ފާއިތުވެދިޔަ 9 މަސްތެރޭ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށައަޅާފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އުނދަގޫ ދަނޑިވަޅުގައި، ހިދުމަތް ހޯދުމަށް ގިނަ ބަދަލުތަކެއް ބޭންކުން ވަނީ ގެނެސްފައެވެ. އެގޮތުން ކަސްޓަމަރިންނަށް ލުއި ފަސޭހަކަމާއެކު ހިދުމަތް ހޯދުމަށް މަގުފަހި ކުރުމަށް ބީއެމްއެލް އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެތެރޭގައި، ކަސްޓަމަރުނަށް ފޯރުކޮށްދޭ ގިނަ ހިދުމަތްތައް އޮންލައިން ކޮށް އެދި ހުށަހެޅޭ ގޮތަށް ހަމަޖައްސާފައިވެއެވެ.

ބީއެމްއެލް އިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި، އިތުރު އެކައުންޓް ހުޅުވުމާއި، ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދި ހުށަޅުމާއި، ލުއި ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން މަލުލޫމާތު ފޯމު އަޕްޑޭޓް ކުރުން ހިމެނެއެވެ.

މި ހިދުމަތްތަކަށް 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށައަޅާފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ހުށަހެޅުނު އަދަދެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 33 އިންސައްތަ އިތުރު އަދަދެކެވެ.

ބީއެމްއެލް އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ގިނަ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ވަނީ ބާރުއަޅާފައެވެ. މި ގޮތުން އިންޓަރނެޓް ބޭންކިންގ ގެ އިތުރުން ހިދުމަތް ހޯދުމަށް ކަސްޓަމަރުން ބޭންކަށް އަންނަންޖެހޭ ގޮތަށް ހުރި ގިނަ ޚިދުމަތްތައް އޮންލައިންކޮށް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ ތެރޭގައި އިންޓަރނެޓް ބޭންކިންގ އަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމާއި، ޑިޖިޓަލް ޕިންގެ ޚިދުމަތުގެ އިތުރުން ޓީޓީ އަށް އެދި ހުށަހެޅުމާއި، ޕޭރޯލްގެ ހިދުމަތް ހޯދުމަށް އީމެއިލް ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ބޭންކުގެ ބްރާންޗްތަކުން ކިއުބީއެޕް ނަންބަރުތަކަށް ޚިދުމަތް ދެމުންދާއިރު ސަރވިސް ސެންޓަރ ތަކުން ހިދުމަތް ދެމުންދާނީ އެޕޮއިންޓްމަންޓަށެވެ.

ކޮވިޑް-19 ފެތުރެން ފެށި ފަހުން، އޮންލައިން ހިދުމަތްތައް ބޭނުންކުރާވަރު އިތުރުވެ، މިހާރު ބޭންކުގެ 90 އިންސައްތައަށް ވުރެ ގިނަ ކަސްޓަމަރުން އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް ބޭނުންކުރެއެވެ.