މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީން ސުކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރެހުމުގެ މުބާރާތެއް ފަށައިފިއެވެ.

މިމަހުގެ 25 ވަނަ ދުވަހު ފެށި މިމުބާރާތަކީ އަންނަ މަހުގެ 9 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ "ސޭފަރ އިންޓަރނެޓް" ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ.

މުބާރާތުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިން ވީހާވެސް ބޮޑަށް އިންޓަރނެޓުގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުންކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މި މުބާރާތަކީ ކުރެހުމެއްގެ ޒަރިއްޔާއިން ރައްކާތެރި އިންޓަރނެޓެއްގެ މުހިއްމުކަން އެކުދިންނަށް ދެނެގަންނަން ލިބޭ ވަރަށް މުހިއްމު ފުރުސަތެއް ކަމަށްވެސް ބުނެއެވެ.

އިންޓަރނެޓުގައި މިހާރު ކުޑަކުދިންނަށް ދިމާވާ އެކި ކަހަލަ މައްސަލަތަކާއި، ލިބޭ ގެއްލުންތަކާއި، މިފަދަ މުހިއްމު ކަންކަން އެކުދިން އަމިއްލަޔަށް ދެނެގަތުމުގެ ފުރުސަތު ލިބިގެންދާ، މިމުބާރާތުގައި ބައިވެރިވެވޭނީ 3 އުމުރުފުރާއެއްގެ ކުދިންނަށެވެ. އެއީ 7 އަހަރުން ދަށުގެ ކުދިންނާއި، 7 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނާއި އަދި 12 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށެވެ.

މިމުބާރާތުގައި ބައިވެރިވުމަށް ކޮންމެ ކުއްޖެއްވެސް އެކުއްޖެއްގެ ކުރެހުމުގެ ފޮޓޯއެއް ނެގުމަށްފަހު ކޮމިއުނިކޭޝަން ނިސްޓްރީން ފޯރުކޮށްދީފައިވާ އޮންލައިން ފޯމަށް ގޫގުލް އެކައުންޓު މެދުވެރިކޮށް ލޮގިން ވުމަށްފަހު، އޭގައިވާ ސުވާލުތަކަށް ޖަވާބު ދިނުމަށްފަހު ކުރެހުން އެއަށް އަޕްލޯޑު ކުރެވޭނެއެވެ.

މިމުބާރާތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ 25 ޖަނަވަރީ 2021 އިން 4 ފެބުރުއަރީ 2021 ގެ ނިޔަލަށެވެ.

މުބާރާތުގައި ބައިވެރިވާ ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާނެއެވެ. މުބާރާތުގައި ހުށަހެޅޭ ކުރެހުންތައް ޖަޖުކުރާނީ ކޮމިއުނިކޭޝަން ނިސްޓްރީއިން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

މުބާރާތުން ވަނަ ހާސިލުކުރާ ކުދިން އިއުލާން ކުރުމަށް ނިންމާފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހުގެ ރޭ މިނިސްޓްރީން ސޭފަރ އިންޓަރނެޓް ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާގައެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީން ބުނީ އެމިނިސްޓްރީގެ އުއްމީދަކީ މިމުބާރާތުގެ އެހީގައި، މުބާރާތުގައި ބައިވެރިވާ ކުދިންގެ މައުލޫމާތު އިތުރަށް މުއްސަނދިވެ، އެކުދިން އިންޓަރނެޓުގެ މާހައުލުގެ ރައްކާތެރިވެ ތިބުމަށްދޭ އިސްކަން އިތުރުކުރުން ކަމަށެވެ.