މިވަގުތު ބޮލީވުޑްގެ އެންމެ ނަން ހިނގާ ކާމިޔާބު އެއް ބަތަލާ ކަންގަނާ ރަނާވަތް އޭނާގެ ކުރިއަށް އޮތް ފިލްމުގައި ކުޅެން ހަމަޖެހިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު އިންދިރާ ގާނދީގެ ރޯލުކަމަށް ފިލްމް ފެއަރ ޚަބަރުތަކުން ބުނެފިއެވެ.

މިވަގުތު އޭނާގެ ކުރިއަށް އޮތް ފިލްމު "ދާކަދް" ރިލީޒްކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅެމުންދާ ބަތަލާ ކުޅެން ހަމަޖެހިފައިވާ މިފިލްމަކީ ޕޮލިޓިކަލް ޑްރާމާއެކެވެ.

ދާދިފަހުން ކަންގަނާ ފިލްމް ފެއަރއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ވަކި ނަމެއް ހަމަޖެހިފައިނުވާ މިފިލްމުން ކަންގަނާގެ އިތުރުން ބޮލީވުޑްގެ ފުންނާބު އުސް މޮޅު ތަރިންތަކެއް ފެނިގެންދާނެއެވެ.

މިވަގުތު ފިލްމުގެ ސްކްރިޕްޓް ނިމުމުގެ މަގުމަތީގައިވާއިރު، މިފިލްމަކީ ބޮޑުވަޒީރު އިންދިރާ ގާނދީގެ ބަޔޮޕިކްއެއް ނޫންކަމަށް ކަންގްނާވަނީ ބުނެފައެވެ.

އެހެންނަމަވެސް، މިހާރު އިންޑިއާގެ ސިޔާސީ މައިދާނުގައި ހިނގާ ހަލަބޮލި ކަންތައްތަކާއެކު މުޅި ގއުމު ސިޔާސީގޮތުން ކުރިއަރާފައިވާ މިންވަރާއި ސިޔާސީ ދިރިއުޅުން މިއަދުގެ ޖީލަށް ވަރަށް ރަގަޅަށް މިފިލްމުން އެނގިގެން ދާނެކަމަށް ބަތަލާވަނީ ބުނެފައެވެ.

އަބަދުވެސް ޖެހިލުންކުޑަ ކެރޭ ބަތަލާއެއްގެ ގޮތުގައި ބޮލީވުޑްގެ ގިނަ ފަންނާނުން ދެކޭ ކަންގަނާވަނީ އިންޑިއާގެ އިތުރުން ދުނިޔެވެސް ދުށް އެންމެ ތާރީޚީ ސިޔާސީ ލީޑަރުގެ ރޯލް ކުޅެން ލިބުމަކީ އޭނާގެ އެކްޓިންގ ކެރިއައަށް ލިބުނު ފަޚުރެއްކަމަށް ބުނެފައެވެ.

މިފިލްމުގެ ސްކްރީންޕްލޭއާ ސްކްރިޕްޓް ލިޔުމަށް ހަމަޖެހިފައިވަނީ ކަންގަަނާއާއެކު ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ޑައިރެކްޓަރު ސައި ކަބީރްއެވެ.

ކަންގަނާގެ ކުރިއަށްއޮތް ފިލްމު ދާކަދް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

ދާކަދްގެ އިތުރުން ބަތަލާގެ ކުރުއަށް ހުރި ފިލްމުތަކުގެތެރޭގައި ފިލްމު "ތޭޖަސް، އަޕަރަޖީތާ އަޔޯދްޔާ" ހިމެނެއެވެ.

ދާދިފަހުން ކަންގަނާވަނީ 2019 އަހަރު ނެރުނު އޭނާގެ ކާމިޔާބު ފިލްމު "މަނިކަރްނިކާ- ދަ ކުއީން އޮފް ޖާންސީ" ގެ ދެވަނަ ބައެއް ނެރުމުގެ ޚިޔާލު ގެންގުޅޭކަމަށް ބުނެފައެވެ.

ގައުމީ އިނާމު ތިން ފަހަރަށް ހާސިލުކޮށްފައިވާ ބަތަލާއަށް އިންޑިއާގެ ސަރުކާރުން ދޭ އެންމެ ޝަރަފުވެރި އެވޯޑް ޕަދްމާޝްރީ އެވޯޑް މިދިޔައަހަރު ވަނީ ލިބިފައެވެ.