ކޮވިޑް-19އާ ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި މިހާތަނަށް 252 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް، 17,535 މީހަކަށް އިންކަމް ސަޕޯޓުގެ ގޮތުގައި 252.5 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

އިންކަމް ސަޕޯޓްގެ ގޮތުގައި ދޫކުރަނީ މީހަކަށް މަހަކަށް 5000 ރުފިޔާއެވެ. އަދި މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް މިހާރު ލިބޭ އަދަދު 5،000ރ. އިން އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.

ސަރުކާރުން، އިންކަމް ސަޕޯޓް އެލަވެންސް ތައާރަފުކޮށްފައިވަނީ ކޮވިޑް-19ގެ ސަބަބުން، މީހުން ވަޒީފާއިން ވަކިކޮށް މުސާރަ ކުޑަކޮށްފައިވާތީ، މިދަފަ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއެއް ހޯދާދިނުމުގެ ގޮތުންނެވެ.

މި އެލަވަންސް ފޯރުކޮށްދެނީ، ކޮވިޑް-19 އާ ގުޅުންހުރި ސަބަބަކާ ގުޅިގެން ދިވެހިންގެ ތެރެއިން މިވަގުތު ވަޒީފާއެއް ނެތް ފަރާތްތަކަށާއި، ނޯ ޕޭ ލީވްގައި ހުރި ފަރާތްތަކާއި، މުސާރައިން ބައެއް އުނިކޮށްފައިވާ ފަރާތްތަކުގެ އިތުރުން އާމްދަނީ ހޯދުމަށް ދަތިވެފައިވާ އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި، ފްރީލާންސް މަސައްކަތްތެރީނަށެވެ.

މި އެލަވަންސަށް ކުރިމަތިލާ ފަތާތްތަކުން 1 ޑިސެމްބަރ 2019 އާ ހަމަޔަށް ވަޒީފާއެއްގައި މަސައްކަތްކޮށްފައިވާ މީހެއްކަމުގައި ވާންޖެހެއެވެ.

މިދިޔަ ޑިސެމްބަރުމަހުގެ އިންކަމް ސަޕޯޓް އެލަވެންސަށް އެދެވޭނީ މިމަހުގެ 31 ގެ ނިޔަލަށެވެ.