ފަލަސްތީނަށް 5،000 ޑޯޒްގެ ކޮވިޑް ވެކްސިން ދޭން އިސްރާއީލުން އެއްބަސްވެއްޖެއެވެ.
މިއީ، ސިއްހީ ޚިދުމަތް ދިނުމުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ދިނުމަށް، އިސްރާއީލުން ދޭން އެއްބަސްވި ވެކްސިނެވެ.
މިކަން ހާމަކޮށްފައިވަނީ އިސްރާއީލުގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައެވެ.
ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެންތިބި އިސްރާއީލުން ގެންދަނީ، އިސްރާއީލު ރައްޔިތުންނަށް ވެކްސިން ދިނުމުގެ ފުޅާ ކެމްޕެއިނެއް ހިންގަމުންނެވެ.
އިސްރާއީލުން އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދެމުން ގެންދާއިރު، އެމީހުންނާއެކު ދިރިއުޅޭ ފަލަސްތީނު މީހުންނަށް އަދި މިހާތަނަށް އެއްވެސް ވެކްސިނެއް ނުލިބެއެވެ.
މިކަމުގެ ކަންބޮޑުވުން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިންވެސް ފާޅުކޮށްފައި ވާއިރު، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ޖަމާއަތްތަކުންނާއި، އދގެ ތަޖުރިބާކާރުން ބުނަމުންދިޔައީ، ހުޅަނގު އައްސޭރިއާއި، ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ސިއްހަތަށް ޒިންމާވާން ޖެހޭނީ އިސްރާއީލުން ކަމަށެވެ.
އިސްރާއީލުން ބުނަމުންދިޔައީ، 1990 ގެ އަހަރުތަކުގައި ދެފަރާތުން ވެފައިވާ ސުލްހައިގެ ވަގުތީ އެއްބަސްވުންތަކުގެ ދަށުން، ފަލަސްތީނު މީހުންގެ ސިއްހީ ކަންކަމަށް ޒިންމާވާންޖެހެނީ އިސްރާއީލުން ނޫން ކަމަށެވެ.
ނުވިތާކަށް، ފަލަސްތީނުން އިސްރާއީލުގެ ކިބައިން އެއްވެސް އެހީތެރިކަމަކަށް ނޭދޭ ކަމަށްވެސް އިސްރާއީލުން ބުނެފައި ވެއެވެ.
އިސްރާއީލުން ފަލަސްތީނު ރައްޔިތުންނަށް ވެކްސިންގެ ކުޑަ މިންވަރެއް ނަމަވެސް ދޭން އެއްބަސްމިވީ ކީއްވެގެންކަމެއް ސާފެއް ނުވެއެވެ.
އިސްރާއީލުގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނަށް 5،000 ޑޯޒްގެ ވެކްސިން ދޭން ހަމަޖެހިފައިވާ ކަމަށެވެ. އެކަން ހަމަޖެހުނީ ކޮން އިރަކު ކަމެއްވެސް ނުބުނެއެވެ.
މިކަމާ ގުޅޭގޮތުން ފަލަސްތީނު ސަރުކާރުންވެސް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
އިސްރާއީލުން އެގައުމުގެ ރައްޔިތުންނަށް ދެމުންގެންދަނީ އެމެރިކާގެ ފައިޒަރ-ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން ތަރައްގީކޮށް އުފައްދާފައިވާ ވެކްސިނާއި، އެމެރިކާގެ މޮޑަނާއިން ތަރައްގީކޮށް އުފައްދާފައިވާ ކޮވިޑް ވެކްސިނެވެ. އެ ކުންފުނިތަކުން އުފެއްދި ވެކްސިންގެ އެތައް މިލިއަން ޑޯޒެއް އިސްރާއީލުންވަނީ އަތުޖައްސާފައެވެ.
އާބާދީގެ ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ދިނުމުގައި ދުނިޔޭގައި އެންމެ ކުރީގައި އުޅޭ ގައުމުތަކުގެ ތެރޭގައި އިސްރާއީލު ހިމެނެއެވެ.
އިސްރާއީލުގެ އާބާދީގައި 9.3 މިލިއަން މީހުން ހިމެނޭއިރު، އޭގެތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަށް އިސްރާއީލުން މިހާތަނަށްވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ. އަދި އާބާދީގެ 1.7 މިލިއަން މީހުންނަށްވަނީ ވެކްސިންގެ ދެވަނަ ޑޯޒްވެސް ދީފައެވެ.
އިސްރާއީލުން ވެކްސިން ދެމުންގެންދާ މީހުންގެ ތެރޭގައި އިސްރާއީލުގެ ރަށްވެހީންގެ ގޮތުގައި ދިރިއުޅޭ އަރަބި ނަސްލުގެ މީހުންނާއި، އިސްރާއީލުން ގަދަބާރުން ހިފައި، އެމީހުންގެ ވެރިރަށަށް ހަދާފައިވާ އިރުމަތީ ގުދުސްގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށްވެސް ވެކްސިން ދެމުން ގެންދެއެވެ.
ނަމަވެސް، ފަލަސްތީނު ސަރުކާރު ހިންގާ ރަށް ކަމަށްވާ ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނާއި، އަދި އިސްރާއީލުން ވަށައިގެން ބަންދުކޮށްފައިވާ ޣައްޒާގައި ދިރިއުޅޭ އެއްވެސް މީހަކު، އިސްރާއީލުން ވެކްސިންދޭ ލިސްޓުގައި ހިމަނާފައެއް ނުވެއެވެ.
އަނެއްކޮޅުން، ފަލަސްތީނު ސަރުކާރު ބަރޯސާވެގެން އޮތީ ޑަބްލިޔޫއެޗްއޯގެ ކޮވެކްސް ޕްރޮގްރާމްގެ ތެރެއިން ލިބޭނެ ވެކްސިނަށެވެ. އެކަމަކު، އެ ޕްރޮގްރާމްގެ ތެރެއިން ވެކްސިން ލިބުން އަދިއޮތީ ދުރުގައެވެ.