2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ވީ ނިއުސްގައި ކޮވިޑް ކޮރޯނާ ވައިރަހާއިގުޅުންހުރި ޚަބަރެއް ވާނީ ގެނެސްދީފައެވެ. މި ވައިރަހަކީ ޗައިނާގެ ވޫހާން ޝަހަރުން ފެނިގެން އުޅޭ ވައިރަހެއް ކަމަށާއި އެހިސާބަށް ދިޔައިރު އެތައް ބަޔަކު އެވައިރަސްހުން ޖައްސާ ބައްޔެއްގައި މަރުވި ވާހަކަ ވާނީ ގެނެސްދެވިފައެވެ. އެހެން ނަމަވެސް އެއިރު މި ވައިރަހާއި ގުޅޭގޮތުން މާގިނަ މަޢުލޫމާތެއް ލިބިފައެއްނުވެއެވެ. ކިހާވަރެއްގެ ގެއްލުންތަކެއް ދީފާނެ އެއްޗެއްކަން ޚިޔާލުވެސްކޮށް ނުލެވެއެވެ. އަދި މި ކޮރޯނާ ވައިރަހުން ޖައްސާ ބައްޔަށް އެއިރު އަދި ނަމެއްވެސް ނުކިޔޔައެވެ. ދިވެހި ރާއްޖެއިން މިބަލި ފެނިފައިވާ ކަމަކަށް ރަސްމީކޮށް އިޢުލާނެއްވެސް ނުކުރެއެވެ.

ސިއްރުން ފުރިފައިވާ މިޖަރާސީމަށް މިއަދު އަޅުގަނޑުމެން މިކިޔަނީ ސާޒް-ކޯވީ-ޓޫ އެވެ. މިއީ ނޭވާލުމުގެ ނިޒާމަށް ޙަމަލާދޭ ކޮވިޑް-19 ބަލި ޖައްސައި އަދި މިއަދު މިޖަރާސީމު ފެތުރި 100 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖައްސައިފައިވާ ޖަރާސީމެކެވެ. އަދި އެންމެ އަހަރެއްގެ ތެރޭގައި 2 މަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2 މިލިއަނަށްވުރެ ގިނަ މަރު ގެނުވި ޖަރާސީމެކެވެ.

ރާއްޖޭގައި މިބަލީގެ ވާހަކަ ތުންތުން މަތީން ދެކެވެމުންދަނިކޮށް ފުރަތަމަ ޚަބަރަކަށް އަޑުއިވިގެން ދިޔައީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގައި ތަރމަލް ކެމެރާ (އިންސާނުންގެ ހަށިގަނޑުގެ ހޫނުމިން ނުވަތަ އެ ކެމެރާގެ ކުރިމައްޗަށް އެރުމުން ހަށިގަނޑުގެ ހޫނުމިން ދައްކައިދޭ ކެމެރާ) ބޭނުންކުރަން ފެށި ވާހަކައެވެ.

އަޑު އިވެމުންދިޔައީ ގޮތްނޭނގޭ ވައިރަސްގެ ސަބަބުން ޗައިނާއިން އެކަނިވެސް އެހާތަނަށް 17 މީހުން މަރުވެފައިވާ ކަމަށެވެ. 571 މީހަކަށް މި ވައިރަސް ވަނީ ޖެހިފައެވެ. ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 95 މީހެއްގެ ހާލު ސީރިއަސްކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ވަނީ ބުނެފައެވެ.

2020 ވަނަ އަހަރުގެ ޖެނުއަރީ މަހަކީ ސައިންޓިސްޓުންގެ ފިކުރުތައް ހުސްކޮށްލައި ކޮވިޑް-19 އާއި ދެކޮޅަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް ތަހުލީލުކުރަން ފެށުނު ދުވަސްކޮޅެވެ. އަދި މި ނުރައްކާތެރި ބަލި ވަބާއަކަށްވެގެން ހިނގައިދާނެކަމުގެ އިންޒާރުތައް އައުމުގެ ކުޑަ ދުވަސްކޮޅެއްކުރީން އެ ޖަރާސީމާއި ބެހޭގޮތުން އާ މަޢުލޫމާތުތަކެއް އަވަސްގޮތެއްގައި ދައުރުވާންވެސް ފެށިއެވެ. ނަމަވެސް އަޅުގަނޑުމެންގެ މަޢުލޫމާތާއި ވިސްނުމާއި ވައިރަހާއި ދެމެދު ހުސްކަމެއް ނެތެކޭ ދެންނެވޭކަށްނެތެވެ. އެކަމުގެ ސަބަބުން މަޢުލޫމާތުގެ އުނިކަމާއި ނުރަނގަޅު މަޢުލޫމާތު ފެތުރުމާއި ހަދަހަދައިގެން ވާހަކަތަކެއް ދައްކަފާނެ ކަމާއި ބިރު މީހުންގެ ހިތްތަކަށް ވަދެގެން ދިއުމުގެ މަގު ހުޅުވިގެން ދިޔައެވެ.

ވީ ނިއުސްއިން ވަރަށް ގާތުން މިވައިރަހުގެ ޚަބަރު ގެނެސްދެމުން ދިޔައީމުއެވެ. އެހެން ނަމަވެސް ދެތިން ސުވާލެއްގެ ޖަވާބު ހޯދޭތޯ މަސައްކަތް ކުރެވުނެވެ. އެއީ މި ވައިރަހާއި ގުޅޭ މުހިންމު އަދި އެންމެ އަސާސީ ސުވާލުތައް ކަމަށްވެސް ވެދާނެއެވެ. ޖަރާސީމުން ޖައްސާ ބަލީގެ ޢަލާމާތްތަކާއި އެ ޖަރާސީމު ނުވަތަ ބަލި ފެތުރެމުންދާ ގޮތެވެ.

މިހާރު އަހަރެއްވީއެވެ. މިއަދު އަނެއްކާވެސް އެ ސުވާލުތަކުގެ ތެރެއަށް މިވަނީ ދާން ޖެހިފައެވެ. މި ރިޕޯރޓުގައި ބަލައިލެވޭތޯ މި މަސައްކަތްކުރަނީ މިވަބާއިން ދަސްވި ކަންކަމާއި ލިބިފައިވާ ތަފާސް ހިސާބުތަކާއި ޗާރޓުތަކުން ސައިންސްގެ ޒަރީޢާއިން ލިބިފައިވާ އުއްމީދުތަކުގެ މައްޗަށެވެ. ޤަރުނަކަށްފަހު ދުނިޔެދުށް އެންމެ ބޮޑު ޞިއްޙީ މައްސަލައިގެ ތެރޭގައި އެކަމުން އަރައިގަނެވޭނެ ކަށަވަރު ކަމެއްގެ އުއްމީދުގައެވެ.

ނެތުމުގެ ތެރެއިން އެތައް ކަމެއް ފާޅުވެގެން އައުމާއިމެދު މުސްލިމަކު ޝައްކެއް ނުކުރާނެއެވެ. ނަމަވެސް އެކަމަށް ހެކިތަކެއް ހުރެއެވެ. މިއަދު ސައިންސާއި ޓެކްނޮލޮޖީވެސް ވަނީ އެކަން ވަރަށް ރަނގަޅަށް ސާފުކޮށްދީފައެވެ. ނަމަވެސް ވަބާއެއްގެ ދެވަނައަހަރަށް އެޅިގެން އަންނައިރު ގިނަ ކަންތައްތަކެއްވަނީ އަދިވެސް ނޭނގުމުގެ ތެރޭގައެވެ.

ކޮރޯނާ ވައިރަހަކީ ކޮންއެއްޗެއްހެއްޔެވެ. މިއަށްވުރެ ދުނިޔެ ދަންނަ އެހެން ޖަރާސީމެއް ނެތެވެ. އެހެން ނަމަވެސް ސާޒް-ކޯވީ-2 މިވައިރަސް ފެނުނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން ޝަހަރުންނެވެ. މިވައިރަހުގެ ކާމިޔާބަކަށްވީ އެބޯލާއާއި އިންފުލުއެންޒާ، އެޗްއައިވީ އެއިޑްސްއާއި ޢާންމު އާދައިގެ އަރިދަފުހާއި ހުމުގެ ރޯގާ ޖައްސާ ވައިރަސްތަކުގެ މަތީން ރަސްކަންކުރާ ކަމަކަށެވެ. އެހެން ނަމަވެސް މިއީ ހަމައެކަނި ކޮރޯނާ ވައިރަހެއްނޫނެވެ.

ކޮރޯނާ ވައިރަސްތަކަކީ ސައިންސްގެ ޒަރީޢާއިން ނަންކިޔައިގެން ހޯދާފައިވާ ކޮރޯނާ ވައިރަހޭ ނަމަކަށްކިޔާ ޖަރާސީމުގެ ޢާއިލާގެ ވައިރަސްތަކެކެވެ. މީގައި ތަފާތު އެތައް ބާވަތެއްގެ ޖަރާސީމު ހިމެނެއެވެ. 1968 ވަނަ އަހަރު އެންމެ ފުރަތަމަ މިވައިރަސްތައް ސިފަކޮށްފައިވަނީ ފުޓުބޯޅައެއްގެ ބޭރުން އުންތަކެއް ފަޅައިފައިވާ އުރައެއް ލައްވައިފައި އޮންނަ އެއްޗެއްހެން ހީވާ ކަމަށެވެ. އަދި އިލެކްޓްރޯން މައިކްރޮސްކޯޕަކުން ބެލީމާ އެ އުންތައް ފެންނާނީ އިރުގެ ބޭރުން ފެންނަ ވަށްރޮނގުގެ އަލިތައް ފަދައިންނެވެ. އޭގެ ނަމާއި އެއްފަދައިންނެވެ. ނަމަވެސް މީގެ ވަރަށް މަދު ޖަރާސީމަކުން ނޫނީ އިންސާނުންނަށް ގެއްލުމެއް ނުލިބެއެވެ.

2002-03 ގައި ފެނުނު ސާޒް ރޯގާއާއި 2012 ވަނަ އަހަރު ފެނުނު މާސް ރޯގާއިން ފެނިގެން ގޮސްފައިވަނީ، ކޮރޯނާ ވައިރަހަކީ މަރުބަލި ފަދަ ފާހަގަކޮށްލެވޭ ވަބާއެއް ފަތުރައިފާނެ ކަމުގެ ޤާބިލްކަން ލިބިފައިވާ އެއްޗެއްކަމުގައެވެ. އަދި އެރޯގާތައް ވެގެން ދިޔައީ ކޮރޯނާ ވައިރަހުން ގެނެސްފާނެ ވަބާއެއް އޮވެދާނެތޯ ބެލުމުގެ މަސައްކަތް ބައިނަލްއަޤުވާމީ ފެންވަރެއްގައި ކުރަން ފެށުމަކަށެވެ.

2020 ވަނަ އަހަރު ކޮރޯނާ ވައިރަހުގެ ދާއިރާގެ މައްޗަށް 65 ހާސް ކަރުދާސް ތައްޔާރުކޮށް ޝާއިޢު ކުރެވުނެވެ. ނަމަވެސް އޭގެ ކުރީއަހަރު އެ ޢަދަދު އޮތީ 885 ގައެވެ. ސާޒް-ކޯވީ-2 އިން ފިލާވަޅު ދަސްވަމުންދަނީ މިވައިރަހާއި ގުޅުންހުރި ކަންކަން އެކަންޏެއް ނޫނެވެ. ތަފާތު ކޮރޯނާ ވައިރަސްތަކާ ގުޅުންހުރި އިތުރު ކަންކަންވެސް މެއެވެ.

އޮސްޓްރޭލިއާގެ ކާރބީ އިންސްޓިޓުއުޓްގެ އިމިއުނޯވައިރޮލޮޖިސްޓް ސްޓުއަރޓް ޓްރޫވިލް ވިދާޅުވީ މިއީ އޭނާގެ ޢުމުރުގައިވެސް އެންމެ ބޮޑަށް އަދި އެންމެ ދުރަށް އޭނާއަށް ވެދެވަޑައިގެންނެވުނު ދާއިރާ ކަމުގައެވެ.

ކޮރޯނާ ވައިރަސް ދެނެގަނެވިގެން އަންނަ އެއްސިފައަކީ އޭގެ ވަށައިގެން ފަޅައިފާ ހުންނަ އުންތަކެވެ. މި އުންތައް މަސައްކަތްކުރަނީ ތަޅުދަނޑިތަކެއް ފަދައިންނެވެ. ނުވަތަ ސޯބުތަކެއް ފަދައިންނެވެ. އެއީ ސެލްތަކުގެ ތެރެއަށް ވަނުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައެވެ. އިންސާނުންނާއި ޖަނަވާރުންގެ ހަށިތަކުގައިވާ ސެލްތަކުގެ ތެރެއަށް ތަޅެއް ހުޅުވައިލައިގެން ވަނުންފަދަ ގޮތަކަށެވެ.

ދިރާސާކުރާ ފަރާތްތަކުން މި ސެލްތަކުގެ ބޭރު ފަށަލަ ސާޒް-ކޯވީ-2 މަސައްކަތްކުރާ ގޮތަށްބަލައި ސިފަކުރަނީ ތަޅެއް ފަދައިންނެވެ. އަދި އެއަށް އެމީހުން ކިޔައި އުޅެނީ އޭސް2 އެވެ. މިއީ ދެ ޒައްރާއަކުން ޙަރަކާތްތެރިވާ މޮލެކިއުލާރ (ދިރުންހުރި ޒައްރާއެއްގެ އެންމެ ކުޑަ މިންވަރު) މެޝިނަރީއެއް ކަމަށްބަލައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަހުލީލުތައްކުރާ ސައިންޓިސްޓުންގެ ސަމާލުކަން ދީފައިވާ ނިޒާމެކެވެ.

ސާޒް ރޯގާގެ ދުވަސްވަރު ސައިންޓިސްޓުންނަށް ހޯދިފައިވަނީ ވައިރަހުގެ ވަށައިގެންވާ އުންތައް ނުވަތަ ކަށިތަކުން ސެލްތަކުގެ ޙަރަކާތްތަކަށް ބަދަލުގެނުވައި ވައިރަހާއި ދެކޮޅަށް އެންޓި ބޮޑީޒް ބާރުގަދަ ކުރުވާ ދިފާޢީ ސިފަތަކެއް އެކުލެވިގެންވާ އެއްޗެއް ކަމެވެ. އެހެންވީމާ މިއީ ސައިންޓިސްޓުންނަށް ސާޒް-ކޯވީ-2 އާއިދެކޮޅަށް ވެކްސިނެއް އުފެއްދުމަށް މަގުދެއްކި އެއްޗަކަށްވިއެވެ.

އޮސްޓްރޭލިއާގެ ކުއީންސްލޭންޑް ޔުނިވަރސިޓީގެ އިމިއުނޮލޮޖިސްޓް ލަރީޒާ ލެބްޒިން ވިދާޅުވީ ސައިންޓިސްޓުންނަށް އެ އުންތައް (ސްޕައިކް ޕްރޮޓީން) އުފެދިފައިވާ ސިފަތަކުގެ ބަހާތަކުގެ މަޢުލޫމާތު ދެނެގަނެވިގެން ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތް ފެށިދާނެ ކަމުގައެވެ. އަދި ޗައިނާގެ ސައިންޓިސްޓުން އެ ބަހާތަކުގެ ކަސްރު ނިންމައިލުމާއެކު 2020 ވަނަ އަހަރު ނިމުނު އިރު އެތައް ވެކްސިނެއްވަނީ ބޭނުންކުރެވޭ ވަރަށް ތައްޔާރު ކުރެވިފައެވެ.

ނަމަވެސް ސާޒް-ކޯވީ-2 ގައިވާ ކަށިތައް ނުވަތަ އުންތައް ފެންނަނީ ބަދަލުވަމުންދާތަނެވެ. އަދި މިހާރު ފެންނަމުން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިރަހުގެ އާ ސިފަތަކެއް ފެންނަމުންދާތަނެވެ. ސްޕައިކް ޕްރޮޓީނަށް އަންނަ ކުޑަކުޑަ ބަދަލަކާއި އެކުގައެވެ.

ސައިންޓިސްޓުން ގެންދަނީ މިބަދަލު އަންނަމުންދާ ފިޠުރަތީ ސިފަތައް ބަދަލުވަމުންދާ ޙާލަތުގެ ވަގުތުގައި ބަލަމުންނެވެ. އެއީ އެ ޒައްރާ އުފެދިފައިވާ ސިފަތަކާއި ބަދަލުވަމުން އަންނަ ސިފަތައް ދަސްކުރެވޭތޯއެވެ. އެހެން ނަމަވެސް އަދިވެސް އެ ބަދަލުތައް އަންނަނީ ކީއްވެގެންކަމެއް ދެނެގަނެވޭ ގޮތެއް ނުވެއެވެ.

މި ވައިރަސްގެ ސިފަތައް ބަދަލުވަމުންދަނީ އިންސާނުންގެ ދިފާޢީ ނިޒާމު ފޫއަޅުވައިލެވޭފަދ ގޮތަކަށެވެ. އަދި ހަމަ އެއާއި އެކު އެ ވައިރަހުގެ ބަދަލުވަމުންދާ ސިފަތައް ދުނިޔޭގެ ކަންކޮޅުތަކަށް ދަނީ ފެތުރެމުންނެވެ. އަދި ވައިރަސް ތަރައްޤީވަމުންދާ ސިފައަކީ މިހާރު އުފެއްދިފައިވާ ވެކްސިންތަކަށްވެސް އަސަރުކުރުވަފާނެ ކަމެކެވެ.

މި ކޮވިޑް-19 ވަބާ ފެތުރި ޖަރާސީމު ނުވަތަ ވައިރަސް އައީ ކޮންތާކުން ހެއްޔެވެ. މިއީ ޖަވާބުދޭން އެންމެ އުނދަގޫ ސުވާލެވެ. މިވަބާގެ އުފެދުން އައިގޮތުގެ ތަޙުޤީޤުތައް އައިސް ޖެހެނީ ރޭވުންތަކާއި ސިޔާސީ މަޅިތަކުގެ ދަލެއްގެ ތެރެއަށެވެ.

ބައިނަލްއަޤުވާމީ ރިޕޯރޓުތަކުގައި ބުނަމުން އައިސްފައިވަނީ މިވައިރަސް ފުރަތަމަ ފެނުނީ ނުވަތަ އުފެދިގެން އައީ ވޫހާންގެ ހުއަންނަނާން ސީފުޑް ނުވަތަ މަސް މާރުކޭޓަކުން ކަމުގައެވެ. 2019 ވަނަ އަހަރު ފެނުނު މިބަލީގެ ގިނަ ކޭސްތައް ގުޅިފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހު އެ މާރުކޭޓާއެވެ. ނަމަވެސް އިތުރު ތަޙުޤީޤުތަކުން އެނގުނީ މާރުކޭޓާއި ގުޅުމެއް ހުރިކަމަށް އެނގިފައިނުވާ އެތައް ބަޔަކަށް ކޮވިޑް-19 ޖެހިފައިވާ ކަމެވެ.

ކޮންމެއަކަސް ޖެހިގެން އައި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އެ މާރުކޭޓު ބަންދުކުރެވުނެވެ. އަދި އެތަނާއި އެ މާޙައުލުގެ ވެށީގެ އެތައް ސާމްޕަލްތަކެއް ނަގައިގެން ތަހުލީލު ކުރިއެވެ. އަދި ސާޒް-ކޯވީ2 ގެ އަސަރު ފެނިފައިވެއެވެ. ނަމަވެސް އެ މާރުކޭޓުގައި ވިއްކި މަސްމަހާމެއްސާއި ޖަނަވާރާއި ދެމެދުގައި ސީދާ ގުޅުމެއްވާކަމަށް ކަނޑައެޅިގެން ބުނެދެވިފައެއް ނުވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއާއި ޗައިނާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލުން ލަފާކޮށްފައިވަނީ މި ވަބާ ފެތުރިގަތުމުގެ ކުރީން ވޫހާންގައި އެވައިރަސް އެނބުރެމުން ސެނބުރެމުން ގޮސްފައި އޮވެދާނެ ކަމުގައެވެ. އަދި އެމާރުކޭޓަކީ ހަމައެކަނި އެ ވައިރަސް ފެތުރުމުގެ އެންމެ ބޮޑު އެހީތެރިޔާކަމަށް ވެދާނެއެވެ. މިހާރު އަހަރެއްވެގެން ދިޔައިރުވެސް މި ވަބާ ފެތުރުމުގައި އެ މާރުކެޓުގެ ދައުރަކީ ކޮބައިކަން ރަނގަޅަށް ސާފެއްނުވެއެވެ.

އިންސާނުން އެމީހުންގެ ކާބަފައިންނޭ ބުނާހެން ސާޒް-ކޯވީ-2 ދަރިފަސްކޮޅު ސީދާ ގުޅިފައި އޮތީ ނުވަތަ އުފެދުން އޮތީ ކޮންތާކު ކަމެއް ސައިންޓިސްޓުންނަށް އަދިވެސް ނުހޯދެއެވެ. ނަމަވެސް މިވައިރަހުގެ ސިފަތަކާއި އެއްފަދަ ނުވަތަ އެފަދަ އެތައް ވައިރަހެއް ވާލުގައި ހުރިކަމަށް ހޯދައިފައިވެއެވެ. އެގޮތުން މިވައިރަހުގެ އުފެދުމާއި ދިރުމުގެ 96.2 އިންސައްތަ އެއްގޮތް އެކައްޗަކީ އާރުޓީޖީ13 އިގެ ނަންދީފައިވާ ކޮރޯނާ ވައިރަހެވެ. އަދި އެފަދަ އަނެއް ވައިަރަހަކީ އާރުއެމްވައިއެންޒީރޯޓޫ އެވެ. މިއީ ސާޒްކޯވީއާއި 93.3 އިންސައްތަ އެއްގޮތް ވައިރަހެކެވެ. އެހެންވީމާ ސާޒް-ކޯވީ-2 ފަދަ ޢާލަމީ ވަބާ ފަތުރާ ޖަރާސީމަކީ ޤުދުރަތީ ގޮތުން އުފެދިގެން އަންނަ އެއްޗެއްކަމަށް ސައިންސްވެރީން ދެކެއެވެ. ބައެއް ސައިންޓިސްޓުން އެއްވެސް ޝައްކަކާއި ނުލައި އެކަން ޤަބޫލުވެސް ކުރެއެވެ.

ކަން މިހެން އޮތްއިރު މި ވައިރަސް އުފެދުމުގެ އަޞްލާއިމެދު އުފައްދަމުންދާ ސުވާލުތަކަށް އަދިވެސް ވަނީ ޖަވާބެއް ނުލިބިއެވެ. އަދި ޤދުރަތީ އުފެދުމެއްކަމުގައިވީ ނަމަވެސް ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީން މިވައިރަސް އެކްސިޑެންޓަކުން ލީކުވީކަމަށް ސައިންވެރީން ބުނާބުނުމަށްވެސް ދެކޮޅުހެދޭކަށްނެތެވެ. އަދި އެކިޔާ ލެބް ލީކު އޮނިގަނޑު، ފާއިތުވެ ދިޔަތަނުގައި ފެނިގެން ގޮސްފައިވަނީ ޒީރުހެދުންކަހަލަ ކަމަކަށެވެ. ކޮންމެވެސް ރޭވުމެއްގެ ތެރެއިން ބައެއްގެ ބޮލުގައި ކަންކަން އެޅުވުމުގެ ސަޤާފަތުގެ ތެރޭގައި ކަމަށްވެދާނެއެވެ.

އެހެން ނަމަވެސް މިވައިރަހުގެ އުފެދުމާއިމެދު ދެކެވޭ ޙައްދަފަހަނަޅައިފައިވާ ވިސްނުމާއި ހަދަހަދައިގެން ދައްކާވާހަކަތަކާއި ދެމެދުގައިވާ ތަފާތު ވަކިކޮށްފައި ބޭއްވުމަކީ މުހިންމު ކަމެކެވެ. (މިސާލަކަށް އެއީ ކޮމްޕިއުޓަރު ވައިރަސްފަދަ ވައިރަހެކޭ، އުފެއްދީ ބިލްގޭޓްސްއޭ ނުވަތަ އެއީ ޖަރާސީމު ހަތިޔާރެކޭ ބުނުން ފަދަ) މި ދެކަންތައް އެއްކޮށް މަސްހުނިކޮށްގެން ނުވާނެއެވެ. އެހެންވީމާ ޤާނޫނީ ޙައްޤުތަކުގެ ތެރެއިން މިކަން ތަޙުޤީޤުކުރެވެން ވާނެއެވެ.

