ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތައް އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދާ މިއަދު ހަވާލުކުރައްވައިފިއެވެ.

މި ބަދަލާއި ގުޅިގެން، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ އިބްރާހީމް ހޫދުގެ ބެއްލެވުމުގެ ދަށުންކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ކޮމިއުނިކޭޝަންސްގެ މަގާމު ފުރުއްވަމުން ގެންދެވި ހަސަން އިސްމާއީލް، އެ މަގާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ހަސަން އިސްމާއީލް އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ 2021 ޖަނަވަރީ 24 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތައް އިބްރާހިމް ހޫދުއާ ހަވާލު ކުރެއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ ދައުރު ކުރިން ފުރުއްވަމުން ގެންދެވީވެސް ހޫދެވެ.

ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަގާމު އުފައްދަވައި އެ މަގާމަށް މުހައްމަދު މަބްރޫކް އަޒީޒު، މި ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން އައްޔަން ކުރައްވާފައިވާކަން ޖެނުއަރީމަހުގެ 8 ވަނަ ދުވަހު ރައީސް އޮފީހުން ހާމަކޮށްފައެވެ.