ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު އަދި އެންމެ ނުފޫޒުގަދަ އެއް ކުލަބު ކަމަށްވާ ސްޕެއިންގެ ގަދަބާރު ބާސެލޯނާއަށް ލިބޭ އާމްދަނީގެ ތިންބައިކުޅަ އެއްބަޔަކީ އެޓީމުގެ ތަރި އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާކަމަށް ގިނަބަޔަކު އިއްތިފާގުވާ ލިއޮނަލް މެސީގެ ސަބަބުން ލިބޭ އެއްޗެއް ކަމަށް އެ ކުލަބުގެ ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓް ހުއާން ލަޕޯޓާ ބުނެފިއެވެ.

ލަޕޯޓާ މިހެން ބުނެފައިވަނީ ދާދިފަހުން މެސީގެ ކޮންޓްރެކްޓްގެ މައުލޫމާތުތައް މީޑިއާއަށް ލީކުވެ އޭނާއަށް ލިބެމުންދާ ބޮޑު މުސާރައިގެ ސަބަބުން ގިނަ ބައެއްގެ ނުރުހުމާއި ފާޑުކިޔުން މެސީއަށް އަމާޒުވަމުން ދާތީވެ އެކަމަށް ރައްދުދިނުމުގެ ގޮތުންނެވެ.

ހޮނިހިރު ދުވަހު ލީކުވި ކޮންޓްރެކްޓާބެހޭ މައުލޫމާތުތަކުގައި ވާގޮތުން މެސީ 2017 ވަނަ އަހަރު ބާސާއާއިއެކު އައުކުރި 4 އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން މިމުއްދަތުގެ ތެރޭގައި ޖުމްލަ 555،237،619 މިލިއަން ޔޫރޯ ބާސާއިން މުސާރައާއި ބޯނަސްގެ ގޮތުގައި ދޭން ޖެހެއެވެ.

އަދި މީގެއިތުރުން މިސީޒަނުގެ މުސާރައިން 63.5 މިލިއަން ޔޫރޯ އަދިވެސް އެކުލަބުން މެސީއަށް ނުދީ ވާކަން ވަނީ ހާމަވެފައެވެ.

މި ރިޕޯޓް ލީކުވުމާއެކު ބައެއް ފަރާތްތަކުން ދަނީ ބާސާ ބަނގުރޫޓުވުމާ ދިމާލަށް ދާއިރުވެސް މެސީގެ މުސާރަ ކުޑަކުރަން އޭނާ އެއްބަސްނުވާ ކަމަށާއި ލޯބިވާ ކުލަބެއް ކަމަށް "ދައުވާ" ކުރާ ކުލަބެއް އިނދަޖެހޭ އިރުވެސް އަމިއްލަ މަންފާއަށް މެސީ ކުލަބާއި ދޭތެރޭ ނުވިސްނާ ކަމަށް ބުނެ ފާޑުކިޔަން ފަށާފައެވެ.

މި ފާޑުކިޔުންތަކަށް ރައްދުދެމުން ލަޕޯޓާ ބުނީ ޖާޒީ ވިއްކައިގެން ލިބޭ އާމްދަނީ އާއި ޓިކެޓް ސޭލްސް އަދި ބައެއް ސްޕޮންސަރުންގެ ފަރާތުން ލިބޭ އާމްދަނީގެ ބޮޑު ބަޔަކީ މެސީގެ ސަބަބުން ލިބޭ އެއްޗެއް ކަމަށެވެ. އަދި މެސީއަށް ކުލަބުން ދޭންޖެހޭ ވަރަށްވުރެ ބޮޑު އާމްދަނީއެއް އޭނާ ބާސާއަށް ވައްދާ ކަމަށް ލަޕޯޓާ ވަނީ ބުނެފައެވެ.

މީގެއިތުރުން ލަޕޯޓާ ބުނީ ދަނޑުމަތީގައި މެސީގެ ކުޅުމުގެ ސަބަބުން ޓީމަށް ލިބޭ ކާމިޔާބީތަކަކީ ޓީމު ވިޔަފާރިވެރިންނަށް މާކެޓް ކުރުމަށް ލިބޭ އެންމެ ބޮޑު ހަތިޔާރުކަމަށެވެ.

2004 ވަނަ އަހަރު މެސީ ބާސާއަށް ސޮއެކުރި ހިސާބުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ސީދާ މެސީގެ ބޮޑު ދައުރަކާއެކު 35 މުބާރާތެއް ބާސާއިން ހޯދާފައިވާ ކަމަށާއި މެސީ ނެތްނަމަ މި ޓްރޮފީތައް ނުލިބުން ގާތްކަން ހަނދާންކޮށްދޭ ކަމަށް އޭނާ ބުންޏެވެ.

އަދި ކުލަބަށް ވަންނަ އާމްދަނީގެ 8.2 އިންސައްތައަކީ ސީދާ މެސީގެ ސަބަބުން ލިބޭ އާމްދަނީ އެއްކަމަށް ލަޕޯޓާ ވަނީ ބުނެފައެވެ.

ބާސާގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބު ކުރާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ލަޕޯޓާ ބުނީ ބާސާގައި މެސީ މަޑުކުރުވަން ބޭނުންވާ ކަމަށާއި އޭނާ ރައީސްކަމަށް އިންތިހާބު ވެއްޖެނަމަ މެސީ ކުލަބުގައި މަޑުކުރުވުމަށް ކުރެވެން އޮތް ކޮންމެކަމެއް ކުރާނޭ ކަމަށެވެ.