މިނިސްޓްރީ އޮފް ހެލްތުން، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އެކްސްޓެންޝަން އިމާރާތެއް އެޅުމަށް އެލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިކަމާގުޅޭ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދް އާދިލްއެވެ. އެލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަތޯ އަލީއެވެ.

މި ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ، 72,190,246.91 (ހަތްދިހަ ދެމިލިއަން އެއްލައްކަ ނުވަދިހަހާސް ދުއިސައްތަ ސާޅީސް ހަ ރުފިޔާ ނުވަދިހަ އެއްލާރި) އެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އެކްސްޓެންޝަން އިމާރާތެއް އެޅުމުގެ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ 239 ދުވަސްތެރޭގައި ނިންމާގޮތަށެެވެ.

މި ޕްރޮޖެކްޓްގެ ދަށުން، 10 އެނދުގެ އެމެޖެންސީ ރޫމަކާއި، 2 އޮޕަރޭޝަން ތިއޭޓަރާއި، ލެބޯރެޓަރީއެއްގެ އިތުރުން ޕްރައިވެޓް ކޮޓަރިތަކާއި، ރޭޑިއޮލަޖީ ޑިޕާޓްމަންޓަާއި، 2 އެކްސްރޭ ރޫމް، ސްކޭން ރޫމް، ސީޓީ ސްކޭން އަދި އެމްއާރްއައި ރޫމްއެއް ގާއިމްކުރާނެއެވެ.

މީގެއިތުރުން ސެންޓްރަލް ސްޓެރައިލް ސަޕްލައި ޑިޕާޓްމެންޓް (ސީއެސްއެސްޑީ) ވެސް ގާއިމްކުރެވޭނެކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

އެ މިިނިސްޓްރީން ބުނީ، މިތަނުގައި 150 ކިލޯ ވޯޓުގެ ސޯލާވެސް ހަރުކުރެވޭނެ ކަމަށެވެ.

މިޕްރޮޖެކްޓަކީ އަތޮޅުތެރޭގެ 5 ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިޔަށް ގެންދާ ޕްރޮޖެކެޓްގެ ދަށުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝިއަރީ ލެވެލް އަށް ތަރަޢްޤީ ކުރުމުގެދަށުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.