އޭއެފްސީކަޕްގައި އިންޑިޔާގެ މޯހަން ބަގަންއާއި، ބަނގްލަދެޝްގެ ބަޝުންދުރަ ކިންގްސްއާއެކު ރާއްޖޭގެ މާޒިޔާ އުނދަގޫ ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެއެވެ.

އިންޑިޔާގެ ލީގުގެ ޗެމްޕިއަން މޯހަން ބަގަންގެ އިތުރުން، މިގްރޫޕްގައި ހިމެނޭ ބަޝަންދުރަ ކިންގްސްއަކީ ބަނގްލަދެޝްގައި މިހާރު އެންމެ ވަރުގަދަ ޓީމެވެ. ތަފާތު ބިދޭސީ ކުޅުންތެރިން ހިމެނޭ އެޓީމަށް އިރުޝާދުދެނީ ނިއުރޭޑިއަންޓަށް ކުރިން ކާމިޔާބު ހޯދައިދިން ސްޕެއިންގެ އޮސްކާ ބުރޫޒަންއެވެ. އެއީ ބަނގްލަދޭޝް ލީގުގެ އިތުރުން ކަޕްގެވެސް ޗެމްޕިއަން ޓީމެވެ. މިގްރޫޕަށް ދެން އަންނާނީ ޕްލޭއޮފްއިން ކުރި ހޯދާ ޓީމެވެ.

އަލަށް އޭއެފްސީކަޕުން ފުރުޞަތު ލިބުނު ރާއްޖޭގެ އީގަލްސް އަކީ އެޖާގަ ހޯދަން ޕްލޭއޯފްއަށް ވާދަކުރާ ޓީމެކެވެ. ކޮލިފައިންޕްރިލިމިނަރީ ފުރަތަމަ ބުރުގައި އީގަލްސް ވާދަކުރަން ޖެހޭނީ ބޫޓާންގެ ތިމްޕޫއާއެވެ. އެމެޗުން މޮޅުވެގެން އަދި ބަނގްލަދޭޝްގެ ޑާކާ އަބަހާނީއާ ވާދަކުރަން ޖެހޭނެއެވެ. ޕްލޭއޮފްއިން ޖާގަ ލިބޭނީ އެމެޗުވެސް ކާމިޔާބުކޮށްގެންނެވެ.

އޭއެފްސީކަޕް ފަށަން ތާވަލްކޮށްފައިވަނީ އޭޕްރީލް 6 ވަނަ ދުވަހުއެވެ. ނަމަވެސް ގްރޫޕް ސްޓޭޖް ފަށާނީ މެއިމަހުގެ 14 ވަނަ ދުވަހުއެވެ.