ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގެ ރަނގަޅު ނަތީޖާ ފެންނަން ފަށައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިމިވަނީ، ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމަށް ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން ހަދާ ދިރާސާއަށް ފަހު އާންމު ކުރި ތަފާސްހިސާބުތަކުން 2020 ވަނަ އަހަރުގެ ސީޕީއައިގައި ރާއްޖެ 14 ޕޮއިންޓު މައްޗަށް ޖެހިފައިވާތީއެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަންއާ ދެކޮޅަށް ރާއްޖޭން ކުރަމުންދާ މަސައްކަތްތައް އަދި ނުނިމޭކަމަށެވެ. އެެހެންނަމަވެސް އެމަސައްކަތްތަކުގެ ފޮނި ނަތީޖާ މިހާރު ފެންނަން ފަށައިފިކަމަށެވެ.

ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް 55 ދަރަޖައިގެ ކުރިއެރުމެއް ލިބިފައިވާއިރު މިއީ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި މިހާތަނަށް ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

ދެހާސް ވިހި ވަނަ އަހަރުގެ ސީއައިޕީ މިއަދު ނެރުނުއިރު، އެ ރިޕޯޓުން ދައްކާ ގޮތުން 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 180 ގައުމުގެ ތެރެއިން 75 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 14 ޕޮއިންޓުގެ ކުރިއެރުމެކެވެ.

ސީޕީއައި ހެދުމުގައި ބަލަނީ 180 ގައުމާއި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި ޝާއިއުކުރާ ދިރާސާތަކަށެވެ.