މާލޭގައި އަދި އޮތޮޅުތެރޭ ރަށްރަށުގައި މިހާރު ފެށިފައިވާ ކުޅިވަރު ދާއިރާގެ މަޝްރޫއުތައް ފުރިހަމަވެގެންދާއިރު، ރާއްޖޭގެ ތާރީހުގައިވެސް މިދާއިރާއިން ނުފެންނަހާ ތަރައްގީ ފެނިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިސަރުކާރުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވުމަށް މިއަދު ހެނދުނު ބޭއްވި 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަމުންނެވެ.

ކުޅިވަރުގެ ދާއިރާއިން ފާއިތުވީ ދެއަހަރެއްހާ ދުވަހު ބޮޑު ކުރިއެރުންތަކަކާއި ކާމިޔާބީއެއް ހޯދިފައިވާކަމަށް ވިދާޅުވެ، ކޮވިޑްގެ ދަތި އުނދަގޫ ހާލަތުގައިވެސް ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޯވިޑުގެ ފުރަބަންދުގެ ތެރޭގައިވެސް، ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމާއި، ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ ސިޔާސަތުގެ ދަށުން، މިދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ. މާލެއާއި ރަށްރަށުގައި މިހާރު ފަށާފައިވާ ކުޅިވަރު ދާއިރާގެ މަޝްރޫޢުތައް ފުރިހަމަވެގެންދާއިރު، ރާއްޖޭގެ ތާރީޚުގައިވެސް ކުޅިވަރު ވަސީލަތްތައް ތަރައްޤީނުވާ މިންވަރަށް، އެ ވަސީލަތްތައް ތަރައްޤީވާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސްގެ ވާހަކަފުޅުގައި ކުޅިވަރުގެ ރޮނގުން ގިނަކަންކަން ހާސިލްކުރެވިފައިވާކަން ފާހަގަކުރައްވައި، ސަރުކާރުގެ ތަފާސްހިސާބުތަކާއި ލިޔެކިޔުންތައް ފެންނަން އޮތްގޮތުން އެންމެ ގިނަ މަޝްރޫއުތައް ކުރިޔަށްގެންދިޔަ އެއް ވުޒާރާގެ ގޮތުގައި ފެންނަން އޮތީ މިިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް ކަމަށް ވިދާޅުވިއެވެ.

މިހާތަނަށް ކުޅިވަރުގެ މަޝްރޫއުތަކަށް 345 މިލިޔަން ރުފިޔާއަށް ވުރެ ގިނައިން ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ. ކުޅިވަރު ވުޒާރުގެ ހުންގާނުގައި ހިފަހައްޓަވައިގެން ހުންނެވި މާލިމީ މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ މި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މީގެކުރިން އެ ވުޒާރާ އާއި ހަވާލުވެވަޑައިގެންނެވި ވަޒީރުންނާއި ނުބައްދަލު މިންވަރަކަށް މަސައްކަތް ކުރައްވައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އާއި ޒުވާނުންނާއި ގުޅުންހުރި ގިނަ ކަންކަމަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެސްދެެއްވާފައެވެ.

ފ. ނިލަންދޫގައި އަޅާފައިވާ ޓާފް ފުޓުބޯޅަ ދަނޑު - ފޮޓޯ:- ޔޫތް މިނިސްޓްރީ

ވަކިކުޅިވަރަކަށް ތަފާތުކުރުމެއްނެތި ކުޅިވަރުގެ ވަސީލަތްތައް ނެތް ދާއިރާތައް ބެލުމަށް ފަހުގައި އެފަދަ ތަންތަނަށް އެހީތެރިކަން ފޯރުކޮށްދީ ކުޅިވަރުގެ ފެސިލިޓީތަކަށް އިންގިލާބީ ބަދަލުތަކެއް މިސަރުކާރުގެ މިހާތަނަށް ވަނީ ގެނެސްދެއްވާފައެވެ.

މިސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން މާލެ ފިޔަވާ އަތޮޅުތެރޭގައި ރަނގަޅު ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކެއް އެޅުމަށް ނިންމާފައިވާއިރު މިހާތަނަށް 40 އަށްވުރެ ގިނަ ރަށުގައި ޓާފް ފުޓުބޯޅަ ދަނޑު އެޅުމަށް ކޮންޓްރެކްޓް އުސޫލުން ވަނީ ހަވާލް ކޮށްފައެވެ. އަދި 8 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ވަނީ ޓާފް އަޅާފައެވެ.

މީގެއިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 57 ފުޓްސަލް ދަނޑާއި 104 ކުޑަކުދިންގެ ޕާކާއި 61 އައުޓްޑޯ ޖިމްވެސް ވަނީ އަޅާފައެވެ.

އައިއޯއައިޖީގައި ވާދަކުރި ރާއްޖޭގެ އެތުލީޓުން ---

ކުޅުންތެރިންގެ ތަމްރީނާއި ޓީމުތައް ރާއްޖެއިން ބޭރަށް ފޮނުވުމަށް އެތައް މިލިޔަން ރުފިޔާއެއް ދައުލަތުން މި ދެއަހަރު ޚަރަދުކޮށްފައިވާއިރު، ފާއިތުވެދިޔަ ދެއަހަރަކީ ރާއްޖޭގެ ކުޅިވަރު ހަޔާތުގައި އެންމެ ކާމިޔާބު ދެއަހަރެވެ. އެގޮތުން ބައިނަލްއަގުވާމީ އެކި މުބާރާތްތަކުން ރާއްޖެއިން ވަނީ ޖުމްލަ 38 މެޑަލް ހޯދާފައެވެ. އެގޮތުން 12 ރަން މެޑެއްޔާއި، ހަތް ރިހި މެޑަލް އަދި 19 ލޯ މެޑަލް ރާއްޖެއިން ވަނީ ހޯދައިފައެވެ.

މިއީ އެތައް ދިވެހިންނެއް ކުރަމުންދިޔަ ދިގު އިންތިޒާރެއްގެ ނިމުން - ފޮޓޯ:- ރައީސް އޮފީސް

މީގެއިތުރުން މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް ކަސްރަތު ކުރުމަށާއި ދުވުމަށް އަދި ބައެއް ކުޅިވަރުތައް ކުޅުމަށްވެސް ބޭނުންކުރަމުން އަންނަ މާފަންނު އެކުވެނި އައުޓްޑޯ ދުވާ ޓްރެކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ފެށި މަޝްރޫއުގެ ތެރެއިން އެ ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ނިންމާލާ، ދުވުންތެރިންނާއި މުޅި މާލޭ ސަރަހައްދުގައި ދިރިއުޅޭ އާއްމުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޮޑު ފަސޭހައެއް ވަނީ މި ސަރުކާރުން ހޯދައިދީފައެވެ. އަދި ހަމައެހެންމެ މާލޭ ސްވިމިންގ ޓްރެކް ތަރައްގީކުރުމުގެ އިތުރުން ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމް ވަނީ ގާއިމުކޮށްފައެވެ.

އަދި އޮލިމްޕިކް ފެންވަރުގެ ސްވިމިންގ ޕޫލެއް މާލޭގައި ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްވެސް ފަށާފައިވާއިރު، ސްވިމިންޕޫލް އަޅާ ބިން 50 އަހަރުގެ މުއްދަތަކަށް ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ މިހާރު ވަނީ ހަވާލުކުރެވިފައެވެ. 50 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ މި މަޝްރޫއު ނިމޭއިރު، މުޅި އިމާރާތް ހުންނާނީ އެންމެ ޒަމާނީ ވަސީލަތުން ފުރިހަމަވެ، އެންމެ ބޮޑެތި މުބާރާތްތައް ބޭއްވޭނެ ފެންވަރަށް ތަރައްގީކުރެވިފައި ކަމަށް މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

ފާއިތުވީ އަހަރު ކޮވިޑްގެ ސަބަބުން މުޅި ދުނިޔެއަށްވެސް ކުރިމަތިވި އިގްތިސާދީ ދަތިކަމާއިހެދު ހުރިހާކަމަކަށްވެސް ބުރޫއަރާފައިވީ ނަމަވެސް މިފެށުނު އައު އަހަރަކީ ކުޅިވަރުގެ ރޮނގުންވެސް އަދި އެހެން ހުރިހާ ގޮތަކުންވެސް ރާއްޖެ ކުރިއަރާ ވަރަށް ކާމިޔާބު އަހަރަކަށް ވުންމީ އަޅުގަނޑުމެން ކޮންމެ ދިވެއްސެސްގެވެސް އުންމީދަކަށް ވާނެއެވެ.