މިއީ މަންމަން ކުއްޖެއްގެ ހަޔާތުގެ ތެރެއިން އެކުއްޖާއަށް ކުރެވޭ އިހްސާސްތައް މުޖުތަމަޢުއަށް ހާމަކޮށްދިނުގެ ބޭނުމުގައި ލިޔެފައިވާ ހަޤީޤީ ވާހަކަ ކޮޅެކެވެ.

"އަހަރެން ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު ފިލާވަޅު ދަސްނުކޮށްގެން ފިލާވަޅު ދަސްނުކުރާ ކުދިންނާއެކު އެއްދުވަހަކު ސްކޫލު ނިމުމުން އަހަރެން ސްކޫލްގައި ކޮޅަށް ބެހެއްޓި. އަދި އަހަރެންގެ މަންމައަށްގުޅައި އެއްދުވަހުވެސް ދޭ ފިލާވަޅު ޓީޗަރަށް ނުކިޔައިދޭކަމަށް ބުނެ ބައްދަލުކުރުމަށް އެދުނު. އެއީ އަހަރެމެން ރަށު ޓީޗަރެއް. އޭރުވެސް ޓީޗަރަކަށް އަހަރެންނަކީ މަންމަން ކުއްޖެއްކަމެއް ނޭނގެ. ޓީޗަރަށް މިވާހަކަތައް ކިޔައިދޭނެ ގޮތެއްވެސް އަހަރެންނަކަށް ނޭގުނު. އަހަރެން ވަރަށް ދެރަވި."

އަހަރެންނަކީ ރާއްޖެތެރޭގެ ރަށެއްގައި އާދައިގެ ދިރިއުޅުމެއް އުޅެމުންދާ މަންމަން ކުއްޖަކީމެވެ. އަހަރެންނަކަށް އެއްވެސް މީހެއް ދައްކާވާހަކައެއްގެ އަޑެއް ނީވެއެވެ. ވާހަކައެއް ނުދެއްކެއެވެ. ނަމަވެސް ކުޑައިރުއްސުރެން ފެށިގެން މައިންބަފައިން ކައިރީގައި އުޅެން ޖެހުމުން އަތުގެ އިޝާރާތުން މިއަދު ވާހަކަ ދައްކާ ހެދުމަކީ އަހަރެންނަށް ވަރަށް ވަސޭހަ ކަމެކެވެ. އަހަރެންގެ ހުރިހާ ރައްޓެހިންނާއި އަވަށްޓެރިންނަށްވެސް އަތުގެ އިޝާރާތުން އަހަރެންނާއި ވާހަކަ ދައްކަން އެނގޭތީ މަންމަން ކުއްޖެއްގެ އިހްސާސް އަހަރެންނަށް ނުކުރާ ކަހަލައެވެ.

ނަމަވެސް ބައެއް ފަހަރު ނުދަންނަ މީހުން އުޅޭ ތަންތާނގައި އަހަރެން އަތުގެ އިޝާރާތުންވެސް ވާހަކަ ދައްކައެއް ނޫޅެމެވެ. އެމީހުންނަކަށްވެސް އަހަރެންގެ އުޅުމުން އަހަރެންނަކީ އަޑުނީވޭ ވާހަކަ ނުދެއްކޭ މަންމަން ކުއްޖެއްކަމެއް ނޭނގޭނެއެވެ. ރައްޓެހިންނާއެކު ކުޅެ ސަކަރައި ޖެހުމަކީވެސް އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ. ނަމަވެސް ރައްޓެހިން ދައްކާ މަޖާ ވާހަކަތަކެއް އަހަރެންނަކަށް ނޭގެއެވެ. އެކުދިން ހޭންފެށުމުން އަހަރެންވެސް ހެމެވެ. ބައެއް ފަހަރު ރައްޓެހި ކުދިން ކުރާ ކަންތައްތައް އަހަރެން ކުރަން މަސައްކަތްކުރަމެވެ.

މިގޮތުން އަހަރެން ކުޑައިރު އެއްދުވަހަކު ރައްޓެހި ކުދިންތަކެއް ފަޅޯ އޮނަކުން ސައިބޯނި ބޮކި އަރުވަމުން މަޖާކުރަން ފެށީމާ އެކަންވީ އަހަރެންނަށްވެސް މަޖާކަމަކަށެވެ. އެހެންވެ ގެއަށްގޮސް ތައްޓަކަށް ސައިބޯނި ގިރައިގެން ފަޅޯ އޮނެއް ހިފައިގެން ނިކުމެ އަހަރެން ބޮކި އަރުވަން މަސައްކަތް ކުރީމެވެ. ނަމަވެސް އެކުދިން ބޮކިއަރުވަން ފަޅޯއޮނަށް ފުމެނީކަމެއް ނުވަތަ އެތެރެއަށް ދަމަނީކަމެއް އަހަރެންނަކަށް ނޭގުނެވެ. އަހަރެން ސައިބޯނިތަށީގެ ތެރެއަށް އޮނުގެ އެއްކޮޅުލައި އެތެރެއަށް ދަމަން ފެށުމުން އަހަރެން ހާސްވާން ފެށިއެވެ. އަދި ބޮލަށް އެނބުރުން އަރައި ހޭނެތުނެވެ.

ހޭވެރިކަން ވީއިރު ރަށު މިސްކިތު މުދިމު އަހަރެންގެ ކައިރީގައި އިށީދެލައިގެން އިނެވެ. ގޭގެ އެދެއްގައި މައްޔިތެއް ފަދައިން އަހަރެން ބާއްވާފައި އޮތެވެ. އޭރު ރައްޓެހިންނާއި އަވަށްޓެރިން ޖަމާވެ، މުޅި ގެ އޮތީ ފުރާލާފައެވެ. ހީވަނީ މީހަކު މަރުވެގެން މޫނުބަލަން އައިސް އުޅޭހެންނެވެ. އެމީހުންގެ މޫނުމަތިން ވެރިވެފައިވަނީ މާޔޫސްކަމެވެ. އަހަރެން ހަމަޔަކަށް އެޅުމުން ރައްޓެހިންގެ ފަރާތުން އެނގުނީ ސައިބޯނި ފެން ބޮއެގެން އަހަރެން މަރުވީކަމަށެވެ. އަދި އަހަރެންގެ ބޯދަށުން ބާލީސް ދަމައިގަތް ވާހަކައެވެ.

ނަމަވެސް އަހަރެންނަށް ހޭވެރިކަން ވުމުން އެންމެންގެ މޫނުމަތިން އުފާވެރިކަމުގެ ކަރުނަތައް ފައިބަމުން ދިޔަ މަންޒަރު އަހަރެންނަށް ފެނުނެވެ. އަހަރެން ދެވަނަ ފަހަރަށް ދުނިޔެއަށް އައިކަހަލައެވެ. އެދުވަހުން ފެށިގެން އަހަރެންނަކީ އެހެން މީހުން އުޅޭހެން އުޅެވޭނެ މީހެއް ނޫންކަމަށާއި މަންމަން ކުއްޖެއްކަން އަހަރެންގެ މަންމަ އަހަރެންނަށް އަންގައިދިނެވެ. އޭގެފަހުން ކުދިންކުރާ މިޒާތުގެ ކަންކަން ކުރުމަށް އަހަރެން ފަސްޖެހުނެވެ. ނަމަވެސް ސްކޫލްގައި އެއްކުލާހެއްގައި އުޅޭކުދިންނާއެކު ބޭރަށްގޮސް ސަކަރައިޖަހާ މަޖާކޮށް ހަދަމެވެ.

އަހަރެން ސްކޫލަށް ވަރަށް ދާހިތްވެއެވެ. އަހަރެންގެ ކުލާސް ޓީޗަރަކީ އަހަރެން ދަންނަ އަހަރެމެންގެ ގެއާއި ޖެހިގެން ދެގެ ދޫކޮށްފައި ހުންނަ ގެއެއްގެ މީހެކެވެ. ނަމަވެސް ކުލާސްތެރޭގައި އަހަރެން ކުދިންނާ ވާހަކަ ދައްކާ ނުހާދާތީ އާއި ދުވަހުން ދުވަހަށްދޭ ފިލާވަޅުތައް ދަސްނުކުރާތީ އެޓީޗަރު ހުންނަނީ އަހަރެން ދެކެ ރުޅިއައިސްފައެވެ. ފިލާވަޅު ދަސްނުކުރާ ކުދިންގެ ލިސްޓަށް އަހަރެންގެ ނަން އަރުވާފައެވެ.

ނަމަވެސް ކުލާހުގައި އެޓީޗަރު ކިޔަވައިދޭތާ މިހާދުވަސް ވީއިރުވެސް ކުއްޖެއްގެ ފަރާތުންވެސް އެޓީޗަރަށް އަހަރެންނަކީ އަޑުނީވޭ، ވާހަކަ ނުދެއްކޭ މަންމަން ކުއްޖެއްކަން ނޭނގޭތީ އަހަރެން ހައިރާންވިއެވެ.

މިގޮތުން އެއްދުވަހަކު ސްކޫލު ނިމުމުން ފިލާވަޅު ދަސްނުކުރާ ހުރިހާކުދިން ސްކޫލްތެރޭގެ އެކި ތަންތާނގައި ފޮތް ހިފައިގެން ކޮޅަށް ބޭތިއްބިއެވެ. އަހަރެންވެސް އެލިސްޓްގައި ހިމެނުނެވެ. އަދި މިހުރިހާ ކުދިންގެ ބެލެނިވެރިންނާއި ޓީޗަރު ބައްދަލުކުރަން ބޭނުންވާކަމަށް މިކުދިންގެ ގޭގެއަށް އެންގިއެވެ. އަހަރެންގެ މަންމައަށްވެސް ޓީޗަރާއި ބައްދަލުކުރުމަށް އެންގިއެވެ. މިކަން މަންމައަށް އެންގިތާ މާގިނައިރެއްނުވެ މަންމަ ސްކޫލުދޮށަށް އައިސް ޓީޗަރާއި ބައްދަލުކުރިއެވެ. (ނުނިމޭ)

***

އެޑިޓަރުގެ ނޯޓު: މި ވާހަކައިގެ އަނެއްބައި ޝާއިއު ކުރެވޭނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުއެވެ.