ފެށުނީއްސުރެން ގިނަ ބަޔަކު އެފިލްމަކަށް އިންތިޒާރުކުރި ފިލްމު "ސޫރިޔަވަންޝީ" ސިނަމާތަކުގައި އަޅުވާނެ ދުވަސް އިއުލާނުކޮށްފިއެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފައިވާ ރޯހިތު ޝެޓީގެ ސޫރަޔަންވަންޝީ ރިލީޒްކުރަން މިހާރު ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުކަމަށް ބޮލީވުޑްގެ ޚަބަރުގެނެސްދޭ ފަރާތްތަކުންވަނީ ބުނެފައެވެ.

ފިލްމު ރިލީޒްކުރާނެ ތާރީޚް ހަމަޖެހިގެން މިދިޔައީ ދާދިފަހުން އިންޑިއާގެ ސިނަމާ ހޯލްތައް 100 ޕަސެންޓް އޮކިއުޕެންސީގައި ހިންގުމުގެ ހުއްދަ އިންޑިއާގެ ސަރުކާރުން ދިނުމާ ގުޅިގެންކަމަށްވަނީ ބެލެވިފައެވެ.

އެންމެ ފުރަތަމަ ސަރުކާރުން ހުއްދަ ދީފައިވަނީ 50 އިންސައްތަ މީހުންގެ ޖާގައާއެކު ސިނަމާ ހޯލްތައް ހިންގުމަށެވެ.

އެގޮތަށް ސިނަމާތައް ހުޅުވައިގެން ފިލްމުތައް ރިލީޒްކުރިޔަސް ފިލްމު ޕްރޮޑަކްޝަން ހައުސްތަކަށް ގެއްލުން ވެދާނެތީ، އޭރު ގިނަ ބަޔަކުވަނީ ސިނަމާތަކުގައި ފިލްމު ރިލީޒްނުކުރުމަށް ނިންމާފައެވެ.

އެހެންނަމަވެސް މިހާރު 100 އިންސައްތަ މީހުންގެ ޖާގައާއެކު ތިއޭޓަރުތަކަށް ހުއްދަ ދިނުމާ ގުޅިގެން މިދިޔައަހަރު އުފައްދާފައިވާ ބޮޑެތި ފިލްމުތަކުގެ ތެރެއިން މިވަގުތު ރިލީޒް ނުކޮށްހުރި ފިލްމުތައް ދާނީ ސިނަމާތަކަށް ކަމަށްވަނީ ބެލެވިފައެވެ.

ޚަބަރު ލިބޭގޮތުގައި ޑައިރެކްޓަރު ރޯހިތް ޝެޓީ ދަނީ ފިލްމު "ސޫރްޔަވަންޝީ" ރިލީޒްކުރުމާ ބެހޭގޮތުން ސިނާމާތައް ހިންގާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންނެވެ.

އަކްޝޭ ކުމާރްއާއެކު މިފިލްމުގައި ފެނިގެންދާނީ ބަތަލާ ކެޓްރީނާ ކެއިފްއެވެ.

މީގެއިތުރުން ފިލްމުގެ މުހިއްމު ތަރިންގެތެރޭގައި، އެކްޓަރު ޖެކީ ޝްރޮފް، ޖާވިދް ޖެފްރީ އަދި ސިކަންދަރް ޚޭރް ހިމެނެއެވެ.

މިފިލްމުގައި ޚާއްސަ ފެނިލުމަކުން ފިލްމު "ސިންގްހަމް" ގެ އެކްޓަރު އަޖޭ ދޭވްގަން އަދި ރޯހިތް ޝެޓީގެ ފިލްމު "ސިމްބާ" ގެ އެކްޓަރު ރަންވީރު ސިންގް ފެނިގެންދާނެއެވެ.

މިފިލްމު އެންމެ ފުރަތަމަ ރިލީޒްކުރުމަށް ހަމަޖެހުނު ތާރީޚަކީ މިދިޔައަހަރުގެ މާރޗް މަހުގެ 24 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އޭރު ކޮވިޑް-19ގެ ބިރުވެރިކަމާއެކު މިފިލްމު ރިލީޒްކުރުންވަނީ ފަސްކޮށްފައެވެ.