށް ދަތުރުދިޔަ ދެ ޖިންސުގެ ޒުވާނުންތަކެއް އަންބަރާކޮށް އުޅުމުގެތެރޭގައި ޖިންނީންގެ ސަބަބުން ކުރިމަތިވިި އާދަޔާޚިލާފް ނާމާން ބިިރުވެރި ހަޤީޤީ ހާދިސާ އެކެވެ. މިހާދިސާގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. އެއީ މިހާދިސާ ކުރިމަތިވި މީހުންގެ ރައްކަލަކަށްޓަކައެވެ.

****

(18 ޖެނުއަރީ 2021 އާ ގުޅޭ)

އެހެންކަމުން މާބޮޑަށް އެކަމާ އަޅާނުލައި ޝިފާއުއަށް ދިމާވިކަންތައް ސާފުކޮށް އޭނާކައިރިން އަހާލީމެވެ. އެވަގުތު ޝިފާއު ވަރަށް ބިރުންހުރެ ބުންޏެވެ. "އަހަރެން މަސްކަނޑަށް ގޮނޑުދޮށުގައި އިންއިރު ޖެހިގެން މަސްކަނޑަން އިނީވެސް ހަމަ އަހަންނެވެ.''

އެވަގުތު އަޙްމަދު ބުންޏެވެ. ''އަހަރެންވެސް ކުޑަކަމުދާންވެގެން ހޭޅިފަށުގައި ހުއްޓާ އަހަރެންނާއި ޖެހިގެން ހަމަ އަހަރެން ކުޑަކަމުދާން ހުއްޓާ ދުށީމެވެ.''

މިހެން ބުނުމުން އަހަރެމެންގެ ހިތަށް އިތުރަށް ބިރުވެރިކަން ވަދެއްޖެއެވެ. އެމީހުން ކުރިން އެނބުނީ ތެދެއްކަން އެނގިއްޖެއެވެ. އަހަރެން ވަރަށް ބިރުގަތެވެ. އަދި ރަށުގެ ނާމާންކަން އިހުސާސް ކުރެވެން ފެށިއެވެ. މި އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދަނީ ބިރުވެރިކަމުގެ އިހުސާސްތަކެވެ.

އެވަގުތު ވަރަށް ހާސްވެގެން މިހާރުން މިހާރަށް ފުރައިގެންދާން ހިނގާށޭ އަހަރެން ބުނީމެވެ. މިހެން ބުނުމަށްފަހު ހުރިހާ އެންމެން އަލިފާންގަނޑު ކައިރިއަށް ޖަމާވުމަށް އެންގީމެވެ. ޖަހާފައިހުރި އަލިފާންގަނޑުގެ ކައިރިއަށް އެންމެން ޖަމާވުމުން އެންމެން ހަމަތޯ ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އިއްސެއެއް ނެތެވެ. ޓެންޓްކައިރީ ހުރެފައި އޭނަ އެދިޔައީ އަނެއްކާ ކޮންތާކަށް ބާވައެވެ. އެހެންކަމުން އަހަރެންނާއި އަދި އިތުރު ކުއްޖަކާއި ދެމީހުން ވަރަށް ބިރުން ތިބެ އޭނާ ހޯދުމަށް ރަށުގެ ހޭޅިފަށުން ވަލުތެރެއަށް ވަނީމެވެ.

އެވަގުތު ހިތަށް ވެރިވެގެންދިޔައީ ނާމާންކަމެވެ. ގަސްގަހުގެ ފަތްތައް ހެލިލާގޮތުން ބައެއް ފަހަރު ސިއްސައިގެންވެސް ދެއެވެ. ހީވަނީ ފަހަތުން މީހަކު އަންނަ ހެންނެވެ. ނަމަވެސް ފަހަތް ބަލާނުލާ ކުރިއަށް ހިނގަމުން ގެންދިޔައީމެވެ. އިސާހިތަކު މީހަކު ވަލުތެރެއިން ނިކުމެގެންދާ މަންޒަރު ފެނުނެވެ. އަދި އެއީ އިއްސެކަން އެނގުމުން އިއްސެއަށް ވަރަށް ބާރަށް ގޮވާލީމެވެ. މިއަޑަށް އަހަރެމެންނާއި ދިމާލަށް ވަރަށް އުފަލުން ހެމުން ހެމުން އިއްސެ އައެވެ.

އިއްސެ ހެވިފައި ހުރުމުން އިއްސެ ތިޔައި ކޮންތާކުންތޯ އަހަރެމެން އަހާލީމެވެ. އިއްސެ ބުންޏެވެ. މިއައީ މިރަށުން ފެނުނު ވަރަށް ސަޅި ބިޓަކާއި އެއްކޮށް ''މަޖާކޮށްލާފަ.'' އެއީ ވަރަށް ރީތި ކުއްޖެ. މިހާތަނަށް އެވަރުގެ ރީތިކުއްޖެއް އަދި ނުދެކެން"

އިއްސެ މިހެން ބުނުމުން އަހަރެމެންނަށް އިތުރު ހައިރާންކަމެއް ލިބުނެވެ. ސުވާލުތައް އުފެދެން ފެށިއެވެ. އޭރު ދޯނިން އަހަރެމެންނާއެކު އައި ހުރިހާ އަންހެން ކުދިންވެސް ހަމަޔަށް އަލިފާންގަނޑު ކައިރީތިއްބެވެ. އަދި ހިތާހިތާ ސުވާލުކުރެވުނެވެ. އިއްސެ އެއައީ އަނެއްކާ ކޮންކުއްޖަކާ އެކީ ގޮސްފައި ހެއްޔެވެ. އެއައީ ރަނގަޅު ކުއްޖެއް ކައިރިއަކުން ނޫނެވެ. މިރަށުގައި ދެން އިތުރު އަންހެން ކުއްޖަކު އުޅޭނެ ހެއްޔެވެ؟ އިއްސެ އެއައީ ގޯހެއް ހަދާފައެވެ.

އިއްސެ އެދެއްކި ވާހަކަތަކާއި ގުޅިގެން އެޚިޔާލުގައި އަހަރެމެން ތިބުމަށްފަހު އިތުރު އެއްވެސް ވާހަކައެއް ނުދައްކާ އިއްސެ ގޮވައިގެން ރޯކޮށްފައިވާ އެ ބޮޑު އަލިފާންގަނޑުގެ ކައިރިއަށް ނިކުތީމެވެ. އޭރު އެންމެންގެ މޫނުމަތިންވެސް ބިރުވެރިކަމުގެ އިޙްސާތައް ފެންނަމުން ދިޔައެވެ. މިވަނީ ކީއްކަމެއް އެއްވެސް އަންހެން ކުއްޖަކަށް ނޭގެއެވެ.

މިރަށް ވަރަށް ނާމާން! މިހާރުން މިހާރަށް ފުރަންވީ! އަހަރެން ބުނީމެވެ.

މިހެން ބުނުމާއެކު ދަތުރުގައި ބައިވެރިވި އަންހެން ކުދިންނަށާއި އިއްސެއަށް ވަކިން ހައިރާންކަމެއް ލިބި، ސިހިގެން ދިޔައެވެ. އެހެންނަމަވެސް އެމީހުން އިތުރު ސުވާލެއް ނުކުރެއެވެ. އަހަރެމެންވެސް އިއްސެއަކަށް އެކަމެއް ނާންގަމެވެ. އަވަހަށް ސަލާމަތުން ދޯންޏަށް އެރޭތޯ މަސައްކަތް ފެށީމެވެ. ދޯނީގައި އިން ރަށްބަލަހައްޓާ ބިދޭސީމީހާއަށް އަހަރެމެން ގޮވުމުން ދޯނިން ފައިބައިގެން ޑިންގީގައި އެއްގަމަށް އައެވެ. އެމީހާ ރަށުގެ ގޮނޑުދޮށަށް ފޭބުމާއެކު އަވަސް އަވަހަށް ބާރަށް ހިނގާފައިގޮސް ގެއަށްވަދެ ދޮރުޖެހި މަންޒަރު ފެނުނެވެ. އެވަގުތު އޭނާގެ އަތުގައި ޚަތިމުއޮތް އޮތުމުން މިރަށުގެ ނާމާންކަން ވަކިން ބޮޑަށް އިޙްސާސް ކުރެވުނެވެ. އެހެންކަމުން ބަލަން ނުތިބެ ފަހަރަކު 4 މީހުން ޑިންގީގައި ދޯންޏަށް އަރުވަމުން ގެންދިޔައީމެވެ. (އެއީ ކުޑަ ޑިންގީއެއްކަމުން އެއަށް އެރެނީ ފަހަރު 4 މީހުންނަށެވެ.)

އަހަރެމެންނާއެކު 17 މީހުން މިދަތުރުގައި ބައިވެރިވުމުން ކޮންމެވެސް އެކަކަށް ފަހުން އަރަން މަޑުކުރަން ޖެހުނެވެ. މިގޮތުން އެންމެ ފަހުން ދޯންޏަށް އަރަންޖެހުނީ އަހަރެމެންގެ ތެރެއިން މިފަދަ ކަމަކާ ދިމާނުވާ ކުއްޖަކަށެވެ. އެއީ ނާޝިދުއެވެ. ޑިންގީގައި ކަނބަން ހުރީ އަޙްމަދުއެވެ. އެހެންކަމުން ނާޝިދުބަލާ އަޙްމަދު ޑިންގީގައި އެއްގަމަށް ކަނބައިގަތެވެ. އޭރު އަހަރެމެން އެންމެންވެސް ތިބީ ރަށާދިމާލަށް ބަލަހައްޓައިގެން ބިރުންނެވެ.

މިހެން ތިއްބައި ކުއްލިއަކަށް ހޭޅިފަށުން ހަމަ ނާޝިދުގެ ސިފައިގައި ހުރި މީހަކު ހިނގާފައި އައިސް ނާޝިދާއި އެއްހަމައެއްގައި ޖެހިގެން ހުއްޓުނެވެ. އޭރު އަޙްމަދު ޑިންޑީ ގޮނޑުދޮށަށް ގާތްކުރަނީއެވެ. އަޙްމަދަށްވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ހަދާނެގޮތް ހުސްވެފައި ބިރުން ބަލަން ހުއްޓެވެ. ކުރިމަތީން ފެންނަންހުރީ ދެ ނާޝިދުއެވެ. އެތަނުން ހަޤީޤީ ނާޝިދަކީ ކޮބައިބާވައޭ އޭރު ދޯނީގައި ތިބި މީހުން ބިރުން ތިބެ ކިޔަމުން ދިޔައެވެ.

ނަމަވެސް ބިރުން ހުރެ އަޙްމަދު ޑިންގީ ގޮނޑުދޮށަށް ކައިރިިކުރިއެވެ. އަދި ބުންޏެވެ. ތިތަނުން ނާޝިދުކިޔާ މީހަކު ހުރިއްޔާ ބިސްމި ކިޔާފައި ޑިންގީއަށް އަރާށެވެ. މިހެން ބުނުމުން އެތަނުން އެކަކު ހިނގާފައި އައިސް ބިސްމިކިޔާފައި އެރުމުން ބަލާކަށް ނުހުރެ ދޯންޏާއި ވީކޮޅަށް ޑިންގީ ކަބައިގަތެވެ. އަދި ނާޝިދުއާއި އަޙްމަދު ދޯންޏަށް އެރިއެވެ. އެވަގުތު ގޮނޑުދޮށުގައި ނާޝިދުގެ ސިފައިގައިި ހުރި ދެވަނަމީހާ ހޭޅިއާ ދިމާލަށް ހިނގައިގަތެވެ.

ދެންފެނުނީ އެއަށްވުރެ ބޮޑު ހައިރާންކަމެކެވެ. އެނާޝިދުގެ ސިފައިގައި ހުރިމީހާ ހިނގާފައިދާވަރަކަށް ދޯނީގައި ތިބި އެންމެންގެ ސިފައަށް އެމީހާ ބަދަލުވަމުންދާތަނެވެ. ދޯނީގައި ތިބި އަންހެނުންނާއި ފިރިހެނުންގެ ސިފައަށެވެ. މިކަމާ އަހަރެމެން ވަރަށް ބިރުގަތެވެ. އަދި އަންހެންކުދިންތައް ބިރުން ރޯން ފެށިއެވެ. އެހެންކަމުން ދޯނި ފަޅުން ނުކުމެގެން މާލެއާއިދިމާއަށް މިސްރާބު ޖެހިއެވެ.

އޭރުވެސް އަހަރެން ހުރީ އެމީހާއައި ދިމާލަށް ބަލާށެވެ. ކުއްލިއަކަށް އެމީހާ ގެއްލިއްޖެއެވެ. ދެންފެނުނީ ރަށުތެރެއިން އަރައިގެން އައި ބޮޑު އަލިފާންގުޅައެއް ދޯނީގެ މަތިންލާފައި ވަރަށް ބާރަށް ދިޔަތަނެވެ. މުޅި އެސަރަހައްދު ދިއްލިގެން ދިޔައެވެ. އަހަރެމެން ބިރުން ވިރިވިރި ތިބި ނަމަވެސް އަހަރެން ނަކަށްވެސް ކުރެވޭނެކަމެއް ނެތެވެ. ދޯނީގައި ތިބި އަންހެން ކުދިންތައް ހަޅޭއްލަވައި ރޮމުން ގެންދެއެވެެ. ގިސްލާމީހުން ގިސްލަމުން ދެއެވެ. އެންމެވެސް ތިބީ ދެންވާނެ ގޮތަކާއިމެދު ވިސްނާށެވެ. ހަދާނެގޮތް ހުސްވެފައެވެ. ނަމަވެސް އަޙްމަދުގެ ރަށްޓެހި ރުޤުޔާ (ހުއްދަ ފަންޑިތަ ނުވަތަ ފަރުވާ ދިނުމަށް ހެދޭ ފަންޑިތަ) ހަދާ މީހެއްކަމަށްވާ އިބްރާހީމްބެ (އަސްލު ނަމެއްްނޫން) މާލޭގައި ހުރުމުން އިބްރާހީމްބެއަށް ވަގުތުން އަޙުމަދު ފޯނުން ގުޅާ އެވާހަކަތައް ކިޔައިދިނެވެ.

އަހަރެމެންނަށް މާލެއާދެވުނީ އެރޭގެ ދަންވަރުއެވެ. އަދި ދޯނި ގާތްކުރިއިރު އިބްރާހީމްބެ ދޯނީގެ އިންތިޒާރުގައި ހުއްޓެވެ. އަދި ދޯނިން އެއްވެސް މީހަކު ފޭބިޔަނުދީ އިބްރާހިމްބެ ދޯންޏަށް އަރާ ކިޔަވަން ފެށިއެވެ. އެވަގުތު އިއްސެއަށް ގޮތްތަކެއް ވާންފެށިއެވެ. އަދި އޭނާ ޖިންނި މޮޔަވެފައިވާ މީހެއް ފަދައިން ދޯނިތެރޭގައި އުޅެމުންދިޔައެވެ.

އިއްސެއަކީ ވަލުތެރެއިން ފެނުނު އަންހެން ކުއްޖާއާއި ގާތްގުޅުމެއް ބެހެއްޓި މީހާއެވެ. އިބްރާހީމްބެ ބަލާކަށް ނުހުރެ ބުންޏެވެ. ''އަހަރެންގެ އަތުގައި ހިފާ! ދެން ކޮންމެ މީހަކުވެސް ދޯނިން ފައިބާ! މިހެން ބުނުމުން ހުރިހާ އެންމެން އެގޮތަށް އިބްރާހިމްބެގެ އަތުގައި ހިފައިގެން ދޯނިން ފޭބިއެވެ. އޭރުވެސް އިއްސެ ދޯނީގައި ހުއްޓެވެ. އިބްރާހިމްބެ އޭނަގެ ގާތަށްގޮސް ކިޔަވަން ފެށިއެވެ. އަދި އޭނަ ހަމަޔަކަށް އަޅުވައިގެން ދޯނިން ބޭލިއެވެ. އަދި އޭނާގެ ގަޔަށް ބަލާލިއިރު އޭނަގެ ގައިގެ އެތަން މިތާނގައި މީހަކު ވަކިއަޅާފައި ހުރިކަހަލަ ނިޝާންތައް ފެންނަން ހުއްޓެވެ.

އެނބުރި މާލެ އާދެވުނު ނަމަވެސް އަހަރެންގެ ހިތުން ދުވަހަކުވެސް މިދަތުރުގެ ހަނދާންތައް ފިލައިގެނެއް ނުދެއެވެ. މިއީ އަހަރެމެންނަށްވެސް އުޅެވުނު ގޮތުން ދިމާވި ޖިންނީންގެ ކަންތައް ގަނޑެކެވެ. އެއަށްފަހު އަހަރެން ކުރިން އުޅުނު އެއުޅުން ދޫކޮށްލާ ﷲ އަށް ބިރުވެތިވެ ކުރެވުނު ކުށަށް ތަޢުބާ ވެއްޖައީމެވެ. އަދި ރަނގަޅު ވަޒީފާއަކަށްވަދެ މިއަދު މިހުރީ އާއިލާއާއިއެކު ހެޔޮލަފާ ރަނގަޅު ދިރިއުޅުމެއް ގައެވެ. އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް އެފަދަ ގޮތަކަށް ނޫޅުމަށް ޢަޒުމް ކަނޑައަޅައިގެންނެވެ. (ނިމުނީ)