ސްޕެނިޝް ލަލީގާގައި ރޭ އެތްލެޓިކޯ ބިލްބާއޯގެ މައްޗަށް ކުރިހޯދާ ބާސެލޯނާ އިން ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް ބާސާއިންނެވެ. މިލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބު ކޮށްދިނީ އެޓީމުގެ ކެޕްޓަން އަދި ތަރި ލިއޮނެލް މެސީ އެވެ. މިއީ އޭނާގެ ކުލަބު ކެރިއަރުގައި ކާމިޔާބުކުރި 650 ވަނަ ލަނޑެވެ.

މިސީޒަނުގެ ކުރީކޮޅު ސްޕެނިޝް ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ފަހަކަށްއައިސް ބާސާއިން އަންނަނީ މެޗުތަކުގައި މޮޅު ކުޅުމެއް ދައްކާ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

އެގޮތުން މިމެޗުގައިވެސް ރަނގަޅު ފުރުސަތުތަކެއް ބާސާއިން ތަނަވަސްކުރި ނަމަވެސް ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ދެޓީމުންކުރެ ޓީމަކަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ބިލްބާއޯ އިންވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑަކީ ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި ޖޯޑީ އަލްބާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

އެހެންނަމަވެސް ރަނގަޅު ހަމަލާތަކެއް އުފައްދަމުންދިޔަ ބާސާއަށް އަލުން ލީޑު ނަގާދިނީ އެންޓޮއިން ގްރީޒްމަންއެވެ. މިއީ މެޗުގެ 74 ވަނަ މިނެޓުގައި އޮސްކާ މިންގުއެޒާ ތަނަވަސް ކޮށްދިން ފުރުސަތަކުން ގްރީޒްމަން ކާމިޔާބު ކުރި ލަނޑެކެވެ.

މި މޮޅާއެކު ބާސާއަށް ޕޮއިންޓް ތާވަލުގެ ދެވަނަ ލިބެނީ ކުޅުނު 20 މެޗުން 40 ޕޮއިންޓު ހޯދައިގެންނެވެ.

ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށްވެސް ހަމަ މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު ބާސާއަށް ތާވަލުގައޮ ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ތާވަލުގެ އެއްވަނައިގައި އެއްމެޗު މަދުން ކުޅުނު ނަމަވެސް 10 ޕޮއިންޓުގެ ލީޑަކާއިއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.