ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޮވިޑް-19 ވެކްސިން ދޭން ފަށައި، ފުރަތަމަ ބުރުގައި 10،000 މުވައްޒަފުންނަށް ވެކްސިން ދޭނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދޭން ފަށާފައިވަނީ ސޯޝަލް ސެންޓަރުގައެވެ. މި މަސައްކަތް ފެށުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ރާއްޖޭގެ އިގްތިސޯދު އަނބުރާ ކޮޅަށް ޖެހުމުގައި އެންމެ އިސް ރޯލެއް އަދާކުރާ އެއްބަޔަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންކަން ފާހަގަކުރައްވާފައެވެ.

އިގްތިސޯދު އަނބުރާ ކޮޅަށް ޖެހުމުގައި މަސައްކަތްކުރާ ފަރާތްތަކަށް ލަސްނުކޮށް ކޮވިޑް-19 ވެކްސިން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމެއްކަން ފާހަގަކުރައްވައި ޑރ. މައުސޫމް ވިދާޅުވީ މި ސިނާއަތުގެ މުވައްޒަފުންނަށް ވެކްސިން ދިނުމުގައި ފުރަތަމަ ބުރުގައި 10،000 މުވައްޒަފުންނަށް ވެކްސިން ދޭން ނިންމާފައިވާކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތަކީ 51،000 އާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން ވަޒީފާ އަދާކުރަމުންދާ ސިނާއަތެއްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ވެކްސިން ދިނުމުގައި އެންމެ ފުރަތަމަ އިސްކަން ދީފައިވަނީ ގެސްޓުންނާ އެންމެ ގާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ދިނުމަށް ކަމަށެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން އިގްތިސޯދީގޮތުން ރާއްޖެ ވެއްޓުނު އަޑިގަނޑުން އަރައިގަތުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުން ކުރި ބުރަ މަސައްކަތުން މިއަދު ރާއްޖެ ގުނާލެވެނީ ދުނިޔޭގައި ލާމަސީލު މަންޒިލެއްގެ ގޮތުގައި ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. ރާއްޖެ ފާހަގަކޮށްލެވިފައިވަނީ މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި ފަތުރުވެރިންނަށާއި، މުވައްޒަފުންނަށް ދޭންޖެހޭ ސަލާމަތާއި، ރައްކާތެރިކަން ދީގެން ފަތުރުވެރިކަން ކުރިއަށްގެންދާ ގައުމެއްގެ ގޮތުގައިކަމަށް މިނިސްޓަރ މައުސޫމް ވަނީ ވިދާޅުވެފައެވެ.

2020 ވަނަ އަހަރު ވެގެންދިޔައީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ ހޮވިގެންދިޔަ އަހަރަށް. އިރާދަކުރެއްވިއްޔާ މި ވެކްސިން ޖަހަން ފެށުމަށްފަހު ތިބޭފުޅުން ތި އުފުއްލަވަމުން ގެންދަވާ ތަކުލީފަށް ލުއި ލިބިގެންދާނެ. ތީގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ރިސޯޓުގައި ތި ތިއްބެވީ އާއިލާއާ އަނބިދަރިން ކައިރިއަށް ނުގޮސް ގިނަ ދުވަސްތަކަކު.
ޑރ. އަބްދުﷲ މައުސޫމް

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެކްސިން ޖަހަން ފަށާފައިވާއިރު، ޓުއަރިޒަމް މިނިސްޓްރީއަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދެއްވާފައިވާ ބޭފުޅުންނާއި، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ގެސްޓްހައުސްތަކާއި ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ދިވެހި ފަންނާނުން ވަނީ ވެކްސިން ޖަހާފައެވެ.

އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑް-19ގެ ވެކްސިން ޖެހުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކޮށް ޓުއަރިޒަމް މިނިސްޓްރީން ބުނީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކޮށްފައިވާ މުވައްޒަފުންނަށް، އެމީހަކާ އެންމެ ގާތުގައި ހުރި ސެންޓަރަކުން ވެކްސިން ޖެހޭނެ ކަމަށެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ކޮވިޑް-19 ވެކްސިނަކީ އޮކްސްފޯޑް ޔުނިވާސިޓީއާއި، އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު، ގިނަ އަދަދެއްގެ މުވައްޒަފުން ރަޖިސްޓްރީކުރަމުންދާކަން ޓުއަރިޒަމް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.