މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެން 2030 ވަނަ އަހަރަށް ދިވެހިރާއްޖެއިން ޖައްވަށް ދޫކުރާ ވިހަގޭސް 26 އިންސައްތައަށް ކުޑަކުރުމަކީ އަމާޒެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކްލައިމެޓް އެޑެޕްޓޭޝަން ސަމިޓް 2021 ގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅު ދައްކަވަމުންނެވެ.
އޮންލައިންކޮށް ބޭއްވި މިސަމިޓުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ހުސައިން ވިދާޅުވީ، ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރިމަތިވާ ގެއްލުންތަކަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި އެކަމާއި ގުޅިގެން މީހުންގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.
މި ގެއްލުންތައް ކުރިމަތިވާލެއް ގިނަވަމުން އަންނަ ކަމަށާއި މީގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް އިތުރު ދަތިތަކާއި ކުރިމަތިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ގެއްލުންތައް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ އެކަމަކަށް ވަރަށް ގިނަ ފައިސާގެ އެހީއާއި ވަސީލަތްތައް ބޭނުންވާނެ ކަމެއްކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ގައި ކްލައިމެޓް އެޑެޕްޓޭޝަން ހަރުދަނާކުރުމަށް ހިމަނާފައި ވާނެކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެ ހިއްސާކުރަނީ ދުނިޔޭގެ ނިސްބަތުން ޖައްވަށް ދޫކުރާ ވިހަގޭހުގެ އެންމެ 0.003 އިންސައްތަ ކަމަށާއި އެހެންނަމަވެސް، ދިވެހިރާއްޖެއިން ލީޑަރޝިޕް ދައްކާނެ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހަރުދަނާ ބޮޑެތި ފިޔަވަޅުތައް އެޅުމަށާއި ބޮޑެތި ނިންމުންތައް ނިންމުމަށް ގޮވާލާނެ ކަމަށެވެ. އަދި މިކަމުގައި ސާބިތުވެ ހުންނަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަމާޒަކީ، 2030 އަށް ދިވެހިރާއްޖެއަކީ ނެޓްޒީރޯ ގައުމަކަށް ހެދުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް، ދިވެހިރާއްޖެ ނެޓްޒީރޯ ގައުމަކަށް ހެދެން އޮތީ، ދުނިޔޭގެ ގައުމުތަކުން އެކަމަށް ބޭނުންވާ އެއްބާރުލުން ލިބިގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުން ސައިންޓިސްޓުންނާއި، ޕްރައިވެޓް ސެކްޓަރއާއި، ސިވިލް ސޮސައިޓީ އަދި ޔޫތް ރިޕްރެޒެންޓޭޓިވްސް ހިމެނޭގޮތަށް ޖުމްލަ 18،500 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި 50 މިނިސްޓަރުންނާއި ދުނިޔޭގެ 30 ލީޑަރުންނާއި 50 އިންޓަރނޭޝަނަލް އޯގައިނައިޒޭޝަންތަކުން ވަނީ ބައިވެރިވެފައެވެ.