"މިވާހަކަ ބިނާކޮށް ލިޔެފައިމިވަނީ ހަގީގީ ހާދިސާއެއްގެ މައްޗަށެވެ. 2004 ވަނަ އަހަރު އަޅުގަނޑު ތ. އަތޮޅުގެ ރަށްތަކަށް ކުރި ޒިޔާރަތެއްގައި އެއަތޮޅު ރަށަކުން ދިމާވި ދެމީހަކު، ލޯބިވިތާ 45 އަހަރު ފަހުން ކުރެވުނު ކައިވެންޏެއްގެ މައްޗަށް ބިނާ ކޮށެވެ. މިދެމީހުންގެ ލޯބީގެވާހަކަ އެދުވަސްވަރު "ފިޔެސް" މަޖައްލާގައި އަޅުގަނޑު ޝާއިއު ކުރީމެވެ.
ރާއްޖޭގެ ދެކުނުން ތަޖުރިބާ ކުރެވުނު މިވާހަކަ މިހާރު މިވަނީ އުތުރަށް ބަދަލު ކުރެވިފައެވެ. އަދި ވާހަކައިގައި އުޅޭ މީހުންގެ ނަންތަކާއި ރަށްވެސް މިވަނީ ބަދަލު ކުރެވިފައެވެ. މިހާރު މިވާހަކައިގެ ނަމަކީ އިބްރާހިމްގެ ހުވަފެނެވެ. މިވާހަކައިން އެނގިގެންދާނެ އެއް ހަގީގަތަކީ ސާފު ތެދުވެރި ލޯތްބަކީ ކިތަންމެ ދުވަހެއް ވިއަސް ހިތުން ފިލުވާލަން ދަތި އަސަރު ހުރި ވަރުގަދަ ބާރެއް އެކުލެވޭ ގުޅުމެއް ކަމެވެ"
***
(28 ޖެނުއަރީ 2021 އާ ގުޅޭ)
ހަލީމަ، އިބުރާހިމަށް ގޮވައިލަން އައުމުން އިބުރާހިމުގެ ހިތްވަރު އާލާވެ ޢަޒުމު އާވިއެވެ. ޙަޤީޤަތުގައި އިބުރާހިމަށް ކުރިމަތިވީ މާބޮޑަށް ފިކުރު ކުރުމުން ލޭމައްޗަށް ދިއުމެވެ. ގަވާއިދުން ކާންޖެހޭ ބޭސް އެދުވަހު އިބުރާހިމު ހުރީ ނުކައެވެ. މިކަމުގެ ސަބަބުން ބޮލަށް އެނބުރުން އަރައި ވެއްޓުނީއެވެ.
ރަށުގައި އާބަނދަރު ހެދުމުގެ މަސައްކަތް ފެށުމަށް ޓަކައި މަސައްކަތައް ބޭނުންވާ ތަކެތި ބާލަމުންދާއިރު މިމަންޒަރު ދުށުމަށްޓަކައި ބައެއް މީހުން އަތިރިމައްޗަށް ނުކުމެ ތިއްބެއެވެ. އަދި އިރުވައިގެ ދުވަސްތަކުގައި ދުވާލުގެ ހޫނަށްފަހު ހަވީރުގެ ހިތްފަސޭހަކަމުން އުފާލިބިގަތުމަށް އަތިރި މަތީގައި ހުރި ގަސްތަކުގެ ދަށުގައި ތާސްކުޅުމަށް ދުވަސްވީ މީހުންނާއި ހަރުމީހުން ތިއްބެވެ. ލައްޓިއަށް ދިޔަ ދެ ދޯންޏެއްގެ މީހުންވެސް ލަފައިގެން މަސްބަހަނީއެވެ. އެތާނގައި ވެސް މަސްގަތުމަށާއި ހިލޭމަސް ލިބޭނެކަމުގެ އިންތިޒާރުގައި ބައެއް މީހުން ތިއްބެވެ.
މިހުރިހާ ކަމަކާ ދުރުގައި ޚިޔާލާ ފިކުރުގެ ކަނޑަކަށް ގެނބިފައި އެއިނީ ދެވަނަ ދެމީހެއް ނޫނެވެ. އިބުރާހިމެވެ. އޭނާ ޞިއްހީ މަރުކަޒުން ދޫކޮށްލީ މިއަދެވެ. ޑޮކްޓަރު ލަފާ ދީފައިވަނީ ހެލިފެލިވެ އުޅުމަށާއި ހިތްހަމަ ޖެއްސުމަށާއި ގަވާއިދުން ބޭސް ކެއުމަށެވެ. އިބުރާހިމަށް ހަލީމަ ދިން ހިތްވަރުން ވަނީ އުންމީދު އާލާވާން ފަށައިފައެވެ. އެކަމަކު ނޭނގޭ ކަމަކީ މިހާރު ލިބިފައިވާ އުންމީދުގެ ހުޅުކޮޅު ބޮޑުކޮށް ނުނިވޭނެ ގޮތަށް މަސައްކަތް ފަށަން ވީ ހިސާބެކެވެ. ހަލީމައާ އިސްވެ ވާހަކަ ދައްކަންވީ ގޮތެކެވެ.
ހޮސްޕިޓަލުގައި އޮއްވާ ގޮވާލަން ހަލީމަ އައި އިރު ކައިރީގައި ހުރީ ކާކުތޯ ވިސްނަނިކޮށް ހަނދާނަށް އައީ ޚަދީޖައެވެ. އަދި އެ ހުރިހާ ވާހަކައެއް ދެއްކީ ޚަދީޖާ ބަހައްޓައިގެންކަމަށް ވާތީ ޚަދީޖާއަކީ މިކަމުގެ މެދުވެރިއެއްގެ ބައި އަދާކުރެވިދާނެ މީހެއްކަން އިބުރާހިމަށް ޔަޤީން ކުރެވިއްޖެއެވެ. ޒުވާން ދުވަސްވަރު ހަލީމައާއެކު އޮތް ލޯބީގެ ގުޅުމުގައިވެސް ސިއްރު ވެރިއެއްގެ ބައި އަދާކުރީ ޚަދީޖާކަން މިހާރު ހަނދާން ވެއްޖެއެވެ.
"ޚަދީޖާ ހޯދަންވީ އޭނާ މެދުވެރިކޮށް މިކަން ވެދާނެ އެއީ ސިއްރު ވެރިޔާ" ހިތާހިތާ މިހެން ކިޔާލަކިޔާލާ އިންދާ އިބުރާހިމުގެ ލޮލުގައި އަޅައިގަތީ ކުޑަކުއްޖެއްގެ އަތުގައި ހިފައިގެން ހިނގާފައި އަންނަ އަންހެނެކެވެ. އެމީހަކު އަންނަނީ އިބުރާހިމު މަޑުކޮށްލައިގެން ހުރި ގަސްދޮށާ ދިމާއަށެވެ. އެއީ ކާކުތޯ ބަލައިލުމަށް ގަމީހު ޖީބުގައި އޮތް ނަންބަރު އައިނު ނަގައި ލޮލުގައި އަޅައިލިއެވެ. ކައިރި ވަމުން އައިވަރަކަށް އެއީ ކާކުކަން ދެނެގަނެވިއްޖެއެވެ. އެމީހަކީ ޚަދީޖާއެވެ.
ޚަދީޖާ އައިސް އިބުރާހިމުގެ ކައިރިއަށް ހުއްޓިއްޖެއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.
"އިބުރާހިމު އަވަހަށް ރަނގަޅުވީތީ އަހަރެން އުފާކުރަން، އަހަރެންނަށް ހީވަނީ ތިޔަ ޢުމުރުގައި އިބުރާހިމަށް އަމިއްލައަށް ނުކުރެވޭ ކަންކަމުގައި އަޅާލާނެ މީހަކު ބޭނުން ވާނެހެން."
އިބުރާހިމު ބަހެއް ނުބުނެ ކުޑައިރު ކޮޅަކު ހިމޭނުން އިނުމަށްފަހު ބުންޏެވެ. "ޚަދީޖާއަށް ރަނގަޅަށް އެނގޭނެ އަހަރެންގެ ހިތުގައިވެސް ތިޔަކަން އޮންނާނެކަން އެހެނަސް .... އަހަރެންނަށް ތިޔަފަދަ އެހީތެރިކަމެއް ލިބޭނީ ކާކުގެ ފަރާތުންބާވައޭ ހިތަށް އަރާ" އަދި މި ޢުމުރުގައި......!
މިހާތަނަށް އިބުރާހިމުގެ ވާހަކަ ދިޔަތަނާ މީހަކު [އައްސަލާމް ޢަލައިކުމް] އޭ ބުނެލި އަޑަށް އިބުރާހިމު އިސްއުފުލާ ބަލައިލިއެވެ. އަދި ހައިރާންކަމާއެކު އެމީހެއްގެ މޫނަށް އިތުރަށް ބަލައިލިއެވެ. އެއީ މިހާރުވެސް އިބުރާހިމުގެ ހިތުގައި ވިންދު ޖަހަމުންދާ އަދި އެމީހަކު ހޯދުމަށް ވިސްނަމުންދާ ހަލީމައެވެ.
އިރުކޮޅަކު ހިމޭނުން ބަހެއް ނުބުނެ އިނުމަށްފަހު ސަލާން ބަލައިގަތެވެ. ހަލީމަ ވާހަކަ ދައްކަން އުޅެން ފެށުމުން އަތުގެ އިޝާރާތުން އިހަށް މަޑުކޮށްލުމަށް ޚަދީޖާ ބުންޏެވެ. އެއްވެސް މީހަކު ބަހެއް ނުބުނެ އިރުކޮޅެއް ވީފަހުން ޚަދީޖާ ވާހަކަ ދައްކަން ފެށިއެވެ.
"އަހަރެން އިބުރާހިމު ގާތުގައި ދެންމެ މިބުނީ ތިޔަ ގޮތަށް އެކަނި ދިރިއުޅެން ނަހަދާށޭ. ކޮންމެވެސް މީހެއްގެ އެހީތެރި ކަންހޯދާށޭ."
އިބުރާހިމު އިނީ ދުރުން އުދުހިފައި އަންނަ ކޮވެއްޔަކަށް ބަލަހައްޓައި ގެނެވެ. އެގަހެއްގެ ހިޔަލުގައި އެންމެން ތިބި ގަހަށް ކޮވެލި ތިރިކޮށްލުމާއެކު ވަރަށް ބާރަށް ގޮވާލިއެވެ. ހުއްޓުމެއް ނެތި ދެތިން މިނެޓް ގޮވާލުމަށް ފަހު އުދުއްސައި ގަނެއްޖެވެ. އެވަގުތު އިބުރާހިމު ވާހަކަ ދައްކަން ފަށައިފިއެވެ.
"އަހަރެން ބިރުގަންނަނީ ކޮވެއްޔެއްފަދަ މީހެއްގެ އެހީތެރިކަން ހޯދަން. ވަރަށް ނަލަ އަޑަކުން ގޮވާލުމަށްފަހު އެގެއްލުނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި"
ޚަދީޖާ ބުނެލިއެވެ. އިބުރާހިމު ހިތްކިޔާ ކޮވެއްޔަކަށް ނުވާކަހަލަ އަންހެނަކު މިރަށުގައި އެބަހުރިތަ؟ އިބުރާހިމު އިސްދަށަށް ޖަހައިފިއެވެ. އަދި ފައިގެ ބޮޑުވާއިނގިލިން ބިމުގެ ވެލިގަނޑުގައި ކާއްތަން ފަށައިފިއެވެ.
ޚަދީޖާ އަނެއްކާވެސް ބުންޏެވެ. [އިބުރާހިމު ބަހެއް ނުބުނީ އެކަހަލަ މީހަކު މިރަށުގައި ނެތީތަ؟ ނޫނީ ބުނަން ނުކެރުނީތަ؟]
އިބުރާހިމު އެއިން ގޮތަށް ގުޑުމެއްވެސް އަރުވާނުލައި އިނދެފައި ފުންނޭވާއެއްލިއެވެ. އަދި ދެތިން ފަހަރު ހިންދިރުވާލާފައި ލަސްލަހުން މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ.
[އަހަރެންނަށް ކަމުދާ މީހަކު އެބަހުރި އެކަމަކު ހިޔެއްނުވޭ ލިބޭނެހެނެއް؟ އަހަރެންނަށް ވުރެ މާހިތްވަރު ގަދަ ކެރޭ މީހުންވެސް އެކަމާ އުޅެފި އެކަން އެ މީހުންނަށް ނުވީއިރު އަހަރެންނަށް ކިހިނެއް ވާނީ؟]
[ބަލަ އިބުރާހިމާ ކިތަންމެ ނުކެރޭ އަދި ނިކަމެތި މީހަކަސް އެކަމަކާ އުޅުނީމާ އެނގޭނީ ތިކަމާ އުޅެލަބަލަ އަހަރެންގެ އެހީތެރި ކަމެއް ބޭނުމިއްޔާ އަބަދުވެސް ލިބޭނެ" އިބުރާހިމު ބޯ ޖަހައިލިއެވެ.
މިހުރިހާ ވާހަކަ ދެއްކިއިރުވެސް ހަލީމަ ބަހެއްވެސް ނުބުނެ ހަށަމަށް އަތް އަރުވާލައިގެން ކަނޑުގެ ރާޅުގެ ފޮނުތަކާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. ހަލީމަ އިނީ އަވިއައިނެއް އަޅައިގެން ކަމަށްވާތީ ހަލީމަގެ ލޮލުން ކަރުނަ ހިލެމުންދާކަން އެކަކަށްވެސް ނޭނގެއެވެ. އޮއްސުމަށް މިސްރާބުޖަހާފައިވާ އިރުގެ ރަން ކުލައިގެ އަވި ދީފައިވާ ގަސްދަށުގައި ތިބިއިރު ގަހުގެ ގޮފިތަކުގައި ފަތް ނެތް ދިމަދިމާއިން ތިން މީހުންގެ މޫނަށް ވެސް އަވިދެއެވެ. ހަލީމަގެ ކޯތާފަތަށް އަވި އެޅޭ ވަގުތު ހަލީމަގެ ދޮންމޫނުގެ ކުލަ ފެންނަނީ މާ ނަލަ ކޮށެވެ. ދޭތެރެ ދޭތެރެއިން ސިއްރުސިއްރުން އިބުރާހިމު ވެސް ހަލީމަގެ މޫނަށް ބަލައިލައެވެ. (ނުނިމޭ)
***
އެޑިޓަރުގެ ނޯޓު: މިވާހަކައިގެ 8 ވަނަ ބައި ޝާއިއު ކުރެވޭނީ ދެން އަންނަ ބުރާސްފަތި ދުވަހުއެވެ.
ވަރަށް ސަޅިކޮށް މި ދަނީ މިވާހަކަ