ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ފާހަގަކޮށްލެވޭ އެއް އެކްޓަރު، ނަވާޒުއްދީން ސިދުޤީ މިވަގުތު ހުރީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސަންގީން" ގެ ޝޫޓިންގްގައި އިނގިރޭސިވިލާތުގެ ލަންޑަންގައެވެ.
އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ހަލަބޮލިކަން އިތުރުވެފައިވާ މިދަނޑިވަޅުގައިވެސް ފިލްމުގެ ޝޫޓިންގ ކުރިއަށްދާތީ ގިނަ ބަޔަކުވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެހެންނަމަވެސް މިކަމާމެދު ފިލްމުގެ އެކްޓަރު ދީފައިވަނީ ވަރަށް ކުރު ޖަވާބެކެވެ. ނަވާޒުއްދީން ބުނެފައިވަނީ ކިތަންމެ ދަތި އުނދަގޫ ދަނޑިވަޅެއްގައިވެސް ޝޯވް ކުރިއަށްދާންވާނެ ކަމަށެވެ.
އިނގިރޭސިވިލާތުގެ ލަންޑަން ދެވަނަ ލޮކްޑައުންއަކަށް ތައްޔާރުވަމުންދާކަމަށް ޚަބަރުތައް ބުނަމުންދާއިރު ނަވާޒުއްދީނު ބުނެފައިވަނީ ފިލްމުގެ މަސައްކަތް އެމީހުން ކުރިއަށް ގެންދަނީ ސިއްހީ ދާއިރާގެ އިތުރުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު އެފަރާތްތަކުގެ އިރުޝާދާވެސް އެކީގައެވެ.
އެއްމަސްދުވަހުގެ މުއްދަތަކަށް ނަވާޒުއްދީން ލަންޑަންގައި ޝޫޓްކުރަމުންދާ ފިލްމު "ސަންގީން' ގެ މާގިނަ ތަފްސީލު އޭނާއަށް ދެވެން ނެތްކަމަށް އެކްޓަރުވަނީ ބުނެފައެވެ.
އެހެންނަމަވެސް މިފިލްމަކީ ތްރިލަރއެއްކަމާއި ފިލްމުގައި އޭނާ ފެނިގެންދާނީ ފިލްމުގެ މެއިން ލީޑްއިންކަމަށް ނަވާޒުއްދީންވަނީ ބުނެފައެވެ.
ޖެއިދީޕް ޗޯޕްރާ ޑައިރެކްޓްކުރާ ފިލްމު "ސަންގީން" ގައި ނަވާޒުއްދީނު ފެންނާނީ ވަރަށް ޕޮޒިޓިވް ރޯލަކުން ކަމަށާއި އޭނާ މީގެކުރިން ފެނިފައިވާކަހަލަ ވިލެން ރޯލްތަކުގެ ހިޔަނިވެސް މިފިލްމުގައި އޭނާގެ ރޯލުން ނުފެންނާނެ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެއެވެ.
ނަވާޒުއްދީނު ބުނެފައިވަނީ ވޭތުވެދިޔަ ލޮކްޑައުން ދުވަސްވަރުގައި ގޭގައި ހޭދަކުރެވުނު ވަގުތުތައް އޭނާ ބޭނުންކުރީ ތަފާތު އެކިކަހަލަ ރޯލުތައް ހުންނަ ފިލްމުތައް ބަލާ ދިރާސާކުރުމުގައެވެ.
އެހެންކަމުން އެކްޓިންގްގެ ދާއިރާގައި ތަފާތު އެކިކަހަލަ ޕްލެޓްފޯމްތަކުން ގިނަ ފުރުސަތުތަކެއް ހޯދިދާނެކަމަށް އޭނާ ގަބޫލުކުރެއެވެ. އެއީ ބޮޑު ފިލްމެއްގެ ރޯލުން ވިޔަސް ނުވަތަ މަގުމަތީގައި އާއްމުންގެ ތެރޭގައި ދެވޭ ޕާފޯމެންސެއް ނުވަތަ ހުށަހެޅުމަކަށް ވިޔަސްމެއެވެ.
ނަވާޒުއްދީން އެންމެފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ނެޓްފްލިކްސްއިން ގެނެސްދިން "ސީރިއަސް މޭން" އިންނެވެ.
ނަވާޒުއްދީނަކީ ހިންދީ ފިލްމީ ތަރިންނަށް ބަލާއިރު ވަރަށް ފާހަގަކޮށްލެވޭ މިހާރުގެ ތަރިއެއް. މޮޅު އެކްޓިން ދައްކާ އާދަޔާ ޚިލާފު މީހެއް