ރާއްޖޭގައި ކެންސަރުޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދިއުމާއި ގުޅިގެން އެ އަދަދު މަދުކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޮންމެ ފްބްރުއަރީ މަހެއްގެ 4 ވަނަ ދުވަހު ފާހަގަކުރަމުންދާދުނިޔޭގެ ކެންސަރުދުވަހާ ގުޅިގެން އޗްޕީއޭއިން ނެރުނު ބަޔާނެއްގައިވަނީ ރާއްޖޭގައި ކެންސަރުޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކޮށް އެ އަދަދު މަދުކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކޮށްފައެވެ. އެގޮތުން ކެންސަރު ބަލީގެ ޤައުމީ ދަފްތަރެއް އެކުލަވާލާ ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރުމަށް "ނެޝަނަލް ކެންސަރ ކޮންޓްރޯލް ޕްލޭން" އެކުލަވާލަމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މިނޫނަސް އެކި ވައްތަރުގެ ކެންސަރު ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމްތައް އިންތިޒާމްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޕްރޮގްރާމްތައް ހިންގަމުންދާކަން ވެސް އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ކެންސަރު ބައްޔަކީ ހަށިގަނޑުގައި ހުންނަ ސެލްތަކުގެ ތެރެއިން ބައެއް ސެލްތަކަށް އާދަޔާ ޚިލާފަށް އަވަސް ގޮތަކަށް އަންނަ ބަދަލެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބައްޔަކީ ހަށިގަނޑުގެ އެއް ގުނަވަނަކަށް ޖެހުނުކަމުގައިވީނަމަވެސް އެހެން ގުނަވަންތަކަށް ފެތުރޭ ބައްޔެކެވެ. މިގޮތަށް އެއްގުނަވަނުން އަނެއްގުނަވަނަށް ފެތުރުމުން ސަލާމަތް ކުރުމަށް ކުރީކޮޅުގައި ބަލި ދެނެގަނެވުމަކީ ވަރަށް މުހިންމު ކަމެކެވެ. 2018 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ނެރެފައިވާ ރިޕޯރޓުގައި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން 84 އިންސައްތަ މީހުން މަރުވާއިރު މީގެތެރެއިން 17 އިންސައްތަ މީހުންނަކީ ކެންސަރު ބަލީގެ ސަބަބުން މަރުވާ މީހުން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ ކެންސަރު ބައްޔާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، ބައްޔަށް ހުށައެޅޭ ކަންތައްތަކާއި ދުރުހެލިވުމަށް ބާރުއަޅައި އަދި ޤައުމުތަކުންނާއި މަދަނީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އެއްބާރުލުމާއި ބައިވެރިވުމާއެކު މިކަމަށް ކުރެވޭ މަސައްކަތްތަކުގެ އެހީގައި ކެންސަރު ބަލިން މަރުވާ މީހުންގެ އަދަދު މަދުކުރުމުވެ. މި ދުވަސް ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް ދުވަހާގުޅޭ ޝިޢާރެއް ކަނޑައަޅައިރު މި އަހަރަށް ކަނޑަ އަޅާފައިވާ ޝިޢާރަކީ "I am and I will" އެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި ކެންސަރު ބައްޔަށް ފަރުވާކުރަމުން އަންނަ ފަރާތްތަކާއި، އެ ބައްޔައް ފަރުވާކޮށްފައިވާ ފަރާތްތަކަކީ ބަލިޖެހުމުގެ ފުރުޞަތު ބޮޑު އަދި ބަލިޖެހުމުން ބޮޑުވަރުވުމުގެ ފުރުޞަތު ބޮޑު ބައެއް ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ) ގެ ގައިޑްލައިންތަކަށް އަމަލުކުރުމަކީ ކޯވިޑް-19 އިން ކެންސަރުބަލީގެ ބަލިމީހުންނާއި އެމީހުންގެ ޢާއިލާތައް ސަލާމަތްވުމަށް ކުރުން ވަރަށް މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.­­