ފާއިތުވެދިޔަ މަހެއްހާ ދުވަސް ވެގެން ގޮސްފައިވަނީ ސާރޒް-ކޯވީ-2 ގެ އާ ވޭރިއަންޓެއް ނުވަތަ ފުރަތަމަ ފެނުނު ޖަރާސީމަށް އިތުރު ގަދަފަދަ ކަމެއްލިބިގެން ބާރުގަދަވި ނޮވިޑް ކޮރޯނާ ވައިރަހެއްގެ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުން ދިޔަ ޚަބަރުތައް ލިބިގެންދިޔަ މަހަކަށެވެ. އެންމެ ފުރަތަމަ އިނގިރޭސިވިލާތުންނެވެ. ދެން ދެކުނު އެފްރިކާއިންނާއި ބްރެޒީލުންނެވެ. އަދި މިހާރު އެމެރިކާއިންވެސް މިވަނީ އެ އާ ވޭރިއަންޓް ފެނިފައެވެ.

ގިނަ ބަޔަކު ފޮނި އުއްމީދުތަކެއްގައި ވަނިކޮށް އައި މި ރިޕޯރޓުތަކަކީ އަނެއްކާވެސް މުޖުތަމަޢުތައް ގުޑުގުޑު އަޅުވައިލި އެއްޗެކެވެ. ނަމަވެސް އުފާވެރި ދުވަސްތަކަކަށް ގިނަ ބަޔަކުކުރި އުއްމީދު އަދިވެސް ދެމިއޮތްކަން ޔަޤީނެވެ. އެއީ ކޮވިޑް-19 އަށް އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ލިބުނީތީއެވެ. އަދި ހަމަ އެއާއެކު އެމެރިކާގައިވެސް ފައްސިވާމީހުން ތަންކޮޅެއް މަދުވެލީމައެވެ.

އެހެން ނަމަވެސް ހަލުވިކޮށް ފެތުރޭ ގައިން ގަޔަށް އަރާ ބަލިތަކާބެހޭ ތަޖުރިބާކާރުން އަަނެއްކާވެސް އިންޒާރުތައް ދެއްވަން ފަށްޓަވައިފިއެވެ. އަޅުގަނޑުމެން ރައްކާވެ ތިބިއްޔާ ދަތުރުކަމަށް ނުދެކި ތިބިއްޖެނަމަ ކުރިއަށް އޮތް 14 ވަރަކަށް ހަފްތާއަކީ މިވަބާގެ އެންމެ އެންމެ އަނދިރި ދުވަސްތައް ކަމަށް ވެދާނެތީއެވެ.

މިއަދު އަޅުގަނޑުމެން މިވަނީ ސައިންސްގެ ޙަޤީޤީ ކަށަވަރުކަމެއް ނެތް ދުވަސްވަރެއްގެ ތެރެއަށް ވައްދައިފައިކަމަށް ވެދާނެއެވެ. ނަމަވެސް އެއީ މުޅިއަކުން ގޯސް ކަމެއްވެސް ނޫނެވެ. ސަބަބަކީ މިހާރު ކަންވަމުންދާގޮތާއި ފެންނަ މަންޒަރުތަކުން އެއްގޯސްވާހެން ހީވާތީއެވެ. ނަމަވެސް ޔޯލަކޮށްލައިފައި ދައްކާ ވާހަކަތަކާއި ކޮވިޑް-19އާ ގުޅިގެން ހަރުކަށި ފިޔަވަޅުތައް އެޅުމާއި ތަންފީޒުކުރުމުގައި ހުރި ދޯހަޅި ގޮތްތަކާއިމެދު ޖަހަމުންދާ ޖޯކުތައް އެއްފަރާތް ކޮށްލަމާތޯއެވެ. މި ވަބާއާއި ބެހޭގޮތުން ބޮޑަށް އޮޅުންފިލައިގެން އަމުރަކަށްވުރެ ބޮޑަށް އަމިއްލަ ފަރުދީ ރައްކާތެރިކަން އިސްކުރަމާތޯއެވެ.

ކޮވިޑް-19އިގެ އާ ވޭރިއަންޓް ނުވަތަ ވިހަގަދަ އާބާރެއް ލިބިފައިވާ ޖަރާސީމު ސައިންޓިސްޓުންނަށް ފެނުނީ ޙައިރާންކަން އިތުރުކުރުވި އެއްޗެއްގެ ގޮތުގައެވެ. އަދި މިޖަރާސީމުގެ އާ ވައްތަރެއް ފެތުރިގަތުމާގުޅޭ ޚަބަރުތައް، ފެންނަ ފެނުމަށް ހީވަނީ މިއީ ނޭނގުމުގެ ތެރޭގައި ތިއްބައި އައި އެއްޗެކެވެ. ނަމަވެސް މިއީ އާ ޙާލަތެއްނޫނެވެ. އެހެނީ އެމެރިކާގެ ސީޑީސީންވެސް އޮޅުންފިލުވައިދީފައިވާ ގޮތަށް ޖަރާސީމަކީ ހިނދުންހިނދަށް އެއަށްލިބޭ ވެއްޓަކުން ނުވަތަ ޠަބަޢީ އެހެން ސަބަބުތަކެއްގެ ތެރެއަށް ހާމަވެގެންދާއިރު ބަދަލުތަކެއް އަންނަ އެއްޗެކެވެ. އެހެން ގޮތަކަށްބުނާނަމަ އޭގެ ވިހަ ނުވަތަ ބާރުގަދަވެގަންނަ އެއްޗެކެވެ. އެހެންވީމާ ވައިރަހަކަށް ބަދަލުއަންނަ އާ ސިފަތަކާއެކު ދުވަސްވަމުންދާ ވަރަކަށް ބާރުގަދަ ވައިރަސް ފެންނާނެކަން އެއީ ޤަބޫލުކުރެވޭ ކަންކަމެވެ.

މި ވަބާ، ދުނިޔެ ޙައިރާންކޮށްލި ފުރަތަމަ ދުވަހުންފެށިގެންވެސް ޞިއްޙަތާބެހޭ އޮފިޝަލުން ތިއްބެވީ ވައިރަހުގެ އާ ޙާލަތު އައިސް ފެތުރިގެންފާނެކަމަށް ތައްޔާރުވެ ވަޑައިގެންނެވެ. ލޮސް އެންޖަލިސްގެ ސީޑާސް-ސައިނާއީ މެޑިކަލް ސެންޓަރުގެ ޕީޑިއެޓްރިކް އިންފެކްޝަސް ޑިޒީސް ސްޕެޝަލިސްޓް ޕްރިޔާ ސޯނީ ވިދާޅުވީ މި ވޭރިއަންޓްތަކަކީ ނާންނާނެ އެއްޗެއްކަމަށް ހީކުރެވިފައިނުވާ ކަމުގައެވެ. އަދި އިތުރަށް ވިދާޅުވީ ކޮވިޑް-19ގެ އާބަދަލުތައް ފެންނަނީ ޢާންމު މޫސުމީ ރޯގާޖައްސާފަދަ އެހެންވަައިރަސްތަކާ ޚިލާފަށް ތަންކޮޅެއް ލަހުންންނެވެ.

އޭނާ އެ ވިދާޅުވާގޮތަށް މީގެ ބައެއް ވޭރިއަންޓްތައް ފުޅާދާއިރާއެއްގައި ފެތުރިގެންފައިވާގޮތަށް ބަލާއިރު މިއަދު މިތިބި ހިސާބުން ލަފާކުރެވެނީ ޞިއްޙަތާބެހޭ އޮފިޝަލުންނަށް ފާހަގަ ނުވެ އުޅުއްވަނީސްވެސް އެ ވޭރިއަންޓްތައް ހުރިކަމުގައެވެ. އެއީ އެ ޖަރާސީމުގެ ޠަބަޢީސިފަ ގުޅި ލާމެހިގެން ވިހަގަދަ ވުމުގެ މަސައްކަތް އެންމެ ފުރިހަމައަށް އެއިރު ކުރެވިގެން ގޮސްފައިނުވާތީއޭ ބުނެވިދާނެއެވެ.

ސޯނީ ވިދާޅުވީ ނޮވެމްބަރުމަހު އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓް ފުރަތަމަ ފާހަގަކުރެވިފައިވާއިރު ފެންނަނީ އެ ޤައުމުގައި ފެތުރިގަނެގެން އުޅޭ ވައިރަހުގެ ބޮޑު ބައެއް އެއީ މި ބާރުގަދަ އަސަރުތައްހުރި ވައިރަސްކަމުގައެވެ. އެގޮތުން މިބާރުގަދަ އަސަރުތަކުގެ 60 އިންސައްތަ އެ ވައިރަހުގައި ހުރިކަމަށް ލަފާކުރެވޭ ކަމުގައެވެ. އެހެންވީމާ އެއިން އަންގައިދެނީ މި އާ ވޭރިއަންޓްތައް ދެނެގަނެވުމުގެ މާކުރީންވެސް އެ އަސަރުތައް ވައިރަސް ފެތުރިގަތްއިރު ހުރިކަމުގައެވެ.

ސެންޓަ ފޯރ ޑިޒީސް ކޮންޓްރޯލް، ސީޑީސީންވެސް ފާހަގަ ކޮށްފައިވަނީ ދެކުނު އެފްރިކާއިން ފެނިފައިވާފަދަ ވައިރަހުގެ އާސިފައަކީ ބައިނަލްއަޤުވާމީ ޚަބަރުތަކާއި ހިސާބަށްދިއުމުގެ އެތައް ދުވަހެއް ނުވަތަ މަހެއްކުރީން އުތުރިގެންފައިވާ އެއްޗެއް ކަމުގައެވެ.

ކޮވިޑް-19ގެ ތެރެއިން އުފެދިގެން އައިސްފައިވާ ވޭރިއަންޓުތަކަކީ މާނުރައްކާތެރި އެއްޗެއް ކަމަށް ވާހަކަ ދެކެވެމުންދެއެވެ. އެހެން ނަމަވެސް މިވަގުތު ނުވަތަ މި ޙާލަތުގައި އެއީ ބަލީގެ ނުރައްކާ ކިހާ ބޮޑަކަށް ކުރާ އެއްޗެއް ކަމެއް ނުވަތަ ކިހާވަރަކަށް އޭގައި މީހުން މަރުވާ އެއްޗެއް ކަމެއް އެކަކަށްވެސް ނޭނގެއެވެ.

ދާދިފަހުން އިނގިރޭސިވިލާތުގެ އޮފިޝަލުން އިޝާރާތް ކުރައްވައިފައިވާ ގޮތުގައި މި ވޭރިއަންޓަކީ އަޞްލު ކޮވިޑް-19 ޖައްސާ ވައިރަހަށްވުރެ ގައިން ގަޔަށް އަރާ ގޮތްތަކާއި މިންވަރު މާ މަތި އެއްޗެއް ކަމުގައެވެ. އެއީ އެޤައުމުގައި ކުރި ތަހުލީލުތަކުން، އެ ވައިރަހަކީ މާބާރަށް ފެތުރޭ ނުވަތަ ފެތުރޭ މިންވަރު އަވަސްކަމަށް، އެއްކުރެވުނު މަޢުލޫމާތުތަކުން ފާހަގަ ކުރެވިގެންނެވެ. އަލަށް މި ލިބުނު މަޢުލޫމާތާއި އޭގެ ތަފާސްހިސާބުތަކަށް ބައްލަވައި އިނގިރޭސިވިލާތުގެ އެންމެ އިސް ސައިންޓިސްޓު ވަނީ މިސާލެއްވެސް ނަންގަވައިފައެވެ. އޭނާ ވިދާޅުވީ ޢުމުރުން 60 އަހަރުން މަތީގެ އެއްހާސް މީހުނަށް ކޮވިޑް-19 ޖެހިއްޖެނަމަ އޭގެ ތެރެއިން 10 މީހުން މަރުވާކަމަށް އަންދާޒާ ކުރެވޭއިރު އާ ވޭރިއަންޓަކީ 13 ނުވަތަ 14 މަރު ގައިމުވާނެ އެއްޗެކެވެ.

