އަދާލަތު ޕާޓީ އުފެދިފައިވަނީ 100 އަހަރު ދެމިއޮތްނަމަވެސް ގެއްލުވާނުލެވޭނެ އަސާސެއްގެ މައްޗަށްކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އައްޝެއިހް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބުގައި ރައީސްކަމުގެ މަގާމަށް ވާދަކުރައްވާ، އެބޭފުޅާގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ، މީގެ 15 އަހަރު ކުރިން އަދާލަތު ޕާޓީ އުފެދިގެން އައިސްފައިވަނީ ވަރަށް ސާފު އަމާޒަކާ އެއްކޮށްކަމަށެވެ. އަދި ވަރަށް ވަރުގަދަ އަސާސްތަކަކާއި، ވަރަށް ހަރުދަނާ ބިންގަލެއްގެ މައްޗަށްކަމަށެވެ. އެހެންކަމުން އެ ޕާޓީ މީގެ 100 އަހަރު ވަންދެން ދެމިއޮތްނަމަވެސް، އެ މަގްސަދާއި އަމާޒު ގެއްލުވާނުލެވޭނެކަމަށެވެ.
އަދާލަތު ޕާޓީއަކީ އަދުލު އިންސާފުގެ މައްޗަށް ބިނާވެގެންވާ ދީނީ، ސިޔާސީ، އިޖްތިމާއީ، އަދި އިގްދިސޯދީ ނިޒާމެއް ރާއްޖޭގައި ގާއިމްކޮށް އެނިޒާމު ހަރުދަނާކޮށް ދެމެހެއްޓުމަށް އުފެއްދި ޕާޓީއެއްކަމަށް އިމްރާން ވިދާޅުވިއެވެ.
އަދާލަތު ޕާޓީ އުފެއްދީ ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ނާޒުކު ދުވަސްކޮޅެއްގައިކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހު އޭރު އުފެއްދިގެން ދިޔަގޮތުން މާތްވެގެންވާ އިސްލާމްދީނާއި، އިސްތިގްލާލާއި، މިނިވަންކަމުގައި މުޅި ގައުމަށް ދިމާވެދާނެ ކަންކަމުން އަރައިގަތުމުގައި، އަދަލަތު ޕާޓީ ފަދަ ވިސްނުމެއްގައި އޮތް ބަޔަކު ސިޔާސީ މަސްރަހު ހިފޭއްޓުމުގައި އޮންނަން ޖެހޭކަން އެވަގުތު ތިއްބެވި އިސްބޭފުޅުންނަށް ގަބޫލުކުރެވިގެންކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ، އަދާލަތު ޕާޓީގެ އެތެރޭގެ ކެމްޕެއިންގައި ކެމްޕޭން ކުރުމުގެ ވާހަކަ ދައްކާނެކަމަކަށް އުންމީދުނުކުރައްވާކަމަށެވެ. އެހެންނަމަވެސް މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހު ހުރިގޮތުން، ސިޔާސީ ކަންކަމަށް އައިސްފައިވާ އަސަރުތަކާއި ލޮޅުންތަކާއެކު، އޭގެ ބައެއްކަހަލަ ނުފޫޒުތައް ޕާޓީގެ ތެރެއަށް ވަދެ، ޕާޓީގެ ސަފުތައް ބައިބައި ކުރުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން، ޕާޓީއަށް ކުރިޔަށް އޮތް ދުވަސްތަކުގައި ކޮށްފާނެ އަސަރަކަށްޓަކައި، އިންތިހާބުގައި ވާދަކުރަން ގަސްތުކުރީކަމަށެވެ.
އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން، ގައުމަށާއި، އުންމަތަށް ކޮށްދެން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށް ވިދާޅުވެ އިމްރާން ވަނީ ޕާޓީގެ މެމްބަރުންގެ ކިބައިން ޕާޓީއާއި އެކު ސާބިތުކަން މަތީ ކުރިޔަށް ދިއުމަށް އެދިފައެވެ.
އަދާލަތު ޕާޓީގެ ރައީސްކަމަށް އިމްރާން ވާދަކުރައްވާއިރު، އެޕާޓީގެ ރައީސްކަމަށް ދެން ވާދަކުރައްވަނީ، އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އެވެ. އަދާލަތު ޕާޓީގެ މިހާރުގެ ރައީސަކީ އިމްރާން އަބްދުﷲ އެވެ. ޕާޓީގެ ރައީސްކަމުގެ މަގާމަށް އިމްރާން އެންމެ ފުރަތަމަ އިންތިޚާބު ކުރީ 2011 ވަނަ އަހަރުއެވެ.
އަދާލަތު ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 30 ވަނަ ދުވަހުގައެވެ.