ދާދިފަހުން މައިންބަފައިންނަށް ވެފައިވާ އިންޑިއާގެ އެންމެ މަގުބޫލު ދެ ސެލެބްރިޓީން ކަމަށްވާ އަނުޝްކާ އަދި ފިރިމީހާ ވިރާޓް ކޮލީވަނީ ފުރަތަމަ ފަހަރަށް ދެމީހުންގެ އާއިލާގެ ފޮޓޯ ފޭނުންނާ ހިއްސާކޮށްފައެވެ.
އަނުޝްކާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި މިފޮޓޯގެ ކެޕްޝަންގައި ދަރިފުޅަށް ކިޔާފައިވާ ނަމަކީ "ވަމީކާ" ކަންވަނީ ބަޔާންކޮށްފައެވެ.
އަނުޝްކާގެ ޕޯސްޓްގައި އޭނާ ލިޔެފައިވަނީ މިހާތަނަށް އެދެމަފިރިން އެކީގައި އުޅެމުންއައީ ވަރަށް ލޯބި އެހާމެ އުފާވެރި ދިރިއުޅުމެއްގައެވެ.
ދަރިފުޅު ދުނިޔެއަށް އައުމާއެކު ދެމީހުންގެ ދިރިއުޅުމުގައިވާ އުފާވެރިކަމާއި ލޯތްބާއި ހިތްހަމަޖެހުން އެތައްގުނައަކަށް އިތުރުވެފައިވާ ކަމަށްވެސް އޭނާވަނީ ބުނެފައެވެ.
އަނުޝްކާ ބަނޑުބޮޑުވީއްސުރެން ފަށައިގެން ވިހެއުމާ ހަމައަށްވެސް އިންޑިއާގެ ޕަޕަރާޒީޏްގެ ފަރާތުން އެދިފައިވަނީ ދަރިފުޅުގެ ފޮޓޯ އެއްވެސްގޮތަކަށް ނުނެގުމަށާއި ސޯޝަލް މީޑިއާއަށް ފޮޓޯތައް ނުލުމަށެވެ.
އަނުޝްކާ ވިހާފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 11 ވަނަ ދުވަހު މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައެވެ.
ދެމަފިރިންވެސް އެދިފައިވަނީ އާއިލާގެ އިތުރުން އެއްވެސް ރަހުމަތްތެރިއެއްގެ ފަރާތުންވެސް އެއްވެސް ހަދިޔާއެއް ދެމަފިރިންނަށް ނުފޮނުވުމަށެވެ.
ބެލެވޭގޮތުގައި މިގޮތަށް މިދެމަފިރިން ނިންމާފައިވަނީ ކޮވިޑް-19 ބަލިމަޑުކަން ތަހައްމަލު ކުރަމުންދާ މިދަނޑިވަޅުގައި ހުރިހާ އެންމެންގެވެސް ރައްކާތެރިކަމަށްޓަކައެވެ.
އަނުޝްކާއަކީ މިވަގުތު އިންޑިއާގެ ބޮލީވުޑުގައި ހުރި އެންމެ ކާމިޔާބު އެއް އަންހެން ބަތަލާއެވެ.
ފިލްމު ކުޅުމުގެ އިތުރުން އޭނާއަކީ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހިންގާ އެ ދިދައިގެދަށުން ފިލްމު އުފައްދާ ޕްރޮޑިއުސަރެއްވެސްމެއެވެ.
އަނުޝްކާގެ އިތުރުން ފިރިމީހާ ވިރާޓްއަކީ އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމްގެ ކެޕްޓަންއެވެ. މިދެމަފިރިންނަކީވެސް އިންޑިއާގެ އިތުރުން ގިނަ ބައެއްގެ މަޤްބޫލުކަމާއި ލޯބި ހޯދާފައިވާ ދެ ސެލެބްރިޓީންނެވެ. އަނުޝްކާއާއި ވިރާޓް ކައިވެނިކޮށްފައިވަނީ ގިނަ ދުވަސްތަކެއްވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު 11ވަނަ ދުވަހު އިޓަލީގައެވެ.