2019 ވަނަ އަހަރު އެމޭޒަން ޕްރައިމް ވީޑިއޯއިން ގެނެސްދިން އެކްޝަން ތްރިލަރ "ދަ ފެމިލީ މޭން" ގެ ދެވަނަ ބައި ނެރެން ހަމަޖެހިފައިވާ ތާރީޚު ފަސްކޮށްފިއެވެ.

މިސީރީސް ނެރޭނެ ތާރީޚު ފަސްކޮށްފައިމިވަނީ ދާދިފަހުން އެމޭޒަން އިން ގެނެސްދިން އެންމެ ކާމިޔާބު ސީރީސް "މިރްޒާޕޫރް އަދި ތަންޑަވް" އަށް އާއްމުންގެ ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވުމާއި ގުޅިގެންނެވެ.

ޚާއްސަކޮށް އެމޭޒަން އިން ދާދިފަހުން ރިލީޒްކުރި ޕްރޮޑިއުސަރު އަލީ އައްބާސް ޒަފަރުގެ "ތަންޑަވް" ގެ މުޅި ކާސްޓާ ދެކޮޅަށް ދައުވާ އުފުލުމަށް ގިނަބަޔަކުދަނީ ގޮވާލަމުންނެވެ. ސަބަބަކީ މިސީރީސްގައި އެކި ދީންތަކަށް ފުރައްސާރަ ކުރެވޭކަހަލަ އިބާރާތަކުން ސީރީސްގެ ބައެއް ޑައިލޮގްތައް ޑެލިވަރކޮށްފައިވުމާއި ގުޅިގެންނެވެ.

"ދަ ފެމިލީ މޭން" ގެ 2ވަނަ ސީޒަން ސްޓްރީމްކުރުމަށް ކުރިން ހަމަޖެހިފައިވާ ތާރީޚަކީ މިއަހަރުގެ ފެބްރުއަރީމަހުގެ 12 ވަނަ ދުވަހެވެ.

އެހެންނަމަވެސް އެމޭޒަންއިން ތާރީޚު ފަސްކުރުމާގުޅިގެން ސީރީސްގެ ޓްރެއިލަރ ރިލީޒްކުރުންވެސްވަނީ ފަސްކުރެވިފައެވެ.

މިސީރީސްގެ ސްޓްރީމިންގް ފަސްކުރުމާގުޅިގެން އެންމެ ބޮޑު މާޔޫސްކަމެއް ލިބިފައިވަނީ ފިލްމުގެ މެއިން ލީޑިންގް އެކްޓަރ މަނޯޖް ބަޖްޕާއީ އަދި ކޯ ޑައިރެކްޓަރު ރާޖް ޑީކޭއަށެވެ.

ސީރީސްގެ ޕްރޮޑަކްޝަން ޓީމުންވެސް ޤަބޫލުކުރާގޮތުގައި އާއްމުންގެ ގިނަ ބަޔަކު އެމޭޒަންއާމެދު ހިތްހަމަނުޖެހި ދެކޮޅަށް އަޑުއުފުލަމުންދާ މިދަނޑިވަޅަކީ މިސީރީސް ރިލީސްޒުކުރުމަށް އެންމެ މުނާސަބު ވަގުތެއް ނޫނެވެ.

މިކަމާ ގުޅިގެން ދެން އުފެދޭ ސުވާލަކީ ގެނެސްދޭން މިއުޅޭ ސީރީޒްގައި މިކަހަލަ ހާދިސާތަކަކަށް މަގުފަހިވެދާނެ އެއްވެސް ކަހަލަ ހިމެނޭތޯއެވެ.

މިކަމާގުޅިގެން ފިލްމުގެ ޑައިރެކްޓަރު ރާޖް ނިދީމޯރް އަދި ކޯ ޑައިރެކްޓަރު ބުނެފައިވަނީ "ފެމިލީ މޭން" ގައި އެކަހަލަ އެއްވެސް މައްސަލައެއް ނޫޅޭނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

އެހެންނަމަވެސް އެކަން މިދަނޑިވަޅުގައި އާއްމުންނަށް ނޫނީ ބެލުންތެރިންނަށް ގަބޫލުކުރަން ދަތިވާނެކަމަށް ދެ ޑައިރެކްޓަރުންވެސްވަނީ ބުނެފައެވެ.

ސީރީސް ފަސްކުރުމުގެ ބާރު އަދި ރިލީޒްކުރުމުގެ ބާރުވެސް މިވަގުތު ހަމައެކަނި ލިބިގެންވަނީ އެމޭޒަންއަށް ކަމުން އެކަމުގައި ޕްރޮޑަކްޝަން ޓީމްގެ އެއްވެސް ހިއްސާއެއް ނޫނީ ދައުރެއް ނެތެވެ.

ކޮންމެއަކަސް އުއްމީދަކީ އެމޭޒަންއަށް ކުރިމަތިވެފައިވާ އަނދަވަޅުން ސަލާމަތްވެ ގިނަ ބައެއްގެ އިތުބާރު ލިބޭފަދަ ޕްލެޓްފޯމަކަށް އެމޭޒަން އަނެއްކާވެސް ވެގެން ދިއުމެވެ.