އުފެދޭ ކުނީގެ މިންވަރު މަދުކޮށް، ކުނީގެ ގޮތުގައި ތަކެތި އުކައިލާ އާދަތަކާ ދުރުހެލިވެ، ތިމާވެއްޓާއި ރަޙުމަތްތެރި އާދަކާދަތައް އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.

އެ ކަމަނާ މި ކަމަށް ގޮވައިލެއްވީ "ޕްރިވެންޝަން އޮފް މެރިން ލިޓަރ އިން ދި ލަކްޝަދްވީޕް ސީ" ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭގައި މިއަދު ހެނދުނު ކުރިއަށްގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް ފައްޓަވައިދެއްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ކަމަނާ ވިދާޅުވީ ސާފުކުރުމުގެ ހަރަކާތްތަކަކީ ޕްލާސްޓިކާ ދެކޮޅަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި، މިފަދަ ހަރަކާތްތަކުގެ ސަބަބުން އެ ކަމުގައި ހަރަކާތްތެރިވާ ދަރުމަވެރިންނަށް ޕްލާސްޓިކުން ވެއްޓަށް ލިބޭ ގެއްލުން ދެނެގަތުމުގެ ފުރުޞަތު ލިބިގެންދާ ކަމުގައެވެ. އަދި، ގޮނޑުދޮށް ފަދަ ތަންތަން ސާފުކުރުމާއި، ޕްލާސްޓިކުން އުފައްދާ ތަކެތި ރީސައިކަލް ކުރުމުން ނުފުދޭކަމަށާއި، މި ކަމުގައި އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކް ފުޅިއާއި ކޮތަޅު ފަދަ ތަކެތީގެ ބަދަލުގައި، ތިމާވެއްޓާއި ރަޙުމަތްތެރި ބާވަތްތައް އިސްކުރަން އެދިވަޑައިގަންނަވާފައެވެ. ހަމައެއާއެކު، އަންނައުނު ފަދަ ތަކެއްޗަކީ ވެސް އެއް ފަހަރު ބޭނުންކޮށްފައި އުކައިލުމުގެ ބަދަލުގައި، ބައު ނުވަތަ ހަލާކު ނުވާ ނަމަ، އެހެން މީހަކަށް ވެސް އޭގެ ބޭނުން ހިފޭނެ ތަކެތި ކަމަށް ވިދާޅުވެ، އެފަދަ ތަކެތި ބޭނުންކުރުމުގެ އާދަތަކަށް ބާރުއެޅުމަށް އެ ކަމަނާ ގޮވައިލެއްވިއެވެ.

އެ ކަމަނާ ވަނީ ތިމާވެއްޓަށް ލޯބިކުރާ މީހުންނާއި ކުދިން، މުޅި މުޖުތަމަޢުގެ ލާބައަށްޓަކައި ސާފުކުރުމުގެ ޕްރޮގްރާމުތަކުގައި ބައިވެރިވުން މުހިންމުކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، އެ މީހަކީ ތަންތަނަށް ކުނިއަޅާ މީހަކު ކަމުގައި ނުވި ނަމަވެސް އުކައިލާފައި ހުންނަ ކުނި ނަގައި ސާފުކުރުމާއި އަދި ތިމާވެއްޓާ ރަޙުމަތްތެރި ގޮތްތަކަށް ކަންކުރުމަށް ބާރުއެޅުމަކީ ކޮންމެ ފަރުދަކަށް ވެސް ކުރެވޭނެ، އަދި އޭގެ ސަބަބުން މުޖުތަމަޢަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ މުހިންމު މަސައްކަތެއް ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ.

ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރުމަށް ރާއްޖޭގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޒިންމާދާރު ގޮތުގައި ކުނި މެނޭޖުކުރުމަށް ޙައްލުތަކެއް ހޯދުމުގެ މަސައްކަތުގައި ކަމާބެހޭ ހުރިހާ ފަރާތްތަކުން އެ ކަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ބާވަތުގެ ޕްލާސްޓިކު ރާއްޖޭގައި ބޭނުންކުރުން ހުއްޓައިލުމުގެ ޕްލޭނަކީ ވެސް މި ގޮތަށް ކަމާގުޅޭ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާގެ ދަށުން ކުރެވުނު މަސައްކަތެއްކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭންގެ ދަށުން 2021 ޖޫން 1 ވަނަ ދުވަހުން ފެށިގެން ކަނޑައެޅިފައިވާ ވަކި ބާވަތްތަކެއްގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުން ހުއްޓައިލެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، މި ޕްލޭންގެ ދަށުން ރާއްޖެ އެތެރެކުރުން މަނާކުރާ ތަކެތި މި ޤަވާޢިދުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ ކިތަންމެ ކުޑަ މިންވަރެއް އިތުރަށް އިންޕޯޓްކުރި ނަމަވެސް މި ޤަވާޢިދުގެ ހަޤީޤީ ބޭނުން ނުފުދޭނެ ކަމުގައެވެ.

"ޕްރިވެންޝަން އޮފް މެރިން ލިޓަރ އިން ދި ލަކްޝަދްވީޕް ސީ" ޕްރޮޖެކްޓަކީ ކަނޑުތަކަށް ކުނިއެޅުމުން ކަނޑުތައް ރައްކާތެރިކުރުމަށް އިންޑިއާ، ދިވެހިރާއްޖެ އަދި ސްރީލަންކާގެ ކަނޑުގެ އައްސޭރިފަށް ހިމެނޭގޮތަށް ހިންގޭ ޕްރޮޖެކްޓެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބައިވެރިވުމާއެކު މި ޕްރޮޖެކްޓް ރަސްމީގޮތުން ފެށުމަށް ހަމަޖެހިފައި ވަނީ 2021 ޖަނަވަރީ 26 ވާ އަންގާރަ ދުވަހުއެވެ.