ބޮލީވުޑުގައި މިވަގުތު ހުރި އެންމެ ކާމިޔާބު އެއް ޒުވާން އެކްޓަރު ވަރުން ދަވަން އާއި ލޯބިވެރިޔާ ނަތާޝާ ދަލާލް ވަގުތެއްގައި ކައިވެނިކޮށްފިއެވެ.

ކައިވެނި ކޮށްފައިވަނީ އާދީއްތަ ދުވަހުއެވެ.

ވަރުންއާއި ނަތާޝާ ލޯބީގެގޮތުން އުޅޭތާ ގިނަ ދުވަސްތަކެއް ވުމުގެ އިތުރުން ވަރުން ފިލްމީ ދާއިރާއަށް ނުކުތް އިރުވެސް މިގުޅުން ދިޔައީ ކުރިއަށެވެ.

އެހެންކަމުން ގިނަ ބަޔަކު އުއްމީދުކުރީ ވަރުންގެ ފުރަތަމަ ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔަ" އަށް ލިބުނު ކާމިޔާބީއަށްފަހު އޭނާ ކައިވެނިކުރާނެ ކަމަށެވެ.

އެހެންނަމަވެސް އޭރު ވަރުންގެ ފޯކަސް މުޅީންވެސްހުރީ އޭނާގެ ކެރިއަރުގެ ކުރިމަގަށް މަސައްކަތް ކުރުމަށެވެ.

އެހެންނަމަވެސް މީސްމީޑިއާގައި ދޭތެރައަކުން ވަރުންއާއި ނަތާޝާގެ ކައިވެނީގެ ވާހަކަތައް ދިޔައީ ފެންމަތިވަމުންނެވެ. މީގެ ސަބަބުން ފިލްމީ ދާއިރާގައި ވަރަށް ދުރުގައި އުޅޭ ވަރުންގެ ލޯބިވެރިޔާ ނަތާޝާއަށް ބޮޑު ނުތަނަވަސްކަމާއި ކުރިމަތިވިއެވެ.

ނަތާޝާއަކީ ފެޝަން ޑިޒައިނިންގްއިން އޭނާގެ ކެރިއަރުގައި ކުރިއަށްދާން ބޭނުންވާ ފަރާތެކެވެ. އޭނާ އަބަދުވެސް ބުނަމުންއައީ ފިލްމީ ދާއިރާއަކީ އެއްވެސް އިރެއްގައި އޭނާގެ ޝައުގުވެރިކަންހުރި ދާއިރާއެއް ނޫންކަމަށެވެ. އަދި ނަތާޝާ ފާހަގަވެފައިވަނީ އަބަބދުވެސް ވަރަށް ބޮޑަށް ޕްރައިވެސީ ބޭނުންވާ މީހެއްގެގޮތުގައެވެ.

ކޮންއަކަސް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބޮލީވުޑުގެ މިބޮޑު ކައިވެނީގެ އެކިއެކި ސަގާފީ ހަފްލާތައް ދިޔައީ ކުރިއަށެވެ.

ކައިވެނީ ފޮޓޯއެއް ވަރުންގެ އިންސްޓަގްރާމްގައި ހިއްސާކުރުމަށްފަހު ކެޕްޝަންގައި ވަރުން ބުނެފައިވަނީ "އޭނާގެ ދުވަސްވީ ލޯބީގެ ގުޅުން ރަސްމީވީ" ކަމަށެވެ.

މިއަހަރު ބޮލީވުޑުން ފެނިގެންދިޔަ ފުރަތަމަ ކައިވެންޏަށް މިކައިވެނީގެ ހަފްލާ ވެފައިވާއިރު ކައިވެނީގެ ހަފްލާގައިވެސްވަނީ ވަރުންގެ ވަރަށް ގާތް ފިލްމީ ފަންނާނުން ބައިވެރިވެފައެވެ. އޭގެތެރޭގައި ވަރުން ފިލްމީ ދައިރާއަށް ނެރެދިން ޑައިރެކްޓަރ ކަރަން ޖޯހަރު، ޑައިރެކްޓަރ ޝަޝާން، ފެޝަން ޑިޒައިނަރ މަނީޝް މަލްހޯތްރާ ހިމެނެއެވެ.

ކައިވެނީގެ ހަފްލާއަށްފަހު ބާއްވާ ކައިވެނީގެ ރިސެޕްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އިންޑިއާގެ މުމްބާއިގާއެވެ.

ބެލެވޭގޮތުގައި ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ރިސެޕްޝަންގައި ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ.

ކައިވެނީގެ ރަސްމިއްޔާތުތަކަށްފަހު މިދެމަފިރިން ހަނީމުންއަށް ދިއުމަށް ހަމަޖެހިފައިވަނީ ތުރުކީއަށްކަމަށް ޚަބަރުތައް ލިބެއެވެ.

ވަރުން ދަވަންއަކީ ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެޖްކްޓަރު ޑޭވިޑް ދަވަންގެ ހަގު ދަރިފުޅެވެ.

ވަރުން އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ އެމޭޒަން ޕްރައިމްއިން ރިލީޒްކޮށްފައިވާ ފިލްމު "ކޫލީ ނަމްބަރު ވަން" އިންނެވެ.

ވަރުންގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ބަދްރީނާތްކީ ދުލްހަނިއްޔާ، ޖުޅްވާ 2، ސުއި ދާގާ، ބަދްލާޕޫރު، ކަލަންކް އަދި ސްޓީރޓް ޑާންސަރ" ހިމެނެއެވެ.

ވަރުން އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ މިހާރު ރިލީޒްކުރުމުގެ މަގުމަތީގައިވާ ފިލްމު "ޖުގް ޖުގް ޖިއޯ" ގައެވެ.