ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާއަށް ގިނަ ބަޔަކަށް ދައުވަތު ނުދޭން ނިންމައިފިއެވެ.

މިއަހަރު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ނިންމާފައިވަނީ އަންނަ ފެބްރުއަރީމަހުގެ 4 ވަނަ ދުވަހުއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުތައް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށްފަހު މާލެ ސަރަހައްދުން ފެންނަ ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ އިދާރާއިން މިއަދު ބުނީ، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުން އެޗްޕީއޭއިން މަނާކޮށްފައިވާތީ ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް ދައުވަތު އަރުވާފައިވާ ބެފުޅުންގެ އަދަދު މަދުކޮށްފައިވާ ކަމަށެވެ.

މިޖަލްސާއަށް ދައުވަތު އަރުވަން މިހާރު ނިންމާފައިވާނީ، ވަޒީރުންނަށާއި، ރާއްޖޭގައި ތިއްބަވާ ބޭރު ދައުލަތްތަކުގެ ސަފީރުންގެ އިތުރުން ހައި ކޮމިޝަނަރުންނަށް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

މި ބޭފުޅުން ފިޔަވައި އެހެނިހެން ބޭފުޅުންނަށް އަރުވާފައިވާ ދައުވަތު މިހާރު ކެންސަލްކޮށްފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.