ނަމަވެސް މިކިަން މިގޮތަށް ދިމާވެދާނެކަމަށް ބެލެވެނީ، ވޭރިއަންޓުތަކަކީ ފަސޭހައިން ފަތުރާ އެއްޗަކަށް ވެފައިވާއިރު، މާގިނަ ބަޔަކު ފައްސިވެގެންނެވެ. ނަމަވެސް ފަހަރެއްގައިވެސް އެ ސްޓްރެއިންތަކުން އޭގެ ޒާތުގައި މަރު ކުރިމަތިކުރާތީއެއް ނޫނެވެ. މި އާ ވޭރިއަންޓު ފެތުރެނީ އެހެން ވޭރިއެންޓުތަކާއި ޚިލާފަށް މާފަސޭހައިން އަދި މާބާރަށެވެ. ސީޑީސީން ބުނެފައިވަނީ އެއީ ކޮވިޑް-19ގެ މީހުން އިތުރުވުމަށް މަގުފަހިކުރާ ކަމެއް ކަމުގައެވެ. އަދި އެއީ ގިނަބަޔަކު ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރަން ޖެހުމާއިކު ފަހަރެއްގައި ގިނަ ބަޔަކު މަރުވެދާނެކަމުގެ ބިރު އޮތް ކަމެކެވެ.

ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި މި ވަބާ ދެމިގެންދާ ވަރަކަށް އިތުރު ވޭރިއަންޓުތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއީ ކޮންމެހެން ކަންތައް އިހުނަށްވުރެ ބޮޑަށް ގޯސްވާންޖެހޭނެ ސަބަބެއް ނޫނެވެ.

ޖުމްލަކޮށް ބަލާއިރު ދުވަސްވަމުންދާ ވަރަކަށް ވޭރިއަންޓުތަށް އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވަމުން ދިއުމަކީ ބަލި ޖައްސާ މިންވަރު ގިނަވި ނަމަވެސް ނުރައްކާ މާބޮޑުވެދާނެކަމެއް ނޫން ކަމަށް ސީޑާރސް ސައިނާއީގެ މޮލެކިއުލަރ ޕެތޮލޮޖީ ޕްރޮގްރާމްނެ ޑިރެކްޓަރ އެރިކް ވައިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވިއަރސްތަކަކީ އެ އެއްޗެއް ހަށިގަނޑެއްގެ ތެރެއަށް ވަނުމަށްފަހު އެ އެއްޗެއް މަރައިލަން އުޅޭ އެއްޗެއް ނޫން ކަމުގައެވެ. ނަމަވެސް އޭގެ ބޭނުމަކީ ހަށިގަނޑުތަކުގައި ދެމިއޮވެ އެ ވައިަރސް ފެތުރުން ކަމުގައެވެ. މާނައަކީ ވައިރަހަކީ އޭގެ ޒާތުގައި މީހުން މަރަން ފެތުރޭ އެއްޗެއްނޫނެވެ. ނަމަވެސް އޭގެ ދިރުން ދެމި އޮތުމަށްތަކައި ފަތުރާ އެއްޗެއް ކަމުގައި އޮތުމެވެ. އެހެންވީމާ މާނުރައްކާ ވައިރަހަކަށް ބަދަލުވެގެން އަތުވެދާނެކަމަށް ނުބެލެވޭ ކަމަށް ވައިލް ވިދާޅުވިއެވެ.

މިހާރު ދެކެވޭ އެއްވާހަކައަކީ މިވަގުތަށް ހުއްދަ ލިބިފައިވާ ވެކްސިން ތަކަކީ ކޮވިޑް-19ގެ އާ ވޭރިއަންޓުތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްޗެއް ނޫންކަމުގައެވެ.

ހުއްދަ ލިބިފައިވާ ފައިޒަރއާއި މޮޑާރނާ ވެކްސިން މިއީ އެމެރިކާގައި ހުއްދަ ކޮށްފައިވާ ހަމައެކަނި ދެ ވެކްސިނެވެ. މި 2 ވެކްސިނަކީ ވަކި މިންވަރަކަށް ވޭރިއަންޓުތަކާ ދެކޮޅަށް މަސައްކަތްކުރާ ނުވަތަ ވޭރިއަންޓުތަކުން ދިފާޢުކޮށްދޭ އެއްޗެއްކަމަށް ފާހަގަ ކުރެވިފައިވެއެވެ.

ފައިޒަރއާއި މޮޑާރނާއިން ބުނެފައިވަނީ ދެކުނު އެފްރިކާއިން ފެނިފައިވާ ވައިރަހުގެ ބާރުގަދަ އަސަރުތަކަށް އެ ވެކްސިން މާފުރިހަމަ ނޫން ކަމުގައެވެ. އެހެން ނަމަވެސް އެއީ ވެކްސިނުން ދިފާޢުކޮށް ނުދެނީކަމަށް ދައްކާވާހަކަތައް ތެދުކަމަށްވެގެން އައުމެއްނޫނެވެ. ނުވާތަ ހުރިހާ ކަމެއް ރަނގަޅަށް ދަނީކަމަކަށްވެސް ނޫނެވެ. އެހެންކަމުގައި ވީނަމަވެސް މި ދެ ކުންފުނިން ގެންދަނީ ބޫސްޓަރ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ނުވަތަ މިހާރު ހުރި ވެކްސިނަށް އިތުރުބާރެއްދޭނެ އިންޖެކްޝަނެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެމީހުން އުއްމީދުކުރަނީ މި ބޫސްޓަރ ވެކްސިނަކީ ކޮވިޑް-19ގެ ވޭރިއަންޓުތަކާއި ދެކޮޅަށް މާބޮޑަށްވެސް ކާމިޔާބުކުރާނެ އެއްޗެއްކަމުގައެވެ.

ޖޯންސަން އެންޑް ޖޯންސަނުން އުފައްދާފައިވާ (ވަން-ޝޮޓް ކޮވިޑް-19) އެއްމެ ފަހަރަކު ޖަހާލުމުން ފުދޭ ވެކްސިނަކީ ކައިރި މުސްތަޤުބަލެއްގައި ބޭނުންކުމުގެ ހުއްދަ ލިބިދާނެ ވެކްސިނެކެވެ. އަދި މި ވެކްސިނަކީ ދެކުނު އެފްރިކާގެ ވޭރިއަންޓާ ދެކޮޅަށް މާކާމިޔާބު އެއްޗެއްކަމަށް އަދި ލަފާކުރެވިފައި ނުވާކަމުގައެވެ. ނަމަވެސް އަނެއްކާވެސް އޭގެ މާނައަކީ އެ ވެކްސިން އެއްގޮތަކަށްވެސް ކޮވިޑް-19އާ އެހެނިހެން ވޭރިއަންޓުތަކާއި ދެކޮޅަށް މަސައްކަތް ނުކުރަނީ ނޫން ކަމުގައެވެ.

ހުރިހާ ރޮނގަކުން ބަލައި ފިޒިޝަނުންނާއި ތަހުލީލުކޮށް ދިރާސާކުރާ ފަރާތްތަކުގެ އުއްމީދަކީ ބޭސްއުފައްދާ ފަރާތްތަކުން އާވޭރިއަންޓުތަށް އުފެދިގެން އަންނަވަރަކަށް އެތަކެތި ހުއްޓުވާވަރުގެ މަސައްކަތްތަކެއް ކުމެވެ. ޚާއްޞަ ގޮތެއްގައި އެމްއާރުއެންއޭ ވެކްސިންތަކަކީ ފަސޭހަކަމާއެކު އަޞްލަށް ބަދަލު ނުގެނެސް އޭގެ ސިފަތައް ބަދަލުކުރެވޭ އެއްޗަކަށްވުމެވެ.

ސޯނީ ވިދާޅުވީ އެމްއާރުއެންއޭ ބިންގަލަކީ ވައިރަހުގެ އަސަރުތައް އެކި ގޮތްގޮތަށް ބަދަލުވަމުންދާހެން އެއާއި ދެކޮޅަށް މަސައްކަތް ކުރުމަށް ފަސޭހަކަމާ އެކު ބަދަލު ކޮށްލެވޭ އޮނިގަނޑެއް ކަމުގައެވެ. ސަބަބަކީ އިންސާނުންގެ ކިބައިގާވާ ޤާބިލްކަމުގެ ތެރެއިން ވައިރަހުގެ ސިފަތަށް ނުވަތަ އޭގެ ކަސްރު ބަދަލުވަމުންދާގޮތް އެނގެން އޮންނާތީއެވެ.

ވައިލް ވިދާޅުވީ އެމީހަކު ހުރި ތަނަކުން ވެކްސިނެއްލިބެން ހުރިނަމަ އެ ވެކްސިނެއް ހޯދުމުގެ ވިސްނުން ބެހެއްޓުން ބުއްދިވެރި ކަމުގައެވެ. އެކަމަށް ފަސްޖެހި ނުވަތަ ބޫސްޓަރ އިންޖެކްޝަނެއް ލިބެންދެން އިންތިޒާރު ނުކުރުމަށް އޭނާވަނީ ލަފާ ދެއްވައިފައެވެ.

ސަބަބަކީ މިހާރު މި ފެންނަމުންދާ ވޭރިއަންޓުތައް ދެމިއޮތުމަށް ފުރުޞަތު ދެވެން ނެތުމެވެ. އަދި މުސްތަޤުބަލުގައި އެއްވަރަހަކުން ފެންނަ ތަފާތު ވިހަގަދަ ބާރުތައް ފެތުރުމަކީ އެދެވޭނެ ކަމެއް ނޫނެވެ.

ނަމަވެސް ކޮވިޑް-19 ޖައްސާ ޖަރާސީމުގެ ނުރައްކާތެރި އާ އަސަރުތައް ހަމަ ޔަޤީނުންވެސް ފެތުރެމުންދަނީ ވަރަށް ބާރަށެވެ. ކުއްލިއަކަށެވެ. މުޅި ދުނިޔެއަށް ފެތުރެމުންދާއިރު މިހާރު މި ރާއްޖޭގައިވެސް ނެތްކަމެއް ނޭނގެއެވެ. ހަމަ ގައިމުވެސް އެމެރިކާއާއި އިނގިރޭސިވިލާތުގައި ފެތުރެމުންދަނީއެވެ. ސީޑީސީން ބުނެފައިވަނީ އިނގިރޭސިވިލާތުގެ ވޭރިއަންޓަކީ އެމެރިކާގައި މިދިޔައަހަރުގެ މާރޗްމަހުން ފެށިގެންވެސް އޮތް އެއްޗެއްކަމަށް ވެދާނެކަމުގައެވެ.

ނަމަވެސް މިއީ ގައިން ހީބިހި ނަންގުވައިލާވަރުގެ ކަމަކަށްވެދާނެއެވެ. އެހެން ނަމަވެސް މި ވޭރިއަންޓު ފެތުރުމުގެ ބާރު ކުޑަކުރެވޭނެ ގޮތްތަކަކީ ކުރީންވެސް އެނގެންހުރި ކަންތައްތަކެވެ. އެއީ ރައްކާތެރިކަމުގެ ގޮތުން އެޅެންހުރި ފިޔަވަޅުތައް ދެމެހެއްޓުމެވެ. އެއީ ފުރަތަމަވެސް ކޮވިޑް-19 އާއި ދެކޮޅަށް ބޭނުންކުރި އުކުޅުތަކާއި ފިޔަވަޅުތަކެވެ. އެހެންވީމާ ހަމަ އެ ފިޔަވަޅުތަކަކީ އާ ވޭރިއަންޓުތަކަށްވެސް ފެތުރުމުގެ ފުރުޞަތު ހުއްޓުވުމެވެ.

ވައިލް ވިދާލުވީ ޙަޤީޤަތުގައިވެސް ވައިރަސްތައް ފެތުރުން ހުއްޓުވުމުގެ ޙަޤީޤީ ޤާބިލްކަން އެބަ އޮތް ކަމުގައެވެ. އެއީ ޔަޤީނުންވެސް ކަށަވަރުކަން ލިބިފައިވާ ފިޔަވަޅުތަކުން ކަމުގައެވެ. އެގޮތުން މާސްކު އެޅުމާއި ގިނަގިނައިން އަތްދޮވުމާއި އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމެވެ.

އެމެރިކާގެ ޞިއްޙަތާއިބެހޭ އެންމެ އިސް އޮފިޝަލް ޑރ. އެންތަނީ ފައުޗީ ފަދަ ބޭފުޅުން ވިދާޅުވާފަދައިން މިއީ ދެފަށަލައަށް މާސްކު އަޅައިގެން އުޅެން ރަނގަޅު ވަގުތެކެވެ. އަދި އެއީ ބާރުގަދަ ސުންކުތަކުގެ މައްޗަށް އައްޑަނައަކަށް ވާނެ ކަމުގައެވެ.

އަޅުގަނޑުމެނަށް އޮތް އެންމެ ފައިދާބޮޑު ހަތިޔާރަކަށްވާނީ ވެކްސިނެވެ. އެހެންވީމާ ތަކުރާރުކޮށް ދެންނެވެން އޮތީ ވެކްސިން ލިބެންހުރިހާ އަވަހަކަށް އެ ވެކްސިން ޖެހުން މުހިންމު ކަމުގައެވެ. ރާއްޖޭގައިވެސް ދާދިއަވަހަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށިގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.

ސޯނީ ވިދާޅުވީ މިހާރު އަނެއްކާވެސް ކޮވިޑް-19ގެ ވޭރިއަންޓު ނުވަތަ ބާރުގަދަ ސިފަތައް ލިބިގެންވާ ނޮވެލް ކޮރޯނާ ވައިރަހުގެ ރޭހެއްގެ ތެރޭގައި ދުނިޔެ އޮތް ކަމުގައެވެ. މި ރޭހުގައި ބޭނުންކުރަން އޮތް އުޅަނދަކީ ވެކްސިން ކަމުގައެވެ. އެހެންވީމާ އެންމެ ފަހު މަރުޙަލާއަކީ ގިނަ ޢަދަދަކަށް ވެކްސިން އުފެއްދުން އަވަސްކުރެވޭނެ ގޮތެއް ހޯދުމެވެ. އެހެންވެއްޖެނަމަ މި ރޭހުގައި ކާމިޔާބު ހޯދައި ވޭރިއަންޓުތަކުން ކުރާ ދުއްތުރާލާއި ނުރައްކަލުން އެންމެން ސަލާމަތް ކުރެވޭނެއެވެ.

***

ނޯޓް: މި ލިޔުމުގައިވާ މަޢުލޫމާތުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޚަބަރުކާއި ދިރާސާތަކުން ނެގިފައިވާ މަޢުލޫމާތެވެ. އަދި އެއީ ޝާއިޢުކޮށްފައިވާ ސައިންޓިފިކް ދިރާސާއާއި ތަހުލީލުތަކުގެ ތަފާސްހިސާބުތައް ބަލައިގެންނެވެ. ނަމަވެސް ލިޔުމުގައިވާ އިރުޝާދުތަކަކީ ސިައިންޓިސްޓުންގެ ހޯދުންތަކާއި ތަޖުރިބާކާރުންގެ ނިންމެވުންތަކުން ބަދަލު އަތުވެދާނެ ކަންކަމެވެ. އެހެންވީމާ ޕަބްލިކް ހެލްތުގެ އިރުޝާދުތައް ގާތުން ބައްލަވަމުން ގެންދަވަންވާނެއެވެ.