"މިވާހަކަ ބިނާކޮށް ލިޔެފައިމިވަނީ ހަގީގީ ހާދިސާއެއްގެ މައްޗަށެވެ. 2004 ވަނަ އަހަރު އަޅުގަނޑު ތ. އަތޮޅުގެ ރަށްތަކަށް ކުރި ޒިޔާރަތެއްގައި އެއަތޮޅު ރަށަކުން ދިމާވި ދެމީހަކު، ލޯބިވިތާ 45 އަހަރު ފަހުން ކުރެވުނު ކައިވެންޏެއްގެ މައްޗަށް ބިނާ ކޮށެވެ. މިދެމީހުންގެ ލޯބީގެވާހަކަ އެދުވަސްވަރު "ފިޔެސް" މަޖައްލާގައި އަޅުގަނޑު ޝާއިއު ކުރީމެވެ.
ރާއްޖޭގެ ދެކުނުން ތަޖުރިބާ ކުރެވުނު މިވާހަކަ މިހާރު މިވަނީ އުތުރަށް ބަދަލު ކުރެވިފައެވެ. އަދި ވާހަކައިގައި އުޅޭ މީހުންގެ ނަންތަކާއި ރަށްވެސް މިވަނީ ބަދަލު ކުރެވިފައެވެ. މިހާރު މިވާހަކައިގެ ނަމަކީ އިބްރާހިމްގެ ހުވަފެނެވެ. މިވާހަކައިން އެނގިގެންދާނެ އެއް ހަގީގަތަކީ ސާފު ތެދުވެރި ލޯތްބަކީ ކިތަންމެ ދުވަހެއް ވިއަސް ހިތުން ފިލުވާލަން ދަތި އަސަރު ހުރި ވަރުގަދަ ބާރެއް އެކުލެވޭ ގުޅުމެއް ކަމެވެ"
****
(21 ޖެނުއަރީ 2021 އާ ގުޅޭ)
އިބުރާހިމު، ގަދަ އަވީގައި ޚިޔާލެއް ފިކުރެއްނެތި އެތައްއިރަކު ހުރެއްޖެވެ. މޫނުން އޮށްދާ ހިއްލައި، ލައިގެންހުރި ގަންޖުފަރާސް ތެމެންދެން ހުރުމަށް ފަހު ހިޔަލަށް ވަދެއްޖެއެވެ. މީހާ ހީވަނީ ފެންވަޅެއް ދިޔަހިއްކަން އޮވެފައި އަރާ ހުރި ހެންނެވެ. ތަނެއްގައި އިށީންނާކަށް ވެސް ނޫޅެއެވެ. އަދިވެސް ހުރީ ކޮއްޅަށެވެ.
ބުދެއްހުރިހެން އެތައް އިރަކު ހުރިފަހުން، ދޯނީގެ ފަޅުވެރިއަކަށް އިބުރާހިމު ހުރިގޮތް ފެނިގެން ކައިރިއަށް އަތުވެއްޖެއެވެ. އަދި ކޮނޑުގައި ހިފާ ތަޅުވައިލާފައި ބުންޏެވެ. [އިބުރާހިމަށް ކިހިނެއް ވެފައިތަ ތިޔަހުރީ! މުޅި މީހާ ތެމި ފޯވެފައި، ބަލީތަ! ކަމެއްވީތަ! ބުނެބަލަ ފެންތައްޓެއް ގެނެސް ދެންތަ؟] އިބުރާހިމު ބޯޖަހައިލިއެވެ.
ފަޅުވެރިޔާ ދުވެފައި ގޮސް ފެންތައްޓެއް ގެނެސް ދިނުމުން ތުންޖެހިގޮތަށް އެއްނޭވާއިން ބޮއި ހުސްކޮށްލައިފިއެވެ. އޭނާ އިބުރާހިމުގެ އަތުގައި ހިފައިގެން ގޮސް ގޮޑިއެއްގައި ބައިންދައިފިއެވެ.
ކަޅި ޖަހައިނުލައި މި މަންޒަރު ބަލަން ހަލީމަ އިނެވެ. އިބުރާހިމަށް އެކަން އެއްގޮތަކަށް ވެސް އިހުސާސެއް ނުވެއެވެ. އޭނާގެ ޚިޔާލާ ފިކުރުހުރީ ކޮން ދިމާއަކަށްކަން އޭނާއަކަށް ވެސް ނޭނގެއެވެ. ބައެއް ފަހަރު ހަލީމަ އޭނާއަށް ލިބުނީއޭ ވެސް ހިތަށް އަރައެވެ. އަނެއްބައި ފަހަރު އެއީ ހުވަފެނެކޭ ވެސް ހިތަށް އަރައެވެ. އަދި ބައެއް ފަހަރަށް ހަލީމަ އޭނާގެ އަތުގައި ގަސްދުގައި ހިފީއޭ ވެސް ހިތަށް އަރައެވެ. މިގޮތަށް އިންދާ ލޯމެރެން ފަށައިފިއެވެ.
އިބުރާހިމު އިޝާ ނަމާދަށް ދިއުމަށް ޓަކައި ގެއިން ނުކުމެގެން ހިނގައިގަންތަނާ ފަހަތުން އައި މީހަކު އިބުރާހިމުގެ އަތުގައި ހިފައިފިއެވެ. ފަސް އެނބުރި ބަލައިލިއިރު އެއީ ހަލީމައެވެ. އިބުރާހިމަށް ބަހެއް ނުބުނެވި އުޅެނިކޮށް ހަލީމަ ބުނެފިއެވެ. [އަހަރެންނާ އިންނަން ކެރޭނެތަ؟]
[އާނ އަހަރެން ބޭނުން... ބޭނުން ވަރަށް ބޭނުން... ރުހިގަބޫލު...!] މިހާތަނަށް ބުނިތަނާ ކައިރީގައިއިން މީހަކު އިބުރާހިމުގެ ފައިގައި ހިފާ ތަޅުވައިގަންފައި ބުންޏެވެ. [ބަލަ އިބުރާހިމާ މޮޔަވީތަ؟] މިއަޑަށް ކުއްލިއަކަށް ހޭލެވިގެން ދެ ލޯ ބޮޑުކޮށްގެން އިނދެ ދެކޮޅު ހޯދައި ބަލަން ފަށައިފިއެވެ.
ބަހެއް ނުބުނެ އިނދެފައި އަމިއްލައަށް ހިތާހިތާ ކިޔަން ފެށިއެވެ. މިއީ ހުވަފެނެއް ޙަޤީޤަތެއް ނޫން.....މިއީ ރޭގަނޑެއްވެސް ނޫން މިއީ ރަށެއްވެސް ނޫން މިއީ ދޯނި.. މިއީ ހުވަފެނެއް...... މިހެން ކިޔަމުން ވަށްކަޅިން ހަލީމައާ ދިމާއަށް ބަލައިލިއެވެ. ހަލީމައަށް ވެސް އެ ވަގުތު ބަލައިލެވުނެއެވެ. ހީވަނީ ކަރަންޓުގައި ޖެހިގެން މީހަކު ސިހުނު ހެންނެވެ. އިބުރާހިމުގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ދުވަސްވެ ގައިބާރު ދެރަވަމުން ދިޔައަސް ލޯބީގެ އިހުސާސްތަކުގެ މަތިން ހަނދާންވާ ފަހަރު ގިނަ މީހުންނަށް މިފަދަ ގޮތްތައް ވެއެވެ.
އިބުރާހިމަކީ ދަތުރު މަތީގައި ހެލިފެލިވެ މަޖާކޮށް އުޅޭމީހަކަށް ވިއަސް މިއަދު އިބުރާހިމު ފެންނަނީ ޖެހިބުދެއްހެން ހިމޭނުން އިންނަތަނެވެ. އިސް އުފުލައި، މީހަކަށް ބަލައިލާ ގޮތެއްވެސް މިއަދަކު ނެތެވެ. އިބުރާހީމުގެ ފިކުރާ ޚިޔާލު ހުރީ ހަމަ އެންމެ ދިމާ އަކަށެވެ. އެއީ ހަލީމައެވެ. އިބުރާހިމުގެ މިލްކަކަށް ހަލީމަ ހެދުމެވެ.
ދޯނި ރަށާ ގާތްވަމުން އައިއިރު ހަލީމަގެ މޫނުމަތިން އުފާވެރި ކަމަށްވުރެ ބޮޑަށް ފެންނަނީ ކަމަކާ ފިކުރު ކުރާތަނެވެ. ބުނެދޭން ނޭނގޭ ގޮތްތަކެއް ވާހެން ވެސް ބައެއް ފަހަރަށް ހަލީމައަށް ހީވެއެވެ. މިކަން އެނގޭ އިތުރު މީހަކު ނެތެވެ.
