ހުރިހާ އެންމެންވެސް ވެކްސިން ޖަހައި، ބައްޔާ ދެކޮޅަށް ރައްކާތެރިކަން ހޯދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އެދިވަޑައިގެންފިއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ކުރިއަރާފައިވާ ގައުމުތަކުން، ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފެށުމާއެކު، ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށިކަމަށެވެ.
އެމަސައްކަތުން މިހާރު ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރެވިފައިވާ ކަމަށާއި، ހުރިހާ ދިވެހިންނަށާއި ރާއްޖޭގައި ދިރިއުޅޭ އެންމެނަށް މުޅިން ހިލޭ ކޮވިޑް ވެކްސިން ޖަހައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ކޮވިޑްގެ ދަތިތަކަށްފަހު، ވިޔަފާރިތައް އަލުން ހިނގައިގަނެ، ސްކޫލް މަދަރުސާތަކުގެ ކިޔެވުން ދާއިމީ ގޮތެއްގައި ފެށޭނީ، އަދި އާންމު އުސޫލުން ދަތުރުފަތުރުތައް ފެށޭނީވެސް، ރާއްޖޭގެ ވީހާ ގިނަ ބަޔަކު، ވެކްސިން ޖަހައި، ބައްޔާ ދެކޮޅަށް ރައްކާތެރިކަން ހޯދައިގެންކަން ރައީސް ފާހަގަކުރެއްވިއެވެ.
ތިން މަސްދުވަހަށް ފަހު ބޯޑަރު ހުޅުވައިލެވުނީ، ކޯވިޑާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް، ރާއްޖޭގެ ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ ސަބަބުންކަމަށް ރައިސް ވިދާޅުވިއެވެ.
މި ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އެކުލަވައިލި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ކުރި ބުރަ މަސައްކަތްތަކާއި، ޓެކްނިކަލް އެޑްވައިޒަރީ ޓީމުން ނިންމި ހަރުދަނާ ނިންމުންތަކާއި، މިބައްޔާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ހިއްޙީ ޚިދުމަތްތެރިންނާއި، އެހެނިހެން ބޭފުޅުންގެ ބުރަ މަސައްކަތްތަކުންކަތަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
ކޮވިޑް-19ގެ ސަބަބުން، ނިސްބަތުން އިޤްތިޞާދީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ޤައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އިޤްތިޞާދު ހީނަރުވެގެން ދިޔުމުން، މުވައްޒަފުންނަށް މުސާރަ ދިނުމާއި، ދިރިއުޅޭ ތަނުގެ ކުލި ދެއްކުމާއި، ބިލުތައް ދައްކާނެ ގޮތާމެދު، ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ކަންބޮޑުވެ، ހާސްވާނެ މިންވަރު ވަޒަންކުރެވޭކަމަށެވެ.
ކަރަންޓާއި ފެން ބިލުތަކުން 117 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ކަނޑައިލަދިންކަމަށާއި، ސަރުކާރުގެ ރިލީފް ޕެކޭޖްގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން، ދިވެހިންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުތުކޮށް، ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް، 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
އަދި ހައުސިންގ ލޯނުތަކަށް ލުއިދީ، މަތީ ތަޢުލީމަށް ދޫކޮށްފައި ހުރި ލޯނުތައް ދައްކަންޖެހޭ މުއްދަތުވެސް ފަސްކޮށްދީފައިވާނެ ކަމަށާއި، އޭގެ އިތުރުން، ޓޫރިޒަމަށް ދޫކޮށްފައި ހުރި ބިންތަކާއި ރަށްތަކުގެ ބިމުކުލި ދެއްކުން ވެސް 6 މަސްދުވަސް ފަސްކޮށްދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ކޮވިޑުގެ ސަބަބުން ރާއްޖެ ނާދެވި، 15 ޤައުމެއްގައި ތިބި ދިވެހިންގެ ތެރެއިން 2421 ދިވެހިން އަނބުރާ ރާއްޖެ ގެނެސްދިންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.