މެސީ ނުކުޅޭ މެޗުތަކުގައި ބާސެލޯނާ އަށް ޓީމެއްގެ ގޮތުގައި މޮޅަށް ކުޅެ މެޗުން މޮޅުވެވޭނެ ކަމަށް އާޖެންޓީނާގެ ކުރީގެ ގޯލްކީޕަރު ހޫގޯ އޮރްލާންޑޯ ގާޓީ ބުނެފިއެވެ.

އާންމުގޮތެއްގައި މެސީއަށް އެކި ފަހަރުމަތިން ފާޑުކިޔާ ކަމަށް ބެލެވިފައިވާ ގާޓީ ސްޕެއިންގެ މީޑިއާ އަކަށް ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ މެސީ މެޗުގައި ކުޅޭނަމަ ބާސާގެ ކުޅުންތެރިންގެ ވިސްނުން ހުންނަނީ މުޅި ޓީމު މެސީއަށް ބަރޯސާ ވެގެން ކުޅުމަށް ކަމަށެވެ. އެހެންވުމުގެ ސަބަބުން މެސީ މިހާރު ހުރި ފޯމުގައި އެ ބުރަ އޭނާއަށް އުފުއްލަން ދަތިވެ މެޗުތަކުގައި ބާސާއަށް އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވޭ ކަމަށް ގާޓީ ވަނީ ބުނެފައެވެ.

މެސީ ނުކުޅޭ ކޮންމެ މެޗެއްގައި ބާސާއަށް މޮޅުވެވޭ. އެހެންވަނީ މުޅި ޓީމު އޭނާއަށް ބަރޯސާވުމުގެ ބަދަލުގައި ޓީމެއްގެ ގޮތުގައި ކުޅެން މަސައްކަތް ކުރާތީ. ޓީމެއް މެޗަކާއި ކުރިމަތިލާނީ މާ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް މޮޅުވާން.
ހޫގޯ އޮރްލާންޑޯ ގާޓީ

ގާޓީ މިމޭރުމުން ވާހަކަ ދައްކާފައި ވަނީ ލަލީގާގައި އެންމެ ފަހުން ބާސާ ކުޅުނު މެޗުގައި މެސީ ނުލާ ބާސާއިން 0-2 އިން އެލްޗޭ ބަލިކުރި މެޗުގައި ބާސާގެ ކުޅުންތެރިން ދެއްކި މޮޅު ކުޅުމަށް ތައުރީފު ކުރަމުންނެވެ. އެ މެޗު މެސީއަށް ނުކުޅެވުނީ މިމަހުގެ 18 ވަނަ ދުވަހު "ސުޕަކޮޕާ ޑީ އެސްޕަންޔާ" ގައި އެތްލެޓިކް ކުލަބު އަތުން 2-3 އިން ބާސާ ބަލިވި މެޗު ނިމެން ދަނިކޮށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ.

އެތްލެޓިކް ކުލަބު އަތުން ބާސާ ބަލިވި މެޗުގައި މެސީއަށް ރަތް ކާޑު ދެއްކި ވަގުތު

މިއީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ބެލެވިފައިވާ މެސީގެ ކްލަބް ކެރިއަރުގައި އޭނާއަށް ދެއްކި ފުރަތަމަ ރަތް ކާޑުވެސް މެއެވެ،