ފިލްމު "އާންކޭ" އާއި "ނަމަސްތޭ ލަންޑަން" ފަދަ ކާމިޔާބު ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައިވާ ވިޕުލް އަމްރުތްލަލް ޝަހް އޭނާ އަލަށް ނެރޭ ވެބް ސީރީސްގެ މައުލޫމާތު މީޑިއާއާ ހިއްސާކޮށްފިއެވެ.

"ހިއުމަން" ނަމަކަށް ކިޔާ މިވެބް ސީރީސްއަކީ މުޅީން އާ ތަޖްރިބާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ މެޑިކަލް ތްރިލަރއެކެވެ.

ޝާހްގެ އިތުރުން ޑައިރެކްޓަރ މޮޒެޒް ސިންގް ޑައިރެކްޓްކުރާ މިވެބް ސީރީސްގެ މެއިން ކާސްޓުންނަކީ ހުނަރުވެރި ބަތަލާ އަދި ޕްރޮޑިއުސަރ ޝާހްގެ އަންހެނުން ޝެފާލީ ޝާހްއާއި ބަތަލާ ކީރްތީ ކުލާރީއެވެ.

ޕްރޮޑިއުސަރު ޝާހް ބުނެފައިވަނީ މިވެބް ސީރީސްގެ ސްކްރިޕްޓާ ދޭތެރޭ މީގެ ތިންއަހަރުކުރިން އެމީހުން ވިސްނާފައިވާ ކަމަށެވެ. އޭރު ކޮވިޑް-19 ކަހަލަ ބަލިމަޑުކަމެއް ދުނިޔެއަށް އައިސްދާނެކަމަށް އެމީހުންގެ ވިސްނުމަކަށްވެސް ނާދެއެވެ.

އޭރުވެސް އެމީހުންގެ ވިސްނުންހުރީ ކުއްލިއަކަށް ދުނިޔެއަށް އަންނަ މިފަދަ ނުރައްކާތެރި ބަލިބަލިން އިންސާނުން ރައްކާތެރި ކުރާނެގޮތާއި އޭގެ ވެކްސިންއެއްގެ މުހިއްމުކަމުގެ މައްޗަށް ސީރީސްއެއް އުފެއްދުމަށެވެ.

އެހެންކަމުން މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތާއި އޭރު އެމީހުންގެ ވިސްނުމާއި ކޮންމެވެސް ވަރެއްގެ ގުޅުމުން ހުރުމުން މިސީރީސް އުފައްދަން ވަރަށް ބޮޑަށް ފަސޭހަވާނެކަމަށް މިސީރީސްގެ ޕްރޮޑަކްޝަން ޓީމުންވަނީ ބުނެފައެވެ.

ފިލްމުގެ ޕްރޮޑިއުސަރ ޝާހް ބުނެފައިވަނީ މިސީރީސްއަކީ ކޮވިޑާ އެއްވެސް ގުޅުމެއްހުރި ސީރީސްއެއް ނޫންކަމަށެވެ.

އެހެންނަމަވެސް މިފަދަ ދަނޑިވަޅެއް އައުމުން އިންސާނިޔަތަށްޓަކައި އެކަކު އަނެކަކު ކޮށްދޭ ކަންތައްތަކާއި އެއްބަޔަކު އަނެއްބަޔަކަށް އެހީވުމުގެ މުހިއްމުކަން ފެނިގެންދާނެއެވެ.

މިއަދު ދުނިޔެވެސް އެކަތިގަނޑަކަށްވެ އެންމެންވެސް މަސައްކަތްކުރަމުން މިދަނީ ދުނިޔެއަށް ކުރިމަތިވެފައިމިވާ ބަލިމަޑުކަމުން އަރައިގަނެ ކުރީގެ ހާލަތަށް ރުޖޫއަވުމަށް ކަމަށް ބުނެ ޝާހް ބުނެފައިވަނީ އޭނާ އަލަށް ނެރެން ގަސްތުކުރާ މިސީރީސްއަށް އުފެއްދުމުގައި މިއީ ލިބިގެންދާނެ ވަރަށް ބޮޑު ތަޖްރިބާއެއް ކަމަށެވެ.

މިމަހު 21 ގައި މިސީރީސްގެ ޝޫޓިންގް ފެށިފައިވާއިރު އުއްމީދުކުރެވެނީ މަހެއްހާ ދުވަހުގެތެރޭ ޝޫޓިންގް މަސައްކަތް ނިމި މިއަހަރުގެ ސަމަރ ބްރޭކްގައި ޑިޖިޓަލް ޕްލެޓްފޯމްއަކުން ސީރީސް ޕްރިމިއަ ކުރެވޭނެ ކަމަށެވެ.