މާލެ ސަރަހަށްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުުރުވުމާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސްފައިވާތީ، ކެފޭ ރެސްޓޯރަންޓް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް އިކޮނޮމިކް މިނިސްޓްރީން ބަދަލު ގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 27 ޖެނުއަރީ 2021 އިން ފެށިގެން، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށްވެސް އެ މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ފަތިހު 4:30 އިން މެންދަމު 1:00 އަށް ހުޅުވާފައި ބެހެއްޓޭނެގޮތަށް ބަދަލު ގެނެސްފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.

އެހެން ނަމަވެސް ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، މިރެއިން ފެށިގެން މާލެ ސަރަހަށްދުގައި ކާފިއު ހިންގުމަށްވެސް ވަނީ އިއުލާން ކޮށްފައެވެ. އަދި ބައްޔާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައްވެސް ވަރުގަދަ ކޮށްފައިވެއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ، މާލެ ސަރަހަށްދުގައި ހަފްލާތަކާއި، ޕާޓީތަކާއި، މީޓިންތައް ބޭއްވުންވެސް މަނާކުރައްވާފައެވެ.