މިސްކިތުގައި މަރާމާރީ ހިންގި އިންޑިއާ މީހާ ޑީޕޯޓް ކޮށްލަން ނިންމަފިއެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ، ހުޅުމާލޭ އަޒީޒާ މިސްކިތް ތެރޭގައި ހުރި އުމުރުން ދުވަސްވީ މީހެއްގެ ގައިން ވަހެއް ދުވާތީ ކަމަށްބުނެ އެމީހާ މިސްކިތުން ނެރެ މާރާމާރި ހިންގަފައިވާތީއެވެ.

ފުލުހުން ބުނީ ހުޅުމާލޭ އަޒީޒާ މިސްކިތުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދިންކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހާގެ މައްސަލައިގެ ތަހުގީގު ނިންމައި މިދިޔަ ހަފްތާގެ ތެރޭގައި ޕީޖީއަށް ފޮނުވާފައިވާކަމަށެވެ. އަދި އެމީހާ ޑީޕޯޓްކޮށްލުމަށް ޕީޖީއިން ނިންމުމާއި ގުޅިގެން އެމީހާ މިހާރު ވަނީ އިމިގްރޭޝަންއާ ހަވާލުކޮށްފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މީހާ ޑީޕޯޓް ކުރަން ނިންމި މައްސަލަ އާއި ގުޅިގެން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ، ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ އެމީހާ ޑީޕޯޓް ކުރަން ނިންނީ މައްސަލައިގެ ޒާތާއި ބާވަތަށާއި، ލިބިފައިވާ ގެއްލުމާއި، ތުހުމަތުކުރެވޭ މީހާގެ ކުށުގެ ރެކޯޑާއި، މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތް ކުރިއިރު މި މައްސަލާގައި ޖިނާއީ ދަޢުވާއެއް ކުރުމަށްވުރެ މަސްލަޙަތު ބޮޑީ ތުހުމަތުކުރެވޭ މީހާ ޑީޕޯޓްކޮށްލުން ކަމަށް ފެންނާތީ ކަމަށެވެ.

މި ނިންމުން ނިންމުމުގެ ކުރިން މައްސަލާގައި އަނިޔާލިބުނު ފަރާތާ ޕީޖީ އޮފީހުން މަޝްވަރާކޮށް މައްސަލަ ކުރިއަށްގެންދިއުމާމެދު ދެކޭގޮތް ބަލާފައިވާކަން ފާހަގަކުރައްވާ ޝަފީއު ވިދާޅުވީ އެ މައްސަލަ ޕީޖީއަށް ހުށަހެޅިއިރު ތަޙުޤީޤުކުރި ފަރާތުގެ ޚިޔާލަކަށްވެސްވީ ޑީޕޯޓްކޮށްލުމުގެ މަސްލަޙަތު ބޮޑުކަން ކަމަށެވެ. އަދި މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ކުރާ ކުށްތަކުގެ ބާވަތާއި ލިބުނު ގެއްލުމާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ކުރިންވެސް ޢަމަލުކުރާ ގޮތް ކަމަށް ޝަފީއު ވިދާޅުވިއެވެ.

ޕީޖީ އޮފީހުގެ، ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ މިބާވަތުގެ ނިންމުންތައް ނިންމުމުގައި ކުށުގެ ތުހުމަތުކުރެވޭ މީހާ ވަކިޤައުމަކަށް ނިސްބަތް ވުމަކީ ނިންމުމަށް އަސަރުކުރާނެ ކަމެއްނޫން ކަމަށެވެ.