ރ. ދުވާފަރު މަގުތަކުގައި ތާރު އަޅާ ނިމިފައިވާކަމަށް އެމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކުގެ 90 އިންސައްތަ ނިމިފައިވާކަމަށެވެ.
މި މަޝްރޫއުގެ ދަށުން، ތާރު އެޅުމުގެ މަސައްކަތް މިހާރުވަނީ ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ މަގުމަތީ ނިޝާން އަދި ޒިބްރާ ކްރޮސިންގ ނިޝާން ޖެހުމުގެ މަސައްކަތާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތާއި، މަގުތައް ސާފުކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މި މަޝްރޫއުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813.08 އަކަ މީޓަރުގެ ސަރަހައްދެއް ޤާއިމުކުރުރާނެއެވެ.
އަދި މަގުގައި ވެހިކަލް ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގައި ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 47.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.