- އެކްޓިވް ކޭސްގެ އަދަދު 1،366 އަށް މައްޗަށް
- ހޮސްޕިޓަލްތަކުގަ އެޑްމިޓްކޮށްގެން 101 މީހަކަށް ފަރުވާދެނީ
ރާއްޖެއިން އިތުރު 143 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 3،677 ސާމްޕަލް ކަމަށެވެ. އޭގެތެރެއިން ޕޮޒިޓިވްވީ 143 ސާމްޕަލްއެވެ.
މިއީ، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިފަހުން ޖެހިޖެހިގެން 100 އިން މައްޗަށް އެރި 4 ވަނަ ދުވަހެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 112 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 7 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭ ރަށްތަކަށެވެ. 24 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ.
މިއަދު ރާއްޖެއިން ޕޮޒިޓިވްވި 143 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 15،390 އަށް އަރާފައެވެ.
އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 50 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 13،966 އަށް އަރާފައެވެ.
އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 1،366 އަށް މައްޗަށް ގޮސްފައެވެ. މީގެތެރެއިން 101 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.