ފަތުރުވެރިން ގޮވައިގެން ރާއްޖެ އަންނަ އެކި އުޅަނދުތަކުން، ރާއްޖޭގައި ހިމާޔަތްކޮށްފައި އޮންނަ ސަރަހައްދުތަކަށް ދާނަމަ ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އަންގައިފިއެވެ.

އީޕީއޭއިން މިފަދައިން އަންގާފައިވަނީ އެ އެޖެންސީން ނެރުނު ބަޔާނެއްގައެވެ.

އީޕީއޭއިން ބުނީ ފަތުރުވެރިކަމުގެ ބޭނުމުގައި ރާއްޖެއިން ބޭރުން އަންނަ ސަބްމެރިން، ޔޮޓް އަދި ކްރޫޒްތައްފަދަ އުޅަނދުތަކުގައި ރާއްޖެއިން ބޭރުން ޒިޔާރަތްކުރާ ފަރާތްތަކުން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ގަވައިދާ ހިލާފަށް ވަންނަމުންދާކަމަށެވެ. އަދި މި ސަރަހައްދުތަކަށް ވަނުމުގެ ސަބަބުން މި ސަރަހައްދުގެ ވެއްޓާއި ދިރުންތަކަށް ގެއްލުންވަމުން ދާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާކަމަަށްވެސް އީޕީއޭއިން ވަނީ ބުނެފައެވެ.

އީޕީއޭއިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ގިނަ ސަރަހައްދުތަކެއް ހިމާޔަތްކޮށްފައިވަނީ އެ ސަރަހައްދުތަކުގެ ދިރުންތަކާއި، މާހައުލު ރައްކާތެރިކޮށް ދެމެހެއްޓުމާއި، އަންނަންއޮތް ޖީލުތަކަށް ފޮރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

އަދި މި ސަރަހައްދުތައް ހިމާޔަތްކުރުމާ ގުޅިގެން މި ސަރަހައްދުތަކަށް ވަދެ ނިކުމެ އުޅުމާއި، އެކި ކަންކަމުގައި މި ސަރަހައްދުތައް ބޭނުންކުރުމުގައި ވަކި މިންގަނޑުތަކެއް ކަނޑައަޅާ އިއުލާނުކޮށްފައިވާކަންވެސް އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މި ސަރަހައްދުތަކަށް ވަނުމުގެ ކުރިން އެ އެޖެންސީން ހޯދަންޖެހޭ ހުއްދަތައް ހޯދުމާއި، ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް، ލޯކަލް އެޖެންޓުންނާ ޓުއަރ އޮޕަރޭޓަރުންގެ އިތުރުން ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.