2021 ވަނަ އަހަރުގެ ޖެނުއަރީމަހު ޑަބްލިޔުއެޗްއޯގެ 10 މެމްބަރުން ހިމެނޭ ޓީމެއް ޗައިނާގެ ވޫހާނަށްވަނީ ފޮނުވައިފައެވެ. އެއީ ހުއަނާން މާރުކޭޓު ބަލައި އެތަނުން ތަކެތި ގެންދެވުނު ތަންތަނުގެ ޗާރޓެއް ކުރަހައި ނަރުދަމާގެ ތެރޭގައި ގަނޑުވެފައިވާ ތަކެތީގެ ސާމްޕަލް ނަގައި ވައިރަހާއި ބެހޭގޮތުން މަޢުލޫމާތު އެއްކުރެވޭތޯ ބެލުމަށެވެ. މި ތަޙުޤީޤުގައި ލަފާކޮށްބަލަންޖެހޭ ހިސާބެއްގައި ލެބް ލީކު ހިމަނައިފައެއް ނުވެއެވެ. އެހެންވީމާ ބައެއް ސައިންޓިސްޓުން ވަނީ އެދިމާއަށް އެކަށީގެންވާ ވަރަށް ބަލައިލައިފައިނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމުގައި ކޮންފްލިކްޓް އޮފް އިންޓަރެސްޓް އޮތް ކަމަށް ބުނެއެވެ.

މިމައްސަލައިގާ ސީނެޓާއި ވާހަކަދެއްކެވި ބްރޯޑް އިންސްޓިޓިއުތް އޮފް ހާރވަރޑް އެމްޑް އެމްއައިޓީގެ ސައިންޓިސްޓު އެލައިނާ ޗެން ވިދާޅުވެފައިވަނީ ޑަބްލިޔުއެޗްއޯގެ ޓީމާއިމެދު އޭނާއަށް އޮތީ ސުމެއްގެ އިތުބާރެއް ކަމުގައެވެ.

މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި 100 މިލިއަނަށްވުރެ ގިނަ މީހުނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށްމިވަނީ ރިޕޯރޓް ކޮށްފައެވެ. ދުނިޔޭގެ ހުރިހާ ބައްރަކަށް ފެތުރި ދުނިޔޭގެ ދެކުނު ޠޫލުގެ އެންމެ ދެކުނު ތަނޑި، އެންޓާރކްޓިކާއިންވެސް ސާޒް-ކޯވީ-2 ފެނިފައެވެ. 2 މިލިއަނަށްވުރެ ގިނަމީހުންވަނީ މަރުވެފައެވެ.

މީގެތެރެއިން މަރުވި މީހުންގެ ދެބައިކުޅަ އެއްބައި ނިސްބަތްވަނީ އެންމެ 6 ޤައުމަށެވެ. އެއީ އެމެރިކާއާއި ބްރެޒިލް، އިންޑިއާއާއި މެކްސިކޯ، އަދި ޔޫކޭއާއި އިޓަލީއެވެ. އެމެރިކާއިން އެކަނިވެސް 4 ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ތާރީޚުގައި މި ވަބާގެ ވާހަކަ ލިޔާއިރު މި ޤައުމުތަކަކީ ފޭލިވެފައިވާ ޤައުމުތައް ކަމުގައި ލިޔެވިގެންދާނެއެވެ. އެއީ ބައްޔާއިމެދު އެ ޤައުމުތަކުގެ ސަރުކާރުތަކުން އިހުމާލުވިކަމަށްވެސް ބުނެވިދާނެއެވެ. ބަލި ކޮންޓްރޯލްކުރުމުގެ ނިޒާމު ދޯހަޅިވުމާއި އެކަށީގެންވާ ގޮތުގައި މަޢުލޫމާތު ފޯރުކޮށްނުދެވުމާއި ފުރުހަމައަށް ބަލީގެ ނުރައްކަލާއި ކުޑަބޮޑުމިން ދެނެގަތުމުގައި ނުކުޅެދުންތެރިކަން ހުރުން ފަދަ ކަންކަމެވެ. އަދި އެކަމުގެ ސަބަބުން އަތްނުފޯރާ ހިސާބަށް ގޮސް ޞިއްޙީ ނިޒާމަށް ނުތަކާ ވަރަށް ބަލި ފެތުރިގެން ދިއުމެވެ.