ރާއްޖޭގެ ގިނަ މީޑިއާތައް ގުޅިގެން ހިންގި "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕެއިނުގެ ދަށުން "ރައްޔިތުންގެ ކެމްޕެއިން" ގެ ނަމުގައި އާންމުންނަށް ބައިވެރިވެވޭގޮތަށް ހިންގި ވީޑިއޯ އަދި ފޮޓޯ މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފިއެވެ.

މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދެއްވީ، އާދީއްތަ ދުވަހުގެރޭ ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު މުހަންމަދު މަބްރޫކް އަޒީޒެވެ.

"ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕެއިނާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުވާނެ ހިޔާލެއް، މެސެޖެއް ދެވޭ ވީޑިއޯއާއި ފޮޓޯ ހުހެޅުމަށް ހުޅުވާލި މުބާރާތަށް 22 ފޮޓޯއާއި، 22 ވީޑިއޯ ލިބުނުކަމަށް، މުބާރާތް އިންތިޒާމުކުރި "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕެއިނުން ބުނެފައި ވެއެވެ.

"ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕެއިނުން ބުނެފައިވަނީ، މިމުބާރާތުގައި ބައިވެރިކުރި ފޮޓޯއާއި ވީޑިއޯއަށް 449،960 ވިއުސް ލިބިފައިވާ ކަމަށެވެ.

މުބާރާތުގެ ވީޑިއޯގެ ބައިން އެއްވަނަ ހޯދާފައިވަނީ ސައުގާން ޝަރީފެވެ. ދެވަނަ ޑރ. ފާތިމަތު މުފްލިހާ ހޯދިއިރު، ތިންވަނައަށް ދިޔައީ އައިޝަތު ޝިމާ އަލީ ހުށަހެޅި ވިޑީއޯއެވެ.

ވީޑިއޯ ބައިން އެއްވަނައަށް ދިޔަ ވީޑިއޯއަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، 2 ވަނަ ވީޑިއޯއަށް 10،000 ރުފިޔާ، އަދި 3 ވަނަ ވީޑިއޯއަށް 7،000 ރުފިޔާގެ ފައިސާގެ އިނާމް ދީފައި ވެއެވެ.

މުބާރާތުގެ ފޮޓޯ ބައިން އެއްވަނައަށްދިޔަ އައިމިނަތު އަބްދުﷲ އާ ފައިސާގެ އިނާމް ހަވާލުކޮށްދެއްވަނީ:

މުބާރާތުގެ ފޮޓޯ ބައިން އެއްވަނައަށް ދިޔައީ އައިމިނަތު އަބްދުﷲ އެވެ. ދެވަނައަށް ނޫހު ބިން މުހަންމަދު އަމީން ހޮވުނުއިރު، ތިންވަނައަށް ހޮވުނީ އަޝްހަމް އަލީ ރަޝީދު ހުށަހެޅި ފޮޓޯއެވެ.

އެއްވަނަ ފޮޓޯއަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، 2 ވަނަ ފޮޓޯއަށް 5،000 ރުފިޔާ، އަދި ތިންވަނަ ފޮޓޯއަށް 3،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައި ވެއެވެ.

ކޮވިޑް-19 އަށް ރާއްޖޭގެ ރައްޔިތުން އިތުރަށް ހޭލުންތެރިކުރުވުމުގެ ދިވެހި މީޑިއާ ގުޅިގެން ޚާއްސަ ކެމްޕެއިނެއް ފެށީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ.

މިކެމްޕެއިން އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހެވެ.