ވިޒިޓް މޯލްޑިވްސް އިން މެދުއިރުމަތީގެ ޤައުމުތަކުގެ މެދުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ޚާއްސަ މީޑިއާ ފެމިލިއަރައިޒޭޝަން ޓްރިޕެއް ފަށައިފިއެވެ.
މިއީ މި އަހަރު އެކި މާކެޓްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މިފަދަ ދަތުރުތަކުގެ ތެރެއިން އެންމެ ފުރަތަމަ ދަތުރުވެ.
ހޯމަދުވަހު ފެށި ފެމިލިއަރައިޒޭޝަން ޓްރިޕްގައި މެދުއިރުމަތީގެ މަޝްހޫރު ހަތަރު މީޑިއާ ކަމަށްވާ ސެވުއަރ ފްލެއަރ، ދަ ނެޝަނަލް، މިލޭނިއަމް މިލިޔަނަރ އަދި ފެކްޓް އަބޫދާބީގެ ތަޖުރިބާކާރު ހަތަރު ނޫސްވެރިން ވަނީ ހޯމަދުވަހު ދިވެހިރާއްޖެ އައިސްފައެވެ.
މި ފެމިލިއަރައިޒޭޝަން ޓްރިޕްގެ މަޤްސަދަކީ ދިވެހިރާއްޖެއަކީ މެދުއިރުމަތީގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރަން އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުންކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
މީގެއިތުރުން ކޮވިޑް-l9އިން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ދިވެހިރާއްޖެ އަކީ އާއިލާ އާއެކު ޗުއްޓީ ހޭދަކުރުމަށްވެސް އެންމެ ރައްކާތެރި އަދި ހިތްގައިމު މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމުގެ އިތުރުން ދިވެހިރާއްޖެ އަކީ ފަތުރުވެރިންނަށް ހެޔޮއަގުގައި ވެސް ޗުއްޓީ ހޭދަކޮށްލެވޭނެ މަންޒިލެއްގެ ގޮތުގައި ދައްކައިދިނުންކަމަށެެވެ.
މީޑިއާ ޓީމުން ދިވެހިރާއްޖޭގައި ހޭދަކުރާ ހަ ދުވަހުގެ ދަތުރުގައި ތިބުމަށް ހަމަޖެހިފައިވަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރު އަދި ޝެރަޓަން މޯލްޑިވްސް ފުލް މޫންރިސޯޓް އެންޑް ސްޕާގައެވެ.
އެގޮތުން މި ރިސޯޓްތަކުން އާއިލާތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކާއި، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ރިސޯޓުން ކުރަމުންގެންދާ ކަންކަމުގެ އިތުރުން ތަފާތު ކެއުންތަކާއި މޫދުކުޅިވަރު ހަރަކާތްތަކުގެ އިތުރުން ކޮންމެ ރިސޯޓަކުންވެސް ފަތުރުވެރިންނަށް ތަޖުރިބާކުރެވެން ހުންނަ ތަފާތު ތަޖުރިބާތައް ދަތުރުގައި ބައިވެރިވާ ނޫސްވެރިން ކުރާނެއެވެ.
މިދަތުރަށްފަހު ދަތުރުގައި ބައިވެރިވި ކޮންމެ ނޫހެއްގެ ޕްރިންޓް، އޮންލައިންއަދި މީސްމީޑިއާގެ ޒަރިއްޔާއިން ދިވެހިރާއްޖޭގައި ލިބެން ހުންނަ ޚިދުމަތްތަކާއި ދަތުރުގައި ތިބި ކޮންމެ ރިސޯޓަކުން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތަކާ ބެހޭ އާޓިކަލް ޕަބްލިޝްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ، މި އާޓިކަލްތައް 3.7 މިލިއަނަށް ވުރެ ގިނަ މީހުންނަށް ފޯރާނެ ކަމަށް ބެލެވޭކަމަށެެވެ.
މި އަހަރު، ވިޒިޓް މޯލްޑިވްސްއިން ވަނީ މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި މުޅިން އާ ސްޓްރެޓެޖީތަކެއް ކަނޑައަޅާފައެވެ. އެގޮތުން މިއަހަރު މެދުއިރުމަތީގެ ގައުމުތަކުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ކުރިއަށް ގެންދިއުމަށް ގިނަ މާކެޓިންގ ހަރަކާތްތަކެއް ވަނީ ރާވާފައެވެ.
އޭގެތެރޭގައި ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ޖޮއިންޓް ޕްރޮމޯޝަންތަކާއި، މުހިންމު ޓްރެވަލް ޓްރޭޑް ފެއާތަކާއި ރޯޑްޝޯތަކުގަ އިބައިވެރިވުން ހިމެނެއެވެ.
މީގެއިތުރުންވެސް މެދުއިރުމައްޗަށް ހާއްސަކޮށް، ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް އަރަބި ބަހުން ޑިޖިޓަލް އަދި ސޯޝަލް މީޑިއާގައި އެކި ހަރަކާތްތަކާއި ވާޗުއަލް ހަރަކާތްތައް ހިންގުމަށް ވަނީ ރާވާފައެވެ.
މިއީ ކޮވިޑް-19ގެ ކުރިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަމުން އައި އަދަދަށް ފަތުރުވެރިން ގެނައުމުގެ މަގުސަދުއި ކަނޑައަޅާފައިވާ ސްޓްރެޓެޖީތަކެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.
މިދިޔަ އަހަރު މެދުއިރުމަތިން ދިވެހިރާއްޖެއަށް ވަނީ 26،288 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް، ބޯޑަރު ހުޅުވާލުމަށް ފަހު ރާއްޖެއަށް މެދުއިރުމަތީގެ ޤައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.