ރާއްޖޭގެ ފުރަތަމަ ޕްރޯ ލައިސަންސް ކޯޗު މުޙައްމަދު ޝާޒުލީ އީގަލްސްގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.

ޓީސީން ވަކިވުމަށްފަހު، ޝާޒު މިރޭ އީގަލްސްއާ ހަވާލުވިކަން އެކްލަބުން ވަނީ އިއުލާންކޮށްފައެވެ. ޝާޒުލީ ޓީސީން ވަކިވީ އާދައިގެ ސްކޮޑަކާއެކު އޮތް ޓީމެއް އެކުލަވާލާ، ލީގުގެ ފުރަތަމަ ބުރުން ގަދަ ހަތަރެއްގެ ޖާގައެއް ހޯދައިދފައެވެ. ކްލަބާ ޝާޒުލީއާ ދެމެދު ވާހަކަދެކެވިގެން، ޝާޒު ވަކިވުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ޤަބޫލުކޮށް އިސްތިއުފާދިން ކަމަށް ބުނި ނަމަވެސް އޭނާ ވަކިވީ ކްލަބުން އެގޮތް ބޭނުންވެގެންނެވެ.

އީގަލްސްއާ ހަވާލުވުމަށްފަހު ޝާޒު ބުނީ ޓީސީގައި އޮތީ އޭނާ ބިނާކުރި ޓީމެއްކަމަށާއި، ނަމަވެސް އީގަލްސްގައި ޓީމް ދަސްކޮށް ނަތީޖާތަކަށްދާ ވަގުތު ބޭނުންވާނެކަމަށެވެ. ނަމަވެސް އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ހުރުމަކީ ވަރަށްބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އީގަލސްއާ ގުޅުނު މައިގަނޑު އެއް ސަބަބަކީވެސް ނިމާއަށް އޮތް އިތުބާރުކަމަށް ޝާޒުލީ ބުންޏެވެ.

އީގަލސްގެ ކޯޗުގެ މަޤާމް ހުސްވީ މިދިޔަ ދެއަހަރާއި، މިސީޒަން ފެށުނުއިރުވެސް ކޯޗަކަށް ހުރި މުޙައްމަދު ޝިޔާޒު (މޯހަން) ގެ އެއްބަސްވުންވެސް ކްލަބުން ނިމުމަކަށް ގެނައުމުންނެވެ. މިސީޒަންގައި ލީގު އީގަލްސް ފެށީ ދަށްކޮށެވެ. ނަމަވެސް މޯހަން ވަކިވިފަހުން ކުޅުނު ދެ މެޗުން 4 ޕޮއިންޓް އެޓީމުން ހޯދިއެވެ. އީގަލސް ދޫކޮށް މޯހަން މިހާރު ހުރީ ސަސްގައެވެ. އަދި ޓީސީގެ ކޯޗުކަމާ ހަވާލުވީ އެޓީމްގެ ކުރީގެ ކޯޗު މުޙައްމަދު ނިޒާމްއެވެ. ނިޒާމް ސީޒަން ފެށީ މާޒިޔާއާއެކުއެވެ.