13 އަހަރުގެ މެދުކެނޑުމަކަށްފަހު ފިލްމު "ދޯސްތާނާ" ގެ ދެ އެކްޓަރުން އަބީޝެކް ބައްޗަން އާއި ޖޯން އަބްރަހަމް އެކީގައި ސްކްރީނުން ފެނުމުގެ ފުރުސަތު ބޮޑުކަމަށް ބޮލީވުޑްގެ ރިޕޯޓުތައް ބުނެފިއެވެ.

މިދެތަރިން އެކީގައި ކުޅޭނެކަމަށް ބެލެވެނީ ޚުދު ޖޯން އަބްރަހަމް އަމިއްލައަށް ޕްރޮޑިއުސްކުރާ މަލަޔާލަމް ފިލްމު "އައްޔަޕަނުމް ކޮޝިޔަމް" ގެ ރިމޭކްއެކެވެ. މިފިލްމަކީ މިދިޔަ އަހަރު ފެބްރުއަރީ މަހުތެރޭ ނެރުނު ވަރަށް ކާމިޔާބު އަދި ބޮކްސް އޮފީހުގައި ވިޔަފާރީގެ ގޮތުންވެސް ހިނގި ފިލްމެކެވެ.

އެކްޓަރު ޖޯން އަބްރަހަމްވަނީ މިދިޔަ އަހަރުގެތެރޭ މިފިލްމުގެ ރައިޓްސް ގަނެ މީގެ ރިމޭކްއެއް އުފެއްދުމުގެ ޝައުގުވެރިކަން ހުރިކަމަށް ބުނެފައެވެ.

ފިލްމު ދޯސްތާނާގެ ކާމިޔާބީއަށްފަހު ޖޫނިއަރ ބައްޗަންއާ ޖޯން ސްކްރީނުން ނުފެނި ގިނަ ދުވަސްވެފައިވަނީ ދެމީހުންނަށް އެކަށީގެންވާ ފުރިހަމަ ސްކްރިޕްޓެއް ނުލިބޭތީކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ގިނަބަޔަކު އުއްމީދުކުރީ ފިލްމު "ދޯސްތާނާ-2" އިން މިދެތަރިން ފެނިގެންދާނެ ކަމަށެވެ.

އެހެންނަމަވެސް އެފިލްމުގެ ސްކްރިޕްޓާމެދު ދެތަރިންވެސް އެހާ ގަޔާނުވާތީ ފިލްމުވަނީ ދޫކޮށްލާފައެވެ.

މިހާރު ހަމަޖެހިފައިވާގޮތުން "ދޯސްތާނާ-2" އިން ފެނިގެންދާނީ އަރަމުން އަންނަ ދެ ތަރިންކަމަށްވާ ކާރްތިކް އަރްޔަން އާއި ބަތަލާ ޖާންވީ ކަޕޫރުއެވެ.

ފިލްމު "އައްޔަޕަނުމް ކޮޝިޔަމް" ގައި މަސައްކަތްކުރުމާ ގުޅޭގޮތުން ޖޯންއާއެކު އަބީޝެކް ބައްޗަން މަޝްވަރާ ކުރަމުންދާކަމަށް އިންޑިއާގެ މީޑިއާއިންވަނީ ބުނެފައެވެ.

ޖޯން އަބްރަހަމް މިފިލްމަށް ތައްޔާރުވަމުންދާ ކަމުގެ އަޑު ފެތުރިފައިވާއިރު މިވަގުތު ޖޯންދަނީ އެކްޓަރު ޝާހްރުކް ޚާންއާއެކީ ކުޅޭ ފިލްމު "ޕަތާން" ގެ ޚާއްސަ މަންޒަރުތަކެއް ނެގުމަަށް ދުބާއީގައި މަސައްކަތް ކުރަމުންނެވެ.

ޚަބަރު ލިބޭގޮތުގައި ޖޯން އާއެކު ޝާހްރުކް ޚާންގެ ޚާއްސަ މަންޒަރުތަކެއް ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އިމާރާތް ބްރިޖް ޚަލީފާގައި ނެގުމަށްވަނީ ހަމަޖެހިފައެވެ.

ޖޯން އަބްރަހަމް އެންމެ ފަހުން ފެނިފައިވަނީ 2019 ވަނަ އަހަރު ނެރުނު ފިލްމު "ޕާގަލް ޕަންތީ" އިންނެވެ.

ފިލްމު "ޖިސްމް" އިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި އެކްޓަރުގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭގައި "މުމްބާއި ސާގާ، އެޓެކް، އަދި ސަތްޔަމޭވަޖަޔަތޭ-2" ހިމެނެއެވެ.