ކާމިޔާބު ފިލްމު "ބާހޫބަލީ" އިން ބޮޑު މަޝްހޫރުކަމެއް ހޯދި ސައުތް އިންޑިއަން އެކްޓަރު ޕްރަބާސް، ޑައިރެކްޓަރު ސިދާތް އާނަންދްގެ ފިލްމަކަށް ސޮއިކުރަން އުޅޭކަމަށް އިންޑިއާގެ މީޑިއާގައި ވާހަކަދެކެވެން ފަށައިފިއެވެ.
ފިލްމު "ވޯ" އަދި "ބޭންގް ބޭންގް" ފަދަ އެކްޝަން ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ސިދާތް މިވަގުތު މަސައްކަތް ކުރަމުންދަނީ އެކްޓަރު ޝާހްރުކް ޚާން އަދި ދީޕިކާ ޕަދުކޯން މުހިއްމު ރޯލުން ފެނިގެންދާ ފިލްމް "ޕަތާން" ގެ ޝޫޓިންގްގައެވެ.
މިއަހަރުގެ ޖޫންމަހު މިފިލްމުގެ މަސައްކަތް ނިންމާލުމަށްފަހު، ބަތަލާ ދިޕިކާއާއެކު ރިތިކް ރޯޝަން ސޮއިކޮށްފައިވާ ފިލްމު "ފައިޓާ" ގެ މަސައްކަތް ފެށުމަށް ސިދާތްދަނީ ތައްޔާރުވަމުންނެވެ.
ޕްރަބާސްއާއެކު ސިދާތް ފެށުމަށް ވާހަކަ ދެކެވޭ ފިލްމަކީ މިއަހަރުތެރޭ ސިދާތްގެ މަސައްކަތް ފެށޭނެ 3 ވަނަ ފިލްމެވެ.
މިވަގުތު ހައިދަރްއާބާދުގައި ފިލްމު "ސަލާރް" ގެ ޝޫޓިންގްގައި އަވަދިނެތި އުޅެމުންވެސް ޕްރަބާސްވަނީ ސިދާތް އާނަންދްއާއެކު އޭނާ ފަށަން އުޅޭ ފިލްމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ.
ސިދާތްގެ ދެ ފިލްމެއްގެ މަސައްކަތް ހަލުވި ސްޕީޑްގައި ކުރއަށްދާއިރު އެކްޓަރު ޕްރަބާސްވެސް މިއަހަރުތެރޭ ވަރަށް ބޮޑެތި ފިލްމުތަކަކަށްވަނީ ސޮއިކޮށްފައެވެ.
އެއީ މިހާރު ޝޫޓިންގް ކުރިއަށްދާ "ސަލާރް، އަދި ޕުރުޝް" ގެ އިތުރުން ނަގް އަޝްވިންގެ ވަކި ނަމެއް ހަމަޖެހިފައިނުވާ މެގަ ޕްރޮޖެކްޓެވެ.
ބެލެވޭގޮތުގައި ސިދާތްއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވީ ނަމަވެސް މިދެފަރާތަށްވެސް އިތުރު ޕްރޮޖެކްޓެއް ފެށެން އަންނަނީ އަންނަ އަހަރުއެވެ. ސަބަބަކީ ޕްރަބާސްވެސް މިވަގުތު ބޮޑެތި ފިލްމުތަކެއްގެ ޝޫޓިންގްގައި އަވަދިނެތި އުޅުމެވެ.
މިދިޔަ އަހަރު އިންޑިއާގެ ބޮލީވުޑަށް ރަސްމީކޮށް ތައާރަފްވެފައިވާ "ސާހޯ" ގެ އެކްޓަރަށް ސައުތް އިންޑިއާއިންވެސް ގިނަ ފިލްމީ ފުރުސަތުތަކެއް ލިބުނުނަމަވެސް ޚަބަރު ލިބޭގޮތުގައި އޭނާ ފެހި ސިގްނަލް ދީފައިވަނީ ސިދާތް އާނަންދުގެ ކުރިއަށް އޮތް ފިލްމަކަށެވެ.
ޕްރަބާސްގެ ދެން އެންމެ އަވަހަށް ނެރުމަށް ހަމަޖެހިފައިވަނީ ޔޫވީ ކްރިއޭޝަންއިން ނެރޭ ފިލްމު "ރާދޭ ޝްޔާމް" އެވެ.
ޕްރަބާސްއާއެކު މިފިލްމުން ފެނިގެންދަނީ ބަތަލާ ޕޫޖާ ހެޖްއެވެ.