ދާދިފަހުން އެންމެ 11 ދުވަސްތެރޭ ފިލްމެއްގެ މަސައްކަތް ނިންމާލި ބޮލީވުޑްގެ ޒުވާން އެކްޓަރަށް އަނެއްކާވެސް ބޮޑު ފިލްމު ޕްރޮޑަކްޝަން އަކާއެކު މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބިއްޖެކަމަށް ބޮލީވުޑުގެ ޚަބަރުތައް ބުނެފިއެވެ.

ކާރތިކްއަށް މިފަހަރު ލިބިފައިވަނީ ބޮލީވުޑްގެ ސުޕަ ސްޓަރ ޝާހްރުކްޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމެންޓްއިން ތައްޔާރުކުރާ ފިލްމެކެވެ.

މިފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ފިލްމުތައް ކަމަށްވާ "ސިޓީ ލައިޓްސް،ސެކްޝަން 375 އަދި ބީއޭ ޕާސް" ފަދަ ތަފާތު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ އަޖޭ ބަލްއެވެ.

ބޮލީވުޑްގެ ކިންގްގެ ލަގަބު ލިބިފައިވާ އެކްޓަރު ޝާހްރުކްގެ ފިލްމެއް ކާރތިކްއަށް ލިބިފައިވާކަމަށް ވާހަކަ ދެކެވޭއިރު މިހާރުވެސް ކާރތިކްވަނީ ބޮޑު ދެ ފިލްމަށް ސޮއިކޮށްފައެވެ. އެއީ ދަރްމާ ޕްރޮޑަކްޝަންގެ "ދޯސްތާނާ-2" އަދި ބޫޝަން ކުމާރުގެ "ބޫލް ބުލައްޔާ-2" އެވެ.

މިދެފިލްމުގެ މަސައްކަތް ކޮވިޑް-19 ގެ ސަބަބުން މެދުކެނޑިފައި އޮތުމާއެކު ކާރތިކް މިވަގުތުހުރީ އެންމެ އަވަހަށް ފަށާނެ ފިލްމެއްގެ މަސައްކަތަށް ތައްޔާރަށެވެ.

ބެލެވޭގޮތުގައި ރެޑް ޗިލީސްގެ ޕްރޮޖެކްޓް ކުރިއަށްއޮތް ދެމަސް ދުވަހުގެތެރޭގައި ފަށާނެއެވެ. މިފިލްމުގެ މެއިން ލީޑްއިން ދެން ފެންނާނެ ތަރިން އަދި ހަމަޖެހިފައެއް ނުވެއެވެ.

ފިލްމުގެ ޓީމުގެ އަމާޒަކީ ކާސްޓުން ހަމަވުމާއެކު ހުރިހާ އެންމެން އެއްހިސާބެއްގައި ލޮކްޑައުންއަކަށް ގޮސްގެން ނަމަވެސް އަވަހަށް ފިލްމުގެ ޝޫޓިންގް ނިންމާލުމަކަށް ކަމަށް މީޑިއާއިން ބުނެއެވެ.

ދާދިފަހުން ކާރތިކް ޝޫޓިންގް ނިންމާލި ފިލްމު "ދަމާކާ" 85 ކްރޯޑް އިންޑިއަން ރުޕީސްއަށް ނެޓްފްލިކްސްއިން ގަނެފައިވާއިރު އޭނާގެ ފިލްމު މިޕްލެޓްފޯމްއިން ފެންނާނެ ދުވަހަކަށް ބެލުންތެރިންދަނީ އިންތިޒާރު ކުރަމުންނެވެ.

މިފިލްމަކީ މިވަގުތު ކާރތިކްގެ ކެރިއަރައަށްވެސް ވަރަށް މުހިއްމު ފިލްމެކެވެ. ސަބަބަކީ ޑިޖިޓަލް ޕްލެޓްފޯމްއަކުން މިއީ އޭނާގެ ފިލްމެއް ރިލީޒްކުރާ ފުރަތަމަ ފަހަރުވެސްމެއެވެ. ބެލެވޭގޮތުގައި މިފިލްމު ދެއްކުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖޫން މަހުއެވެ.