ދޯނި އިހަވަންދުއަށް ލެފުމާއެކު އެންމެ އަވަހަށް ދޯނިން ފޭބި މީހަކީ އިބުރާހިމެވެ. ފޭބީކީވެސް ނޫނެވެ. ފާލަމާ ގާތް ކުރިވަގުތު ފުންމައިލީ އެވެ. ފައި ބިމުގައި ޖެހުމާއެކު ހަރުކޮށް ހިނގައިގެންފިއެވެ. ގެންދިޔަ ދަބަސްވެސް ދޯނީގައި ހުއްޓެވެ. އޭގެ މަތިންވެސް ހަނދާނެއް ނެތެވެ.
ދޯނީގެ ކައްޕިތާނަށް އިބުރާހިމުގެ ހަރަކާތްތައް ފެނުމުން ކޮންމެވެސް ކަމެއްވެގެން އުޅޭހެން ހީވެގެން ދެތިން ފަހަރަކު ގޮވައިވެސް ލިއެވެ. އަޑު އިވޭކަމަކަށް ވެސް އިބުރާހިމު ނުހެދިއެވެ. އޭނާއަށް ހީވަނީ އެހެން މީހުންނަށް މިކަން އެނގެނީ ހެންނެވެ. ހިތުގައި އުފެދުނު ވަސްވާސްތަކުން ބޮލަށް އެނބުރުން އަރައި މޫނުމައްޗަށް އަނދިރިވެ ގެއާއި ވަރަށް ކައިރިވެފައި ހުއްޓައި ވެއްޓިއްޖެއެވެ. މިތަންފެނު ބަޔަކު އިބުރާހިމު ނަގައިގަނެގެން ގެއަށް ވައްދައިފިއެވެ.
ޞިއްޙީ މަރުކަޒުގެ ކައިރީގައި ހަލީމަ މަޑުކޮށްލައިގެން ހުރީ ކުޑަދުވަހުން ފެށިގެން ހަލީމަގެ އެންމެ ގާތް އެކުވެރި ޚަދީޖާ އަންނަން ދެނެވެ. ހަލީމަގެ ފުރަގަހުން ޚަދީޖާ އައިސް ޕޮއް ގޮއްވާލުމާއެކު ހަލީމައަށް ހީވީ މެޔަށް ފެން އެއްޗެއް އަޅައިލި ހެންނެވެ."މަގޭ ރަންގަނޑާ ހަލީމާ.. ކީއްކުރަންތަ މިތަނަށް އަންނަން ބުނީ ؟
ހައްވާ މިއީ ސިއްރެއް މިވާހަކަ އިހަށް ނުދައްކާތި؟ އަހަރެން މިތަނަށް މިއައީ އިބުރާހިމަށް ގޮވާލަން އޭނާ މިއަދު ފިއްލަދޫން އައިތަނުން ޚަބަރު ހުސްވެގެން މިތަނަށް ގެނައީ އެހެންވެ އޭނާއަށް ގޮވާލަން މިއައީ،"
[ތީ މީހުންނަށް އަންގަން ނުވާވަރުގެ ވާހަކައެއްހޭ؟] ޚަދީޖާ ބުނުމާއެކު ހަލީމާ ބުންޏެވެ.
"ޚަދީޖާއަށް ވެސް ރަނގަޅަށް އެނގޭނެ އަހަރެންގެ ފުރަތަމަ ލޯބިވެރިއަކީ އިބުރާހިމުކަން، ދެ އާއިލާގެ ދެމެދު އުފެދިފައިވާ ފިތުނަ އަހަރެމެންގެ ކައިވެންޏަށް ހުރަހަކަށް ވީ، އެބަވިސްނަން އަދި މިއަދުގެ ހާދިސާއަކީ ވެސް އަހަރެންނާ ހެދި ދިމާވި ކަމެއްކަމަށް އަހަރެން ޤަބޫލު ކުރަނީ، އޭނާއަށް ގޮވާލަން މިއައީވެސް އަވަސް ފަރުވާއެއް ލިބި އޭނާ ގަދަ ވެދާނެ ކަމުގެ އުންމީދުގައި"
ޚަދީޖާ ބުންޏެވެ. [އަހަރެން އަބަދުވެސް ހަލީމަގެ ސިއްރުތައް ހިފަހައްޓާ ދޭނަން.]
ޞިއްޙީ މަރުކަޒުގައި އެނދުމަތިކޮށްފައި އިބުރާހިމު އޮތްތަނަށް ހަލީމަ ވަންއިރު އިބުރާހިމުގެ އެންމެ ދޮށި ފިރިހެން ދަރިފުޅު ނާފިޒު އޭނާގެ ބައްޕަގެ ބުރަކަށީގައި ފިރުމާލަ ފިރުމާލަ ހުއްޓެވެ. އިބުރާހިމު އޮތީ އެނދުގެ ބިއްދޮށަށް އެނބުރިއެވެ. ހަލީމާމެން އެނދުކައިރިއަށް އައިސް ހުއްޓުމާއެކު ނާފިޒު އޭނާގެ ބައްޕައަށް ގޮވައިލިއެވެ.
"ބައްޕާ މިތިބީ ބައްޕަ ދެކެލަން އައިސް ތިބި ބައެއް މިފަރާތަށް އެނބުރި ބަލަ"
އިބުރާހިމު މަޑުމަޑުން މަގަތައް އެނބުރުނެވެ. އަދި މެރިފައިވާ ލޯ ހުޅުވައިލިއެވެ. އެވަގުތު ހަލީމަ، އިބުރާހިމު ބާއްވާފައި އޮތް އެނދާ ކައިރި ވެލިއެވެ. އަދި ބުންޏެވެ. އިރާދަކުރެއްވިޔާ ދެންވާނީ ރަނގަޅު މާބޮޑަށް ފިކުރު ބޮޑު ނުކުރާތި ކޮންމެ އަޅަކުވެސް ހެޔޮނިޔަތުގައި ކުރާ މަސައްކަތް މާތްރަސްކަލާނގެ އިރާދަފުޅާއެކު ކާމިޔާބު ވާނެއެވެ.
އެވަގުތު އިބުރާހިމުގެ މޫނު މައްޗަށް ލުއި ހިނިތުން ވުމެއް ވެރިވިއެވެ. އަދި ކަޅި ޖަހައިނުލައި ހަލީމަގެ މޫނަށް ބަލަން އޮތެވެ. އެވަގުތު ހަލީމަގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. ގިނައިރު މިގޮތަށް ހުރެއްޖެނަމަ އަމިއްލަ ނަފުސުގެ މައްޗައް ބާރު ނުފޯރުވި ހިތުގައި ޖަހަމުންދާ ވިންދު ބަސްތަކެއްގެ ގޮތުގައި ބޭރަށް ނުކުމެދާނެ ކަމުގެ ބިރަށްޓަކައި ހަލީމަ އެތަނުން ދިއުމަށްގަސްދު ކޮށްފިއެވެ.
"މިހިރީ އިބުރާހިމަށް އަހަރެން ގެނެސްދިން ހަދިޔާއެއް. މީގައި ޖޫހާ، އާފަލާ، އޮރެންޖު ހުންނާނެ، އަވަހަށް ރަނގަޅުވާނީ ރަނގަޅު ކާނާ ކައިގެން، ދެން މިވަގުތު ގޮސްލަނީ"
ހަލީމަ އެ ވާހަކަތައް ބުނަމުން ދިޔައިރު އަޑުގައި ކުރަކިކަމެއް ހުރިކަން ޚަދީޖާއަށް ރަނގަޅަށް ވިސްނުނެވެ. ހަލީމަ ވާހަކަދެއްކީ އިސްދަށަށް ޖަހައިގެން ހުރެއެވެ. އެކަމަކު ދާންވެގެން ހިނގައި ގަންނަމުން އިބުރާހިމާ ދިމާއަށް ހަލީމަ ބަލައި ލިއެވެ. އެވަގުތު އިބުރާހިމު ބޯޖަހައިލިއެވެ. އަދި ހަލީމަ ހިނިތުންވެލިއެވެ. (ނުނިމޭ)
--
އެޑިޓަރުގެ ނޯޓު: މިވާހަކައިގެ 7 ވަނަ ބައި ޝާއިއު ކުރެވޭނީ ދެން އަންނަ ބުރާސްފަތި ދުވަހުއެވެ.
ވަރަށް ސަޅި ވާހަކައެއް
އިބުރާހިމު ކަޑަވީމަތާ ކުރިންވެސް ކެޓީ. ދެން ސާޅީހަކަށް އަހަރު ފަހުން އަނެއްކާ ލޯބި ތިއޮތީ އާލާވެފަ ކަމަށްވާނީ.. މިފަހަރު ވެސް ތިހާ ފިނޑިކޮށް އުޅެންޏާ ކަޓާފާނެ. އެކަމު ލިއުންތރިއާ އެހެންނުހަދާތި
މިހާރު މަވެސް ބޭނުންވަނީ އިބްރާހިމަށް ކާމިޔާބު ވެގެން ވާހަކަ ނިމެން. ކިހާދުވަހެއް އެފަކީރު އެ ދިގު އިންތިޒާރުގަ ހުންނަތާ،
ހަގީގީ ދިވެހި ވާހަކަތައް ކިޔާލުމުން ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑު
ލައްކަ ލޯބީގެ އަސަރު އެބަހުރި