ދިވެހި ރުފިޔާގެ ނިޝާނެއް ފަރުމާކުރާނެ ބަޔަކު ދޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން އިއުލާންކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ، ގިނަ ގައުމުތަކުގައި އެ ގައުމެއްގެ ފައިސާއަށް ހާއްސަކޮށްގެން ނިޝާނެއް ބޭނުންކުރަމުން އަންނަ ކަމަށާއި، މި ނިޝާނަކީ ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާ ނިޝާނެއްކަމަށެވެ. އެހެެންކަމުން ދިވެހިރާއްޖޭގައި ވެސް މިފަދަ ނިޝާނެއް ހެދުމަށް އެއޮތޯރިޓީން ނިންމައިފައިވާތީ، ނިޝާން ފަރުމާކުރުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ހުޅުވައިލާކަމަށް އިއުލާނުގައިވެއެވެ.

ރުފިޔާގެ ނިޝާން ކުރަހަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 21 ވަނަ ދުވަހުގެ ކުރިން އެ އޮތޯރިޓީއަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ.

އެމްއެމްއޭ އިން ވަނީ ރުފިޔާ ނިޝާނަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ހުށަހެޅުމަކަށް 20،000 ރުފިޔާގެ އިނާމެއް ދިނުމަށް ނިންމައިފަ އެވެ.

ޑިޒައިން ހުށަހެޅުމުގައި ގެންގުޅެން ޖެހޭ އުސޫލުތަކުގެ ތެރޭގައި A4 ސައިޒް ކަރުދާހެއްގައި ކަޅާއި ހުދުލުކުލައިން ހުށައެޅުމަށް އެދިފައިވެއެވެ. ޑިޒައިން ޕްރޮޕޯސަލްއާ އެކު ޑިޒައިންގެ ވެކްޓަރ ފައިލް ވެސް އެޑޯބް އިލްސްޓްރޭޓަރ ނުވަތަ ކޮރަލްޑްރޯ ފޯމެޓުގައި ހުށަހަޅަންވާނެ ކަމަށްވެސްވެއެވެ.

ފަރުމާކޮށްފައިވާ ޑިޒައިނުގެ ގްރެފިކަލް ކޮންސްޓްރަކްޝަން، ފައިނަލް ޑިޒައިންއާއެއް ޕްރޮޕޯޝަނެއްގައި އެއަށްވުރެ ސައިޒުން ބޮޑުކޮށް ހުށަހަޅަންވާނެކަމަށާއި، އަދި ފައިނަލް ޑިޒައިންއާއި އެ ޑިޒައިނުން ދިވެހި ރުފިޔާ ރަމްޒުކޮށްދީފައިވާ ގޮތުގެ ކޮންސެޕްޓް ވެސް ހުށަހަޅާ ފަރުމާކޮށްފައިވާ ނިޝާނުން ދިވެހިރާއްޖެ ނުވަތަ ދިވެހި ރުފިޔާ ރަމްޒުކޮށްދޭންވާނެކަމަށްވެސް ވެއެވެ.

ޕްރޮޕޯސަލްއާ އެކު ފައިނަލް ޑިޒައިން ފޮންޓް ސައިޒް 500, 400، 300، 200، 100، 30، 40، 20، 10 އަދި 5 ޕޮއިންޓް ގައި ހުށަހަޅަންވާނެކަމަށްވެސް ބުނެފައިވެއެވެ.

ހުށަހަޅާ ޑިޒައިން ހުންނަންވާނީ ކޮމްޕިއުޓަރ ކީބޯޑު ތަކުގައި ބޭނުންކުރެވޭނެ ފަދަ ގޮތަކަށްކަމަށާއި، އަދި އެކި ސްޓައިލްތަކުގެ ފޮންޓާ އެކު ބޭނުންކުރެވޭ ގޮތަށް ބަދަލު ކުރެވޭނެ ނިޝާނަކަށް ވާންވާނެކަމަށްވެސް ވެއެވެ.

ފަރުމާކުރާ ނިޝާނަކީ ކަނާތުން ވާއަތަށް އަދި ވައަތުން ކަނާތަށް ލިޔާ ބަސްތަކުގައި ވެސް ބޭނުންކުރެވޭ ފަދަ ނިޝާނަކަށްވާންވާނެކަމަށާއި، ލިޔުމުގައި ނިޝާން ޖަހާނީ ހިސާބު އަދަދުގެ ކުރީގައެވެ.

އެމްއެމްއޭއިން ބުނީ ހުށަހަޅާ ޑިޒައިނަކީ ޑިޒައިން ހުށަހަޅާ ފަރާތުގެ އަމިއްލަ މަސައްކަތަކަށް ވާންވާނެކަމަށާއި، އެ ޑިޒައިނަކީ ނުވަތަ އޭގެންއެއްވެސް ބަޔަކީ އެހެން ފަރާތެއްގެ މަސައްކަތަކުން ހުއްދަ ނުހޯދާ ނަކަލުކޮށްފައިވާ އެއްޗަކަށް ވެގެން ނުވާނެކަމަށެވެ.