ފާއިތުވި އަހަރުގެ ޑިސެމްބަރުމަހު ޖަންގްލީ ޕިކްޗަރސްއިން އިއުލާނުކުރި ފިލްމު "ޑޮކްޓަރު ޖީ" ގައި އެކްޓަރު އަޔުޝްމާންއާއެކު ބަތަލާގެ ރޯލް ކުޅޭނީ ބަތަލާ ރަކުލް ޕްރީތްކަމަށް ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން ބުނެފިއެވެ.

ފިލްމުގައި ރަކުލް ފެނިގެންދަނީ ޑރ. ފާތިމާކިޔާ މެޑިކަލް ދަރިވަރެއްގެ ރޯލްއިންނެވެ.

ކިޔަވައިދޭ ކެމްޕަސްއެއްގެ ތެރޭގައި ހިނގާ ހެއްވާ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ މިފިލްމުގައި އެކްޓަރު އަޔުޝްމާން ކުޅެނީ ސީނިއަރ ޑޮކްޓަރެއްގެ ރޯލެވެ.

ރަކުލް ބުނެފައިވަނީ އެންމެ ފުރަތަމަ މިފިލްމުގެ ސްކްރިޕްޓް އަޑުއަހާފައިވެސް ފިލްމުގެ ސްޓޯރީ ވަރަށްބޮޑަށް ކަމުދިޔަ ކަމަށެވެ. އަދި އެންމެ އުފާވަނީ އަޔުޝްމާން ފަދަ ހުނަރުވެރި އެކްޓަރަކާއެކު މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބުމުންކަމަށް ރަކުލްވަނީ ބުނެފައެވެ.

މިއީ ރަކުލްއާ އަޔުޝްމާން އެކުގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

ރަކުލްއަކީ ބޮލީވުޑް ސިނަމާގެ އިތުރުން ދެކުނު އިންޑިއާގެ ސިނަމާތަކުގައިވެސް ކާމިޔާބު ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ ބަތަލާއެކެވެ.

މިވަގުތު ބޮލީވުޑުގައި ފައިހަމަކުރުމަށް އޭނާ މަސައްކަތް ކުރަމުންދާއިރު މިފަހަކަށްއައިސް އޭނާވަނީ ހެއްވާ މަޖާ ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައެވެ.

އޭގެތެރޭގައި ފިލްމު "މަރުޖާވާ، އައްޔާރީ އަދި ދޭދޭ ޕިޔާރު ދޭ" ފާހަގަކޮށްލެވެއެވެ.

ރަކުލްގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި އެކްޓަރު އަރުޖުން ކަޕޫރުއާއެކު ކުޅޭ "ސަރުދާރު އެންޑް ގްރޭންޑް ސަން"، ޖޯން އަބްރަހަމްއާއެކު ކުޅޭ "އެޓޭކް" އަދި އަޖޭ ދޭވްގަންއާއެކު ކުޅޭ ފިލްމު "މޭޑޭ" އަދި "ތޭންކް ގޯޑް" ހިމެނެއެވެ.

ފިލްމުގެ އެކްޓަރު އަޔުޝްމާން ކުރާނާގެ އެންމެފަހުން ސްކްރީނަށް އައިސްފައިވަނީ އެމޭޒަން ޕްރައިމްއިން ރިލީޒްކުރި "ގުލާބޯ ސިތާބޯ" އެވެ.

މިއަހަރުތެރޭ ބަތަލާ ވާނީ ކަޕޫރްއާއެކު އޭނާ ފެނިގެންދާ ފިލްމު "ޗަންދިގަރް ކަރޭ އާޝިޤީ" ގެ މަސައްކަތް ދާދިފަހުން ނިންމާފައިވާކަމަށް އަޔުޝްމާންވަނީ ބުނެފައެވެ.

މިފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި ހަމައެއް ނުޖެހެއެވެ.