އަދާލަތު ޕާޓީގެ ރައީސްކަމަށް، ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ އިންތިޚާބު ކޮށްފިއެވެ.

އަދާލަތު ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި އިންތިޚާބު ކުރުމަށް އޮންލައިންކޮށް ވޯޓު ލާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އަދާލަތު ޕާޓީން މިރޭވަނީ ވޯޓުގެ ވަގުތީ ނަތީޖާ އިޢްލާން ކުރައްވާފައެވެ.

އިންތިޚާބުގައި 2 ބޭފުޅުން ވާދަކުރެއްވިއެވެ. އެއީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުރުން، އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީއެވެ.

އިންތިޚާބުގައި އައްޝައިޚް އިމްރާން ޢަބްދުﷲ އަދި އޭނާގެ ރަނިންގމޭޓް އަލްފާޟިލް އަޙްމަދު ޝަރީފަށް 921 ވޯޓު ލިބިވަޑައި ގެންނެވިއިރު، ޑރ. އަޙްމަދު ޒާހިރު އަލީ އަދި އޭނާގެ ރަނިންގ މޭޓް އަލްފާޟިލް އަޙްމަދު ނަޝީދުއަށް ލިބިވަޑައި ގެންނެވީ 167 ވޯޓެވެ.

އިންތިޚާބުގައި ވޯޓުލުމަށް ވޯޓްލުމަށް 4،556 މީހުން ރަޖިސްޓްރީ ކޮށްފައި ވާއިރު، އޭގެތެރެއިން ވޯޓު ލާފައިވަނީ 1،088 މީހުންނެވެ.

އަދާލަތު ޕާޓީން މިރޭ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، އިންތިޚާބުގެ ދާއިމީ ނަތީޖާ ކުރިއަށްއޮތް 5 ދުވަހުގެ ތެރޭގައި އިޢްލާން ކުރައްވާނެ ކަމަށެވެ.