ކޮވިޑް ވެކްސިން ޖެހުމަށް މިހާތަނަށް 19،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ.ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ދުވާލެއްގެ މައްޗަށް ހާހެއްހާ މީހުން ވެކްސިނަށް ރަޖިސްޓާކުރާ ކަމަށް އެގޮތުން މިހާތަނަށް 19،666 މީހަކު ޕޯޓަލްގައި ރަޖިސްޓާކޮށްފައިވާ ކަމަށެވެ.

އެއީ ދުވާލެއްގެ މައްޗަށް ހާހެއްހާ މީހުންކަން ފާހަގަކުރައްވާ ޑރ.ނަޒްލާ ވަނީ ވެކްސިން ޖެހުމަށް ޕޯޓަލްގައި ގިނަބަޔަކު ރަޖިސްޓްރީ ވުމަށް އެދިވަޑައިގަންނަވާފައެވެ.

ކޮވިޑު ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ޖެހޭނީ my.health.mv ޕޯޓަލުންނެވެ.

ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން އެންމެ ފުރަތަމަ ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އިންޑިއާއިންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ވެކްސިންގ ގަތުމަށް ނިންމާފައިވަނީ ސިންގަޕޫރުގެ އެސްޓްރާޒެނެކާއިންނެވެ. މި ވެކްސިން ގަތުމަށް ނިންމާފައިވަނީ މިވެކްސިންއަކީ މިވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުންވެސް ފާހަގަކުރާތީކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ރާއްޖޭގެ މުޅި އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ގަތުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ރާއްޖެއިން ވަނީ ކޮވިޑް ވެކްސިން ދިނުމުގައި އިސްކަންދޭނެ ތަރުތީބު ހާމަކޮށްފައެވެ. އެގޮތުން، ފުރަތަމަ ވެކްސިންދޭނީ ސީދާގޮތުންނާއި އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުންނާއި، އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ޑޮކްޓަރުންނާއި، ނަރުހުންނާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި، ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މީހުންނެވެ.

ވެކްސިން ދިނުމުގައި ދެވަނައަށް އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 50 އަހަރުންމަތީގެ މީހުންނާއި ކޮވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ ތަފާތު ބަލިތަކުގައި ހޭދަކުރާ މީހުންނެވެ. ދެން ހިމެނެނީ، ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނެވެ.