ހދ އަތޮޅުގައި ޕޮލިސް ސްޓޭޝަން ނުހުންނަ ރަށްރަށުގައި ހާއްސަ އޮޕަރޭޝަންތަކެއް ކުރިޔަށްގެންގޮސްފިއެވެ.
މި އޮޕަރޭޝަންތަކަކީ، ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމާއި ރައްޔިތުންނާ ގާތުން ހިދުމަތްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން އެއަތޮޅުގައި ހާއްސަ އޮޕަރޭޝަންތަކެކެވެ.
އެއަތޮޅުގައި ފުލުހުންގެ ހިދުމަތް ގާއިމުވެފައި ނެތް ރަށްރަށަށް މިމަހުގެ 5 އިން ފެށިގެން 19 އަށް އެކި ދުވަސްމަތިން ޒިޔާރަތްކޮށް، އެ ރަށްރަށުގައި ވިޔަފާރިކުރާ ތަންތަނާއި ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ އިތުރުން ޓްރެފިކް މައްސަލަތައް މަދުކުރުމަށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން ރަށްރަށުގެ މަގުތަކަކީ އެންމެނަށް އަމާން ރައްކާތެރި މަގުތަކަކަށް ހެދުމާއި އެ ރަށްރަށުގައި ދުއްވާ އެއްގަމު އުޅަނދު ތަކަކީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ދުއްވާ އުޅަނދު ތަކެއްތޯ ބަލާފައިވެއެވެ. އަދި އެ ގާނޫނަށް އަލަށް ގެނެސްފައިވާ އިސްލާހުތަކަށް އުޅަނދު ދުއްވާ ފަރާތްތައް އިތުރަށް އަހުލުވެރި ކުރުވުމަށްވެސް މައުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާއިރު، ކުށުގެ އެއްވެސް އަމަލެއް ހިންގައިފިނަމަ އަމަލުކުރަންވީ ގޮތްތަކާ އަދި ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ވަކިން ހާއްސަކޮށް ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިއެވެ.
އަދި ވިޔަފާރި ބަންދުކޮށްފައިދާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށާއި ފިހާރަ ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ޔަގީން ކުރުމާ އަދި ފިހާރައިގެ ބޭރުގައި ދަންވަރުގަޑީގައި މުދާ ނުބެހެއްޓުމަށާއި ރޭގަނޑު ފިހާރަ ބަންދުކޮށްފައި ދާއިރު ފިހާރައިގައި އަލިކަމެއް ބެހެއްޓުމަށްވެސް މި އޮޕަރޭޝަނުގައި ނަސޭހަތްތެރިވެފައިވާނެކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ، މި އޮޕަރޭޝަނުގައި ގޭބިސީތަކަށް ޒިޔާރަތްކޮށް އާންމު ރައްޔިތުން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށެވެ. އެގޮތުން، ގެދޮރާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރަށް ކުރެވެންހުރި ކަންކަމުގެ މައުލޫމާތާއި، ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ކުށުގެ ވެށިން ރައްކާތެރިވެތިބުމަށް މައުލޫމާތު ދީފައިވާނެކަމަށެވެ.
މީއިތުރުން، އެ ރަށްރަށުގެ ކައުންސިލުތަކާވެސް ފުލުހުން ބައްދަލުކޮށްފައިވެއެވެ. އެގޮތުން ރަށުގެ އާންމު ހާލަތު އޮޅުންފިލުވައި، ކުށްމަދު މާހައުލެއް ރަށުގައި ގާއިމުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވެންހުރި ކަންމާއި އެކަންކަން ކުރުމަށް މަޝްވަރާކޮށްފައިވެއެވެ.
ހދ. އަތޮޅުގައި ފުލުހުން ގާއިމުވެފައި ނެތް ރަށްރަށަކީ ކުރިނބި، ނެއްލައިދޫ، ނައިވާދޫ އަދި ހިރިމަރަދު އާއި ކުމުންދޫގެ އިތުރުން ފިނޭ އާއި ވައިކަރަދޫއެވެ.