ފިލްމު "ގައްލީ ބޯއި" އިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ޖޯޑު ބަތަލާ އާލިއާ ބަޓް އަދި ރަންވީރް ސިންގް ހިމަނައިގެން ފިލްމެއް އުފެއްދުމަށް ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު ތައްޔާރުވަމުން ދާކަމަށް އިންޑިއާގެ މީޑީއާއިން ބުނެފިއެވެ.
ބޮލީވުޑްގެ މީޑިއާއިން ބުނެފައިވާގޮތުން ދަރްމާ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދޭ މިފިލްމުގެ ޑައިރެކްޓަރަކީވެސް ޚުދު ކަރަން ޖޯހަރުއެވެ.
އެންމެފަހުން ކަރަން ޖޯހަރު ޑައިރެކްޓްކޮށްފައިވަނީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ފިލްމު "އޭދިލްހެ މުޝްކިލް" އެވެ.
އޭގެފަހުން ނެޓްފްލިކްސްއިން ގެނެސްދިން "ލަސްޓް ސްޓޯރީސް" އަދި "ގޯސްޓް ސްޓޯރީސް" ގެ ބައެއް ސެގްމެންޓްތައް ކަރަންވަނީ ޑައިރެކްޓް ކޮށްފައެވެ.
އާލިއާއާއެކު ކަރަން މީގެކުރިން މަސައްކަތް ކޮށްފައިވީ ނަމަވެސް މިފިލްމު ވެގެންދާނީ އެކްޓަރު ރަންވީރު ސިންގްއާއެކު ކަރަން ފިލްމެއް ޑައިރެކްޓްކުރާނެ ފުރަތަމަ ފަހަރަށެވެ.
ކަރަންގެ ޑައިރެކްޝަނެއްގައި ބަތަލާ އާލިއާ މަސައްކަތް ކޮށްފައިވަނީ އޭނާ ބޮލީވުޑަށް ތައާރަފްވި ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔަރ" ގައެވެ.
އެއަށްފަހު ދަރްމާގެ ފިލްމުތައް އާލިއާ ކުޅެފައިވީ ނަމަވެސް ކަރަންގެ ޑައިރެކްޝަނެއްގައި މަސައްކަތް ކޮށްފައެއް ނުވެއެވެ.
ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން ކަރަން ވަރަށް ގާތް ގުޅުމެއް ބާއްވާ ބަތަލާ އާލިއާވަނީ ކަރަން 2019 ވަނަ އަހަރު އިއުލާނުކުރި ފިލްމު "ތަޚްތު" ކުޅެންވެސް ސޮއިކޮށްފައެވެ.
ބޮލީވުޑްގެ ފުންނާބު އުސް ތަރިންތަކެއް ކާސްޓިންގައި ހިމެނޭ "ތަޚްތު" ގެ މަސައްކަތް ކޮވިޑް-19 ގެ މިދަނޑިވަޅުގައި ފެށުމަށް ދަތިވާތީ ކަރަންވަނީ ފިލްމު މިވަގުތު ފެށެން ނެތްކަމަށް ނިންމާފައެވެ.
ގިނަ ބައެއްގެ އިތުރުން މިފިލްމަކީ ކަރަންގެވެސް ޑްރީމް ޕްރޮޖެކްޓެކެވެ.
ފިލްމު އުފެއްދުމަށް ބޮޑު ބަޖެޓެއް ބޭނުންވާތީ ކަރަން ގަސްތުކޮށްފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެ ތަންކޮޅެއް ހަމަޖެހިލައިގެން ފިލްމުގެ މަސައްކަތް ފެށުމަށެވެ.
ބަތަލާ އާލިއާ އަދި ރަންވީރްއާއެކު ކަރަން ޑައިރެކްޓް ކުރަން ނިންމާފައިވާ ލޯބީގެ ފިލްމަކީ ފިލްމު "ތަޚްތު" އަށް ވުރެ ކުޑަ ބަޖެޓަކުން ތައްޔާރުކުރެވޭ ފިލްމެކެވެ.
މިފިލްމުގެ މާބޮޑު